Advertisement

އަހަރުގެ ފުރަތަމަ ބައި ނިމުނުއިރު ދައުލަތަށް 20 ބިލިއަން ރުފިޔާ ލިބިއްޖެ

16 ޖުލައި 2025 - 14:26 0

އަމަން ހަލީމް

އަމަން ހަލީމް

މާލޭ ވިޔަފާރީ ބަނދަރުގަައި ކޮންޓެއިނަރުތައް ހުންނަ ސަރަހައްދު: އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ ވަނީ ދަށްވެފައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


އަހަރުގެ ފުރަތަމަ ބައި ނިމުނުއިރު ދައުލަތަށް 20 ބިލިއަން ރުފިޔާ ލިބިއްޖެ

16 ޖުލައި 2025 - 14:26 0

މި އަހަރުގެ ފުރަތަމަ ބައި ނިމުނުއިރު، ޓެކުހާއި ޓެކްސް ނޫން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 20 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސުން އާންމުކޮށްފައިވާ އެންމެ އަދާހަމަ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ 25 ވަނަ ހަފުތާ ނިމުނުއިރު، މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރި 39.7 ބިލިއަން ރުފިޔާގެ އާމްދަނީގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

ދައުލަތުގެ އާމްދަނީގެ ތެރޭގައި ހިމެނޭ ދާއިރާތަކުގެ ތެރެއިން ޓެކުހާއި ޓެކްސް ނޫން އާމްދަނީ ކުރީ އަހަރަށް ވުރެ އިތުރެވެ. ނަމަވެސް ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު ކުރީ އަހަރަށް ވުރެ ދަށެވެ.

މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރި ނަމަވެސް މިހާތަނަށް ލިބުނީ 162 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ ހިލޭ އެހީގެ އެންމެ ހަ ޕަސެންޓެވެ.

އާމްދަނީއަށް ލިބުނު 20 ބިލިއަނުގެ ތެރެއިން 15 ބިލިއަން ރުފިޔާ ލިބުނީ ޓެކްސް އާމްދަނީންނެވެ. މިއީ ކުރީ އަހަރަށް ވުރެ 700 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މާލީ ހިސާބުތަކުގެ އުސްއަލިތައް

  • އާމްދަނީ - 20.1 ބިލިއަން ރުފިޔާ
  • ހަރަދު - 18.7 ބިލިއަން ރުފިޔާ
  • ރިކަރަންޓު ހަރަދު - 16.6 ބިލިއަން ރުފިޔާ
  • ކެޕިޓަލް ހަރަދު - 2.1 ބިލިއަން ރުފިޔާ
  • ޕްރައިމަރީ ސާޕްލަސް - 3.5 ބިލިއަން ރުފިޔާ
  • އޯވަރޯލް ސާޕްލަސް - 1.3 ބިލިއަން ރުފިޔާ
  • ދަރަނި ދައްކަން ކުރި ހަރަދު - 3.2 ބިލިއަން ރުފިޔާ

ޓެކްސް އާމްދަނީ އިތުރުވީ މައިގަނޑު ސަބަބަކީ ޓޫރިސްޓުން އަންނަ އަދަދު އިތުރުވެ، ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ޓެކްސްތަކުން ލިބުނު އާމްދަނީ އިތުރުވުމާއި ގްރީން ޓެކްސް ރޭޓާއި އެއާޕޯޓު ޑިޕާޗާ ޓެކްސް ރޭޓު މަތިކުކުރުމުން އެ ދާއިރާތަކުން ލިބުނު އާމްދަނީ އިތުރުވުމެވެ.

ޓޫރިޒަމް ދާއިރާގެ ޓެކްސްތަކުން ލިބުނު އާމްދަނީ އާއި ޖީއެސްޓީ އާއި އަމިއްލަ ފަރުދުންގެ އަތުން ނަގާ އާމްދަނީގެ ޓެކްސް އިތުރުވީ ނަމަވެސް، ވިޔަފާރިތަކުން ނަގާ ކޯޕަރޭޓު އިންކަމް ޓެކްސް އާއި ވިތުހޯލްޑިން ޓެކްސް އަދި އެހެނިހެން ވިޔަފާރި ޓެކްސްތަކުން ލިބުނު އާމްދަނީ އާއި އިމްޕޯޓު ޑިއުޓީ އާމްދަނީ ކުރީ އަހަރާ އަޅައިބަލައިއިރު ދަށެވެ.

ޓެކްސް ނޫން އާމްދަނީއަށް ލިބުނު 4.6 ބިލިއަން ރުފިޔާގެ ބޮޑު ހިއްސާއަކީ ދައުލަތުން ނަގާ އެކި ފީތަކުން ލިބުނު އާމްދަނީ އާއި ހަރުމުދަލުން ލިބުނު އާމްދަނީ އެވެ. ޖުމްލަކޮށް ހުރިހާ ދާއިރާއަކުން ލިބުނު އާމްދަނީ ކުރީ އަހަރަށް ވުރެ އިތުރުވެފައިވާއިރު، ދަށްވީ ޖޫރިމަނާތަކުން ލިބުނު އާމްދަނީ އާއި ސަރުކާރު ކުންފުނިތަކުން ލިބުނު އާމްދަނީ އެވެ.

ރިޕޯޓުގައި ބަލާފައިވާ ހަފުތާގެ ތެރޭގައި އާމްދަނީއަށް ރެކޯޑު ކުރެވުނީ 342 މިލިއަން ރުފިޔާ އެވެ. އެ ހަފުތާގެ ތެރޭގައި ހަރަދުވީ 387 މިލިއަން ރުފިޔާ އެވެ.

އަހަރުގެ މިހާތަނަށް ކުރި ހަރަދަށް ވުރެ ލިބުނު އާމްދަނީ އިތުރުވުމާއެކީ، ބަޖެޓުގެ ޕްރައިމަރީ ބެލެންސު 3.5 ބިލިއަން ރުފިޔާއިން ސާޕްލަސް (އަަރަނި) ވީއިރު، އޭގެ ތެރެއިން ފައިނޭންސިން އާއި އިންޓްރެސްޓު ހަރަދު ކެނޑުމުން ވެސް 1.3 ބިލިއަން ރުފިޔާ ސާޕްލަސް އެވެ.