Advertisement

ފްލެޓުތަކަށް ކުލި ނުދައްކާ މީހުން އެމްއެމްއޭގެ ކްރެޑިޓު ލިސްޓަށް ލަނީ، ލޯނު ނުލިބިދާނެ

16 ޖުލައި 2025 - 11:45 3

އަމަން ހަލީމް

އަމަން ހަލީމް

އޮންލައިންކޮށް ބޭންކެއްގެ ލޯނަކަށް މީހަކު ހުށަހަޅަނީ: ލޯނެއް ދޫކުރުމުގެ ކުރިން ކްރެޑިޓު ރަޖިސްޓްރީގައި ހުރި މައުލޫމާތު ބޭންކުތަކުން ބަލާނެ --- ފޮޓޯ: އެމްއެމްއޭ


ފްލެޓުތަކަށް ކުލި ނުދައްކާ މީހުން އެމްއެމްއޭގެ ކްރެޑިޓު ލިސްޓަށް ލަނީ، ލޯނު ނުލިބިދާނެ

16 ޖުލައި 2025 - 11:45 3

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފްލެޓުތަކަށް ކުލި ނުދައްކާ މީހުންގެ މައުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ކްރެޑިޓް އިންފޮމޭޝަން ބިއުރޯ (ސީއައިބީ) އާ ހިއްސާކުރަން ފަށާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އެޗްޑީސީން މިކަމާ ގުޅޭ މައުލޫމާތެއް ނުދިން ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި މިއީ ކުލި ނުދައްކާ މީހުންނާ ދެކޮޅަށް އެ ކުންފުނިން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، ކުރަމުން އަންނަ ކަމެކެވެ.

ކުލި ނުދައްކާ މީހުންނަށް ނޯޓިސް ދީ، އެހެން ފިޔަވަޅުތައް އަޅަން ފެށީ އެޗްޑީސީއަށް ނުލިބިވާ ކުލީގެ އަދަދު އިންތިހާއަށް ބޮޑު ވުމާ ގުޅިިގެންނެވެ. އެޗްޑީސީން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުގައި ސޯޝަލް ހައުސިން ޔުނިޓުތަކުން އެ ކުންފުންޏަށް ނުލިބިވާ ކުލީގެ އަދަދު 841 މިލިއަން ރުފިޔާ އަރަ އެވެ.

މި ލިސްޓުގައި އާންމުންގެ މައުލޫމާތުތައް ހިމަނަން ފެށި ނަމަވެސް އެޗްޑީސީން ކުއްޔަށް ނަގާފައިވާ ބިންތަކަށް ކުލި ނުދައްކާ ވިޔަފާރިތަކުގެ މައުލޫމާތު ފޮނުވަން ފެށި ކަމެއް ސާފެއް ނުވި އެވެ. މި ގޮތަށް ނުލިބިވާ އަދަދު އުޅެނީ ބިލިއަން ރުފިޔާއިން މަތީގަ އެވެ.

އެމްއޭއޭގައި އޮންނަ ސީއައިބީއަކީ ގައުމީ ފެންވަރުގެ ކްރެޑިޓު މައުލޫމާތު ހިމެނޭ ރަޖިސްޓްރީ އެކުލަވާލާ ތަނެވެ. އާންމުންނާއި ވިޔަފާރިތަކުގެ މައުލޫމާތު ހިމެނޭ މި ރަޖިސްޓްރީއަށް ބޭނުންވާ މައުލޫމާތު އާންމުކޮށް ފޯރުކޮށްދެނީ ބޭންކުތަކާއި ފައިނޭންސް ކުންފުނިތަކުންނެވެ.

އެމްއެމްއޭގެ ވެބްސައިޓުގައިވާ ގޮތުގައި، އެ އޮތޯރިޓީގެ ވިސްނުމަކީ ކުރިމަގުގައި، ޓެލެކޮމް ކުންފުނިތަކާއި ޔުޓިލިޓީ ކުންފުނިތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން ދަަރަންޏަށް މުދަލާއި ހިދުމަތް ފޯރުކޮށްދޭ އެހެނިހެން ނޮން-ފައިނޭންޝަލް މުއައްސަސާތައް ވެސް މި ބިއުރޯގެ މެންބަރުންގެ ގޮތުގައި ހިމެނުމެވެ.

ކްރެޑިޓު ރަޖިސްޓްރީއަކީ އާންމުންނާއި ވިޔަފާރިތަކަށް ލޯނުތައް ލޯނު ނެގުމަށް ފަސޭހަކޮށްދިނުމުގެ އިތުރުން، ކްރެޑިޓު ދޫކުރާ މާލީ އިދާރާތަކަށް ހިރާސް ކުޑަކުރުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. އެ ގޮތުން ލޯނަކަށް އެދި ހުށަހަޅާ ކޮންމެ ފަހަރަކު ސީއައިބީގެ ޑޭޓާބޭސްގައި ހުރި އެ ކަސްޓަމަރެއްގެ މައުލޫމާތު ބޭންކުތަކާއި ފައިނޭންސިން ކުންފުނިތަކަށް ލިބޭނެ އެވެ.