Advertisement

މިރޭ ވެސް މާލެ ސަރަހައްދުގައި އެކްސިޑެންޓެއް، މިފަހަރު ހައިވޭގައި

14 ޖުލައި 2025 - 23:35 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ބުރިޖުން މާލެއަށް ސައިކަލުގައި މީހަކު ފައިބައިގެން ދަނީ: މިރޭ ވެސް މާލެ ސަރަހައްދުގައި އެކްސިޑެންޓެއް ވަނީ ހިނގާފަ --- ފޮޓޯ: އަދަދު


މިރޭ ވެސް މާލެ ސަރަހައްދުގައި އެކްސިޑެންޓެއް، މިފަހަރު ހައިވޭގައި

14 ޖުލައި 2025 - 23:35 3

މާލެއިން ހުޅުމާލެއަށް ދާން އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ހައިވޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނަކަށެވެ. މި ހާދިސާއާއި ގުޅޭގޮތުން ފުލުހުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދަށް ދިޔަ މި ނޫހުގެ ނޫސްވެރިންނަށް އެ ސަރަހައްދުން ވެއްޓި ގެއްލުން ލިބިފައިވާތަން ފެނިފައިވަނީ އެންމެ ސައިކަލެކެވެ. ބެލެވޭ ގޮތުގައި ސައިކަލު ކަހާލައިގެން ނުވަތަ ހައިވޭގެ އަރިމަތީގައި ހުންނަ ރެއިލިންގައި ޖެހި ވެއްޓުނީ އެވެ.

އަނިޔާވި ދެ މީހުންގެ ތެރެއިން ފިރިހެން މީހާގެ ގައިގެ އެކި ތަންތަނުން ހަން ގޮސްފައި ހުރިއިރު، އަންހެން މީހާއަށް ލިބުނު އަނިޔާތައް ސާފެއް ނުވި އެވެ. އެ ދެ މީހުން ވެސް މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފަ އެވެ. އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މާލޭގައި ރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ. ބާރަށް ދުއްވި ސައިކަލަކުން މަގު ހުރަސް ކުރަން މަސައްކަތް ކުރި މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި 17 އަހަރުގެ ކުއްޖަކު ނިޔާވެ 16 އަހަރުގެ ކުއްޖަކަށާއި 40 އަހަރުގެ މީހަކަށް ދަނީ ފަރުވާދެމުންނެވެ. އެ ދެ މީހުންގެ ހާލު ސީރިއަސް ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެ އެވެ.

މަރުވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ދަރިފުޅު އަލްސަން، 17، އެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަހު މާލެ ސަރަހައްދުގައި 1،101 އެކްސިޑެންޓު ހިނގާފައިވެ އެވެ. މި އެކްސިޑެންޓުތަކުގައި 1،107 އުޅަނދަކަށް ގެއްލުންވެ 121 މީހަކަށް އަނިޔާވެފައިވެ އެވެ. އޭގެތެރެއިން 61 އިންސައްތަ މީހުންނަށް ސީރިއަސް އަނިޔާތަކެއް ވެފައިވާއިރު މަރުވި މީހުންގެ އަދަދެއް ފުލުހުން ނުބުނެ އެވެ.