Advertisement

ވިލާ ކޮލެޖުގައި އިންޓަނޭޝަނަލް އިންޕުޓް-އައުޓްޕުޓް އެސޯސިއޭޝަން ކޮންފަރެންސް ފަށައިފި

9 ޖުލައި 2025 - 11:06 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިލާ ކޮލެޖުގައި އިންޓަނޭޝަނަލް އިންޕުޓް-އައުޓްޕުޓް އެސޯސިއޭޝަން ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު


ވިލާ ކޮލެޖުގައި އިންޓަނޭޝަނަލް އިންޕުޓް-އައުޓްޕުޓް އެސޯސިއޭޝަން ކޮންފަރެންސް ފަށައިފި

9 ޖުލައި 2025 - 11:06 0

އިގްތިސާދީ ދިރާސާގެ ދާއިރާއިން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ކޮންފަރެންސް، އިންޓަނޭޝަނަލް އިންޕުޓް-އައުޓްޕުޓް އެސޯސިއޭޝަންގެ 31 ވަނަ ކޮންފަރެންސް ވިލާ ކޮލެޖުގައި ފަށައިފި އެވެ.

ބައިނަލްއަގްވާމީ އިދާރާ އަކާއި އެކު ދިވެހިރާއްޖޭގައި މިފަދަ ދާއިރާއަކުން ބާއްވާ އެންމެ ބޮޑު އެއް ކޮންފަރެންސް ކުރިއަށްދާނީ ހުކުރު ދުވަހުގެ ނިޔަލަށެވެ. އެ ކޮންފަރެންސްގައި ދުނިޔޭގެ 38 ގައުމެއް ތަމްސީލުކުރާ 196 ބޭފުޅުން ބައިވެރި ވެ އެވެ.

އަށްޑިހަ އަށް ޔުނިވަރސިޓީއެއްގެ ދަރިވަރުން ބައިވެރިވާ އެ ކޮންފަރެންސްގެ ތެރޭގައި 'އިންޕުޓް-އައުޓްޕުޓް އެނަލިސިސް' އާއި ގުޅުންހުރި އެކި ދާއިރާތަކުން 150 އަށްވުރެ ގިނަ ދިރާސާ ކަރުދާސް ހުށަހަޅާނެ އެވެ.

ވިލާ ކޮލެޖުގައި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ޗީފް ގެސްޓްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދާއި ރާއްޖެފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކުރިމަގަށްޓަކައި އިގްތިސާދީ ދިރާސާތައް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުއްވާފަ އެވެ.

މި ކޮންފަރެންސްގައި އެމެރިކަން ޔުނިވާސިޓީގެ ޕްރޮފެސާ ރޮބަޓް ކޫޕްމަން، ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ ޕްރޮފެސަރ ޖިންގް މެންގް، އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ ޕްރިންސިޕަލް ސްޓެޓިސްޓިޝަން ޑރ. މަހިންތަން ޖޯސެފް މާރިއަސިންހަމް ވާހަކަދައްކަވާނެ އެވެ.

އެ ބޭފުޅުންގެ ވާހަކަފުޅުތަކުގައި ޖިއޯ-އިކޮނޮމިކް ބާރުތައް، ގްލޯބަލް ސަޕްލައި ޗެއިންތަކުގައި "ގްލޯބަލް ސައުތު" ގެ ދައުރު، އަދި މި ޒަމާނުގެ އިގްތިސާދީ ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލާނެ އެވެ.

ކޮންފަރެންސްގެ މުހިންމު ބައެއްގެ ގޮތުގައި، ދިރާސާކުރާ ޒުވާން ބޭފުޅުންނަށް ހާއްސަކޮށްގެން "އިންޓަނޭޝަނަލް ސްކޫލް އޮފް އިންޕުޓް-އައުޓްޕުޓް އެނަލިސިސް" ގެ 13 ވަނަ އެޑިޝަން ޖުލައި 7، ގައި ބޭއްވި އެވެ.

ޖުމްލަ 115 ބައިވެރިންނާއެކު ކުރިއަށް ދިޔަ އެ ތަމްރީނު ޕްރޮގްރާމުގެ މަގްސަދަކީ، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ތަނަވަސްކޮށްދީ، ތަޖުރިބާކާރުންގެ ލަފާ ހޯދުމުގެ މަގުފަހިކޮށްދިނުމެވެ.

މީގެ އިތުރުން، ޒުވާނުންގެ ރިސަރޗް ހުނަރުވެރިކަން ދައްކާލުމަށް 'ޔަންގް ރިސާޗާސް ނައިޓް' އަދި 'ފްލޭޝް ޕްރެޒެންޓޭޝަން' ފަދަ ހާއްސަ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެ އެވެ.

މި ކޮންފަރެންސްގައި 40 އަހަރުން ދަށުގެ ޒުވާނުންގެ ތެރެއިން ހޮވާލެވޭ އެންމެ މޮޅު ކަރުދާހަށް "ލިއޮންޓީފް މެމޯރިއަލް ޕްރައިޒް" ގެ ނަމުގައި ހާއްސަ އިނާމެއް ދޭނެ އެވެ. އެ އިނާމުގެ ދަށުން 1,000 ޔޫރޯގެ ފައިސާގެ އިނާމެއްގެ އިތުރުން، އެ ކަރުދާސް IIOA ގެ ރަސްމީ ޖާނަލް "އިކޮނޮމިކް ސިސްޓަމްސް ރިސާޗް" ގައި ޝާއިއުކުރާނެ އެވެ.