Advertisement

މުޒާހަރާ ކުރުމުން ދައުވާކުރުމަށްފަހު ސަރުކާރުން އދ. ގައި ބުނީ އެއްވެ އުޅުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް

14 ޖުލައި 2025 - 09:37 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭގައި ކުރި މުޒާހަރާއެއް ރާވަން ފުލުހުންގެ ސިފައެއް އެތުރިގެން: މުޒާހަރާ ކުރުމުން ޝިމަން އާއި މަހުޒޫމްއަށް ދައުވާކުރުމަށްފަހު ސަރުކާރުން އދ. ގައި ބުނީ އެއްވެ އުޅުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް ---- ފޮޓޯ: އަދަދު


މުޒާހަރާ ކުރުމުން ދައުވާކުރުމަށްފަހު ސަރުކާރުން އދ. ގައި ބުނީ އެއްވެ އުޅުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް

14 ޖުލައި 2025 - 09:37 0

މިދިޔަ އޭޕްރީލް މަހު މާލޭގައި ޒުވާނުން ކުރި މުޒާހަރާތައް ލީޑުކުރި އަބްދުالله މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށްފަހު، އެއްވެ އުޅުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށް ބުނެ ސަރުކާރުން އދ. ގައި ވޯޓު ދީފި އެވެ.

އެއްވެ އުޅުމުގެ ފުރިހަމަ މިނިވަން ދޭންޖެހޭ ކަމަށް ބުނެ ސަރުކާރުން ވޯޓު ދިނީ ޖުލައި 9، ގައި ނިންމާލި އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 59 ވަނަ އާންމު ބައްދަލުވުމުގައި ފާސް ކުރި ގަރާރަކަށެވެ.

މި ބައްދަލުވުމަށްފަހު ދިވެހި ހާރިޖިއްޔާއިން ޖުލައި 10، ގައި ނެރުނު ބަޔާނެއްގައި އެއްވެ އުޅުމުގެ މިނިވަންކަމާއި އެއްކޮޅަށް ރާއްޖެއިން ޖޮއިންޓް ސްޓޭޓްމަންޓެއް ދިން ކަމަށް ވަނީ ބުނެފަ އެވެ. މި ބައްދަލުވުމުގައި ފާސް ކުރި ގަރާރުތަކުގެ ތެރޭގައި އެއްވެ އުޅުމުގެ މިނިވަންކަމާއި ބެހޭ ގަރާރު ހިމެނެ އެވެ.

ގަރާރުގައި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިތުރުން ސިޔާސީ މަސައްކަތް ކުރުމުގެ މިނިވަންކަމާއި ގުޅޭ ހައްގުތަކުގެ ތަފުސީލުތައް ހިމެނެ އެވެ. މި ރިޒޮލިއުޝަން އެކުލަވާލި ކޯ ގްރޫޕުގައި ވެސް ރާއްޖެ ހިމެނެ އެވެ.

ސަރުކާރުން އދ. ގައި މިފަދައިން ވަކާލާތުކޮށްފައި ވާއިރު، މަހުޒޫމު އާއި ޝިމަން ލީޑުކުރި މުޒާހަރާތަކަކީ ސިޔާސީ މުޒާހަރާތަކެއް ނޫނެވެ. އެ ދެ މީހުންނަށް ދައުވާ ކުރީ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ޒުވާނުން އެތައް ރެއެއް މަތިން ކުރި މުޒާހަރާތަކުގެ ތެރެއިން ހައްޔަރު ކުރުމަށްފަހެވެ.

މަހުޒޫމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ފުލުހެއްގެ ގައިގައި އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. ޝިމަންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.

މަހުޒޫމްއަށް ފޮނުވާފައިވާ ދައުވާ ފޯމުގައި ބުނެފައި ވަނީ މަހުޒޫމްގެ މައްޗަށް ދައުވާ އުފުލަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ހ. ގެ އެއްވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ ށ. ގެ ތިންވަނަ ނަންބަރުގެ ދަށުން ކަމަށެވެ. އެ ކުށް ކުރާ މީހަކަށް ދެވޭ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ޝިމަންއަށް ފޮނުވާފައިވާ ދައުވާ ފޯމުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލަނީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ހ. އާ ހަވާލާދީ އެ މާއްދާގެ ށ. ގެ ދަށުން ކަމަށެވެ. އެ ކުށް ކުރާ މީހަކަށް ދެވޭ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ކުށަށް ދެވޭ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

މުޒާހަރާގެ ތެރެއިން އެ ދެ މީހުން ހައްޔަރުކުރީ ފުލުހުން ބާރުގެ ބޭނުން ކުރުމަށްފަހު އެވެ. ހައްޔަރުކުރުމުގެ ތެރޭގައި އެ ދެ މީހުންނަށް އަނިޔާވި އެވެ. އެ އަނިޔާތަކަށް ފަރުވާ ހޯދުމަށް ވަގުތުން ވަގުތަށް ހޮސްޕިޓަލަށް ގެންދިޔުމަށް ފުލުހުން ދެކޮޅު ހެދި ކަމަށް ވެސް މަހްޒޫމް އާއި ޝިމަން ބުނެ އެވެ.