Advertisement

އަބްދުއްރަހްމާންގެ މަރު: އެއްދުވަސް ވީއިރު ވެސް ތަހުގީގުގެ މައުލޫމާތު ހާމަނުކުރާތީ ރައްޔިތުންގެ ކަންބޮޑުވުން

14 ޖުލައި 2025 - 13:40 2

އއ. މާޅޮސް

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަބްދުއްރަހްމާންގެ މަރާ ގުޅިގެން އޭނާ ދިރިއުޅެމުންދިޔަ ގެ ކައިރި ސަރަހައްދެއް ފުލުހުން ބަންދުކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އަބްދުއްރަހްމާންގެ މަރު: އެއްދުވަސް ވީއިރު ވެސް ތަހުގީގުގެ މައުލޫމާތު ހާމަނުކުރާތީ ރައްޔިތުންގެ ކަންބޮޑުވުން

14 ޖުލައި 2025 - 13:40 2

އއ. މާޅޮސް

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހްމާން އާދަމް، 65، ގެ މަރުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަށް އެއް ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެއްވެސް މައުލޫމާތެއް ހާމަނުކުރާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އަބްދުއްރަހްމާން މަރުވީ ހޮނިހިރު ދުވަހުގެ ރޭ އޭނާ ނިދާފައި އޮއްވައި، ގޮތް ނޭނގޭ މީހަކު އޭނާގެ ބޮލަށް ދިން އަނިޔާވެރި ހަމަލާގެ ސަބަބުންނެވެ. އަބްދުއްރަހްމާން މަރުވީ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެނިކޮށެވެ. ފުލުހުންގެ ހާއްސަ ޓީމަކުން ގެންދަނީ އިއްޔެ ހެނދުން ފެށިގެން މާޅޮހުގައި ހަރަކާތްތެރިވަމުންނެވެ.

އަދަދު އާ ވާހަކަ ދެއްކި މި ރަށު ޒުވާނަކު ބުނީ އަބްދުއްރަހްމާންގެ މަރާ ގުޅިގެން މި ރަށު ރައްޔިތުން ތުހުމަތު ކުރާ އެއްވެސް މީހަކު ނެތް ކަމަށެވެ. އެހެންކަމުން އެ އަނިޔާވެރި މަރާ ގުޅޭގޮތުން ކޮންމެވެސް ވަރެއްގެ މައުލޫމާތެއް ފުލުހުން ހާމަކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

"މިހާރު މި ރަށު ރައްޔިތުން ކޮންމެ ތަނަކު ވެސް އެ ދައްކަނީ އެއް ވާހަކައެއް، ކާކު ބާއޭ މި މިރަށުގައި އެވަރުގެ ކަމެއް ކުރާނެ ހުންނާނީ؟، ދެން ކޮންމެ މީހެއް ކައިރީ އަހައިލިޔަސް ހަމަ ދައްކާނީ މި ވާހަކަ، އެހެންވީމާ ފުލުހުން އެބަޖެހޭ މިހާރު ކޮންމެވެސް އެއްޗެއް ބުނަން،" މީގެ ކުރިން ރިސޯޓެއްގައި ވަޒީފާ އަދާކުރި އެ ޒުވާނާ ބުންޏެވެ.

އޭނާ ބުނީ މާޅޮހު ރައްޔިތުންނަކީ މިފަދަ ކަމެއް މީގެ ކުރިން ދުވަހަކު ވެސް ތަޖުރިބާ ކޮށްފައި ނުވާ ބަޔަކަށް ވާތީ އަބްދުއްރަހްމާންގެ މަރާ ގުޅިގެން ރަށުގައި ބިރުވެރިކަމެއް އުފެދިފައިވާ ކަމަށެވެ.

"ހަމަ ހަގީގަތަށް މި ބުނީ، ރޭގައި އަހަރެން ހަޔާތުގައި ވެސް އަލަށް ބިރުގަތް ގޭ ބޭރުގައި ސިނގިރޭޓެއް ބޯން އެކަނި ހުންނަން،" އެ ޒުވާނާ ބުންޏެވެ.

އަބްދުއްރަހްމާންގެ މަރާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގާ ގުޅޭގޮތުން ސުވާލު ކުރުމުން އެ އިދާރާއިން ބުނީ އެ މައްސަލައިގައި މިހައިތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

"ތަހުގީގުގެ މަސައްކަތްތައް ދަނީ ކުރަމުން [އެއްވެސް މީހަކު ހައްޔަރެއް] އަދި ނުކުރޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގެ ތަހުގީގަށް މި ރަށު އެއްވެސް މީހަކާ ސުވާލު ކުރިކަން ނުވަތަ ނޫންކަން ފުލުހުން ކަށަވަރެއް ނުކޮށްދިނެވެ. މި ރަށުން ވާހަކަދެއްކި މީހުން ބުނީ އެ މައްސަލައާ ގުޅިގެން މި ރަށު ރައްޔިތަކާ ސުވާލު ކުރިކަން އެމީހުންނަށް ނޭނގޭ ކަމަށެވެ.

"އަދި އެނގިފައެއް ނެތް މި ރަށު މީހަކާ ސުވާލު ކުރިކަމެއް، ކޮށްފިއްޔާ އެނގޭނެ ދޯ އަހަރުމެން މިކޮޅުގައި ތިބި މީހުންނަށް،" މި ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އަބްދުއްރަހްމާނުގެ ހަށިގަނޑުގެ އިތުރު ތަހުލީލުތައް ހެދުމަށް އިއްޔެ ހަވީރު ވަނީ މާލެ ގެންގޮސްފަ އެވެ. ފުލުހުން ބުނީ އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.

މާޅޮހުގައި ހަރަކާތްތެރިވާ ފުލުހުން ދަނީ ތަހުގީގުގެ ބޭނުމަށް، ރަށަށް އަރައިފައިބާ މީހުން މޮނީޓާ ކުރަމުންނެވެ.