Advertisement

ފިކުރީ މުދާ ހިމާޔަތް ކުރަން އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކުރަން ގާނޫނެއް ހަދަނީ

15 ޖުލައި 2025 - 10:45 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ފިކުރީ މުދާ ހިމާޔަތް ކުރަން އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކުރަން ގާނޫނެއް ހަދަނީ

15 ޖުލައި 2025 - 10:45 0

ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

"މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނު" ނަމުގައި ވުޖޫދުކުރަން ނިންމާފައިވާ މި ގާނޫނަށް ބޭނުންވާ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދެވެ. މި ބިލުގައި އޮތީ ފަސް ބާބެކެވެ.

މި ބިލުގައިވާ ގޮތުން "ފިކުރީ މުދާ" ގެ ތެރޭގައި ހިމެނެނީ ޓްރޭޑްމާކާއި، ޕޭޓަންޓާއި، ކޮޕީރައިޓާއި، އިންޑަސްޓްރިއަލް ޑިޒައިން އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތަކެވެ.

މި ބިލު ގާނުނަކަށް ވުމާއެކު މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި އެކަމަށް ހާއްސަ އޮފީހެއް ގާއިމުކުރާނެ އެވެ.

އެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓްރީ ކުރުމާއި، ރަޖިސްޓްރީ ކުރާ މުދަލުގެ ދަފްތަރެއް އެކުލަވާލުން ހިމެނެ އެވެ. ހަމައެހެންމެ، ފިކުރީ މުދަލާ ގުޅޭ ހޭލުންތެރިކަން އިތުރު ކުރުމާއި ބައިނަލްއަގުވާމީ މުއާހަދަތަކުގެ ދަށުން ކުރަން ޖެހޭ ކަންކަން ކުރުމާއި ވިލަރެސް ކުރުން ހިމެނެ އެވެ.

އެ އޮފީސް ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ. އެ މަގާމަށް މީހަކު އައްޔަނުކުރާނީ އިގުތިސޯދީ މިނިސްޓަރެވެ.

އެ މަގާމަށް އަންނަ މީހެއްގެ ދައުރަކީ ފަސް އަހަރެވެ. ފިކުރީ މުދާ ރަޖިސްޓްރީ ކުރުމާއި، ރަޖިސްޓްރީ ކުރާ މުދަލުގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓެވުމުގެ ޒިންމާ އަދާކުރައްވަނީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ.

މި ގާނޫނުގެ ދަށުން އެކުލަވާލާ ދަފްތަރުގައި ނުވަ ޝަރުތެއް ހަމަވާން ޖެހެ އެވެ. އެއީ؛

  1. ރަޖިސްޓްރީ ކުރެވޭ މުދަލާއި އޭގެ ކްލެސިފިކޭޝަން
  2. ރަޖިސްޓްރީ ކުރެވޭ ފިކުރީ މުދަލުގެ ވެރިފަރާތުގެ މައުލޫމާތު
  3. ރަޖިސްޓްރީ ކުރެވޭ ފިކުރީ މުދަލުގެ ވެރިފަރާތަށް ލިބިދޭ ހައްގުތައް
  4. ރަޖިސްޓްރީ ކުރި ތާރީހު
  5. ރަޖިސްޓްރީ ކުރެވޭ މުދަލަށް ހިމާޔަތް ލިބިދެވޭ މުއްދަތެއް
  6. ރަޖިސްޓްރީ ކޮށްފައިވާ ފިކުރީ މުދަލާ ގުޅޭގޮތުން ރަޖިސްޓްރީގައި ހިމަނަން ގާނޫނުން ލާޒިމުކުރާ މުއާމަލާތްތަކުގެ މައުލޫމާތު
  7. ހައްގުތައް ބަދަލުކުރެވިފައިވާނަމަ، އެކަން ނުވަތަ ލައިސަންސިން އެގްރީމެންޓެއްވާނަމަ އެކަން ހިމެނޭ ގޮތުން، ރަޖިސްޓްރޭޝަންގެ ހާލަތު
  8. ރަޖިސްޓްރޭޝަނަށް ގެނެވޭ އެންމެހާ ބަދަލުތައް
  9. ރަޖިސްޓްރީ ކޮށްފައިވާ ފިކުރީ މުދަލާ ބެހޭ، ކަމާބެހޭ ގާނޫނުގައި އަދި މި ގާނުނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެ ނޫންވެސް މައުލޫމާތު

މި ގާނޫނުގެ ދަށުން ރަޖިސްޓްރާ ފިކުރީ މުދަލެއް ރަޖިސްޓްރީ ނުކޮށްދީފިނަމަ އެ ނިންމުން 14 ދުވަހުގެ ތެރޭގައި މުރާޖާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެއީ މުރާޖާކުރަން ޖެހޭ ނިންމުމެއް ނަމަ 45 ދުވަހުގެ ތެރޭގައި އެކަމާ މެދު ރަޖިސްޓްރާ ގޮތަށް ނިންމަން ޖެހޭނެ އެވެ. ރަޖިސްޓްރާގެ ނިންމުން ކޯޓަށް ހުށަހެޅަން 30 ދުވަހުގެ ފުރުސަތެއް ލިބޭނެ އެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވައި މިއަދު ވަނީ އިބްތިދާއީ ބަހުސް ފަށާފަ އެވެ.