Advertisement

އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން އަބްދުއްރަހްމާންގެ މަރުގެ މައްސަލަ އެބަ ބަލަން: ފުލުހުން

17 ޖުލައި 2025 - 22:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އއ. މާޅޮސް: އެ ރަށުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހްމާން މަރުގެ ތަހުގީގު އެކި އޭންގަލްތަކަށް ފޯކަސް ކޮށްގެން ފުލުހުން ދަނީ ކުރިއަށް ގެންދަމުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން އަބްދުއްރަހްމާންގެ މަރުގެ މައްސަލަ އެބަ ބަލަން: ފުލުހުން

17 ޖުލައި 2025 - 22:00 0

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހްމާން އާދަމް، 65 ގެ މަރުގެ މައްސަލަ އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި އަބްދުއްރަހްމާންގެ އާއިލާ އާއި ގާތްގުޅުން އޮތް މީހުންނާ ވާހަކަދައްކައި ސުވާލުކޮށް، އެ މީހުންގެ އެއްބާރުލުމާއެކު ހަގީގަތް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް މިގެންދަނީ ކުރަމުން. އެގޮތުން، މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އަބްދުއްރަހްމާންގެ މަރުގެ މައްސަލަ ތަހުގީގު ކުރެވޭ ވަކިވަކި މަސައްކަތްތަކާ ގުޅިގެން މައުލޫމާތު ދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން މައުލޫމާތު ހާމަކުރަމުންދާނެ ކަމަށެވެ.

އަބްދުއްރަހްމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ތަހުގީގުގެ ބޭނުމަށް އަބްދުއްރަހްމާން ދިރިއުޅުނު ގެ، މާހިޔާ، ކައިރި ބޮޑު ސަރަހައްދެއް ފުލުހުން ވަނީ ބަންދުކޮށްފަ އެވެ. އޭގެއިތުރުން އެ ރަށު ބައެއް މީހުންގެ ޑީއެންއޭ ސާމްޕަލް އާއި ފައިގެ ނިޝާނުގެ އިތުރުން އިނގިލީގެ ނިޝާން ވެސް ފުލުހުން ވަނީ ނަގައިފަ އެވެ.

މީގެއިތުރުން ފުލުހުން ވަނީ އަބްދުއްރަހްމާންއަށް އެހީވުމަށް އެރޭ އެތަނަށް ދިޔަ މީހުންނެވެ.

އެ މައްސަލައާ ގުޅިގެން މިހައިތަނަށް އަދި އެއްވެސް މީހަކު ފުލުހުން ހައްޔަރެއް ނުކުރެ އެވެ.

މާޅޮހުގައި ހަރަކާތްތެރިވާ ފުލުހުން ދަނީ ތަހުގީގުގެ ބޭނުމަށް، އެ ރަށަށް އަރައިފައިބާ މީހުން އަދިވެސް މޮނީޓާ ކުރަމުންނެވެ.