Advertisement

މީޑިއާއަށް ވާހަކަ ތިލަވި ފަހުން ގަމުގައި ކަރަންޓު ނުލިބިގެން އުޅުނު ގެއަށް ކަރަންޓު ގުޅައިދީފި

15 ޖުލައި 2025 - 10:26 2

އަހުމަދު އާބާދު: މީޑިއާއަށް ވާހަކަ ތިލަވި ފަހުން ޖެހިގެން އައި ދުވަހު ފެނަކައިން އެ ގެއަށް ކަރަންޓު ގުޅައިދިން -- ފޮޓޯ: އަހުމަދު ނަޒީރު


މީޑިއާއަށް ވާހަކަ ތިލަވި ފަހުން ގަމުގައި ކަރަންޓު ނުލިބިގެން އުޅުނު ގެއަށް ކަރަންޓު ގުޅައިދީފި

15 ޖުލައި 2025 - 10:26 2

ލ. ގަމުގައި މީހުން ދިރިއުޅޭ ގެއަކަށް ކަރަންޓު ނުގުޅައިދީ އަހަރެއްހާ ދުވަސް ހޭދަ ކުރުމަށްފަހު އެ ވާހަކަ މީޑިއާއަށް ތިލަވުމުން ޖެހިގެން އައި ދުވަހު އެ ގެއަށް ކަރަންޓު ގުޅައިދީފި އެވެ.

ލ. ގަން، މަތިމަރަދޫ، އަހުމަދު އާބާދަށް ކަރަންޓު ގުޅައިދޭން އެ ރަށު ފެނަކަ ބްރާންޗުގައި ގޯތީގެ ވެރި ފަރާތުން އެދުނީ ޖުލައި 10، 2024، ގަ އެވެ. އެ ގެއަށް ކަރަންޓު ނުގުޅައިދޭ ވާހަކަ ޖުލައި 6، މި ނޫހުގައި ޖެހުމުން ޖެހިގެން އައި ދުވަހު ކަރަންޓު ގުޅައިދިން ކަމަށް ގޭގެ ވެރިފަރާތުން މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.

"ނޫހުގަ ޖެހީމަ އެ މަސައްކަތް ކުރާނެ މީހުން ވެސް ވެއްޖެ، ސާމާނު ވެސް ހަމަވެއްޖެ. މިއޮތް ހުރިހާ ދުވަހު ބުނީ މިވެނި އެއްޗެއް ނެތޭ، މިވެނި ކަމެއް ކުރާނެ މީހަކު ނެތޭ،" އަހުމަދު އާބާދުގެ ވެރި ފަރާތް، އަހުމަދު ނަޒީރު ބުންޏެވެ.

ފެނަކައިން ކަރަންޓު ގުޅައިނުދީގެން އަހުމަދު ވަނީ އެ މައްސަލަ ކޯޓަށް ވެސް ވައްދައިފަ އެވެ. އެކަމަކު، މައްސަލައަށް ޖަވާބުދާރީވާން ފެނަކައިން ކޯޓަކަށް ވެސް ހާޒިރެއް ނުވި އެވެ. ޖޫން 24، 2025، ގައި އެ މައްސަލަ ނިންމަމުން ކޯޓުން ފެނަކަށް އަމުރު ކުރީ ގިނަވެގެން 10 ދުވަހުގެ ތެރޭގައި އަހުމަދު އާބާދަށް ކަރަންޓު ގުޅައިދިނުމަށެވެ.

އަހުމަދު އާބާދަކީ 4000 އަކަފޫޓުގެ ގޯއްޗެކެވެ. އެ ގޭގެ އެއް ބައި ރަޖިސްޓްރީކޮށްފައި އޮންނަނީ އެޅިގާ އަޅާ ތަނެއް ހިންގުމަށެވެ. އެ މަސައްކަތަށް ބޭނުންވާ މެޝިނަރީޒް ވެސް ގޭގެ ފެރި ފަރާތުން ހުރީ ގެނެސްފަ އެވެ.

"މެޝިނުތައް އެ ހުރީ ހަމަ ބޭނުންނުކޮށް ބަހައްޓާފަ. ވަރަށް ބޮޑު ގެއްލުމެއްވޭ އެބަ ކަރަންޓު ނުލިބިގެން. ކަރަންޓު ނެތީމަ އެ ލިބޭ ގެއްލުން އެނގޭނީ ކަރަންޓު ނެތީމަ،" ކަރަންޓު ނެތް އިރު މި ނޫހާ ވާހަކަ ދައްކަމުން އަހުމަދު ބުންޏެވެ.

ކަރަންޓު ނެތް އިރު ވެސް އެ ގެގޭގައި އެއް ބޮކި އަދި އެއް ފަންކާ ބޭނުން ކުރި އެވެ. އެ ދޭއްޗަށް ކަރަންޓު ދިނީ ޖެހިގެން ހުރި ގެއިން ނަރެއް ގެނެސްގެން ކަމަށް އަހުމަދު ބުންޏެވެ.

"ޖެހިގެން ހުރި ގެއިން ހިމަ ނަރެއް ގެނެސްގެން ބޮއްކަކާ، ފަންކަލަކާ ގުޅައިގެން މި ދިރިއުޅެނީ. ކަރަންޓާ ނުލައި ކިހިނެއް އުޅޭނީ؟ މި ޒަމާނުގައި އެކަކަށް ވެސް ނޫޅެވޭނެ ކަރަންޓާ ނުލައި،" އަހުމަދު ބުންޏެވެ.