14 ޖުލައި 2025 - 21:09 0
އަހުމަދު އާއިދު
14 ޖުލައި 2025 - 21:09 0
އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ދިޔަ 15 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ކުއްޖާ ފީނަން ދިޔައީ މިއަދު މެންދުރު ކަމަށާއި އޭނާ އާއެކު އިތުރު ތިން ކުއްޖަކު ދިޔަ ކަމަށެވެ. އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ މިރޭ 7:00 ހާއިރު ކަމަށެވެ.
އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައީ އެމްއެންޑީއެފް އިންނެވެ. ސިފައިންގެ މީޑިއާ އޮފިޝަލު ފޮނުވި މެސެޖެއްގައި އެ ކުއްޖާ ފެނިފައިވާކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި ސިފައިންގެ ޑައިވަރުންނަށް އެ ކުއްޖާ ފެނުނު އިރު ވެސް އޮތީ މަރުވެފަ އެވެ.
އެ ކުއްޖާގެ ހަށިގަނޑު ފެނުނު ފުންމިނެއް އަދި އިތުރު އެއްވެސް ތަފުސީލެއް މިހާތަނަށް ފުލުހުން އަދި ސިފައިން އާންމުކޮށްފައެއް ނުވެ އެވެ. އެ ރަށު ކައުންސިލަރަކު މައުލޫމާތު ދިން ގޮތުގައި ސިފައިންނަށް އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 19 މީޓަރު އަޑިންނެވެ.
އެ ކުދިން ފީނަން ގޮސް އުޅުނީ މާމިގިލި ބަނދަރު ބޭރު ބެޑާ ދިމާލަށް ކަމަށާއި އެކުގައި ދިޔަ ކުދިން އޭނާ ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން، ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ އެ ކުދިން ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
Comment