Advertisement

17 މިލިއަން ރުފިޔާއަށް އެޅޭ އިމާރާތެއް ގައިދީން ބޭނުންކޮށްގެން ތިން މިލިއަނަށް އަޅަނީ

9 ޖުލައި 2025 - 13:46 0

އަމަން ހަލީމް

އަމަން ހަލީމް

މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމުގައި ގައިދީން ހަރަކާތްތެރިވަނީ: ގައިދީން ބޭނުންކޮށްގެން އަޅާ ޖަލު އިމާރާތްކުރަނީ ތިން ފަންގިފިލާގެ އިމާރާތެއް --- ފޮޓޯ: އެޗްއާރުސީއެމް


17 މިލިއަން ރުފިޔާއަށް އެޅޭ އިމާރާތެއް ގައިދީން ބޭނުންކޮށްގެން ތިން މިލިއަނަށް އަޅަނީ

9 ޖުލައި 2025 - 13:46 0

ބާޒާރުން ލިބެން ހުރި އަގުގައި އަޅާ ނަމަ 17 މިލިއަން ރުފިޔާ ހަރަދުވާ އިމާރާތެއް، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީން ބޭނުންކޮށްގެން އެއަށް ވުރެ ފަސް ގުނަ ހެޔޮ އަގުގައި އިމާރާތްކުރަމުން އަންނަ ކަމަށް އެ ހިދުމަތުން ބުނެފި އެވެ.

ގައިދީން ބޭނުންކޮށްގެން ކަރެކްޝަނުން ހުޅުމާލޭ ޖަލުގައި އިމާރާތްކުރަމުން އަންނަނީ ތިން ފަންގިފިލާގެ އިމާރާތަކެވެ. މި މަސައްކަތް ގައިދީން ބޭނުންކޮށްގެން ކުރަމުން އަންނަނީ، ކަރެކްޝަންސް މުވައްޒަފުންގެ ކޯޕަރޭޓިވް ސޮސައިޓީ، ޕްރިސްކޯއާ ހަވާލުކޮށްގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި މި މަސައްކަތުގެ މައުލޫމާތު ދެމުން ޕްރިސްކޯގެ ވެރިއަކު ބުނީ، އޭނާގެ ހިސާބުތަކުން ދައްކާ ގޮތުގައި ގައިދީން ބޭނުންކޮށްގެން މި މަސައްކަތް ކުރުމުން، މުޅި މަޝްރޫއަށް ގިނަ ވެގެން ވެސް ތިން މިލިއަން ރުފިޔާ އެވެ.

"ތި ދެންނެވި އިމާރާތް އަޅާކަށް އަދި އަޅުގަނޑުގެ އެސްޓިމޭޝަން ބުނާ ގޮތުން ވެއްޖިއްޔާމުން ތިން މިލިއަން ރުފިޔާ ވެސް ނުދާނެ އެ ހިސާބަށް އެތަން ހަދާ ނިންމާކަށެއް،" އޭނާ ބުންޏެވެ.

ޕްރިސްކޯއިން ބުނި ގޮތުގައި އޮފިސަރުންގެ ބެލުމުގެ ދަށުން ގައިދީން ލައްވައި މަސައްކަތް ކުރުވުމަކީ އެ ޖަމިއްޔާ އުފެދުމުގެ ކުރިން ވެސް ކަރެކްޝަނުން ކުރަމުން އަންނަ ކަމެކެވެ. އެ ގޮތުން ކަރެކްޝަނުން ބަލަހައްޓާ މާފުށީ ޖަލާއި ހުޅުމާލޭ ޖަލާއި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ އެކިއެކި މަސައްކަތްތައް މި ގޮތަށް ކުރާ ކަމަށް އޭނާ ބުންޏެވެ.

"ޖަލުތަކުގެ އެތެރޭގެ މަރާމާތުގެ ހުރިހާ މަސައްކަތެއް ކުރާނީ ޖަލު އޮފިސަރުންނާއި ގައިދީން ބޭނުންކޮށްގެން. އޮފިސަރުން ކުރާނެ ކަމަކީ އެ މީހުން މޮނީޓާކޮށް، އެ މީހުންނަށް މަސައްކަތް ދަސްކޮށްދިނުން،" އެ އޮފިޝަލް ބުންޏެވެ.

ޕްރިސްކޯގެ އޮފިޝަލް ބުނީ އެ މަސައްކަތް ކުރަމުން ދަނީ އެ ޖަމިއްޔާއިން ތަކެތި ފޯރުކޮށްދޭ ގޮތަށް، ގައިދީންނަށް މަސައްކަތް ދަސްކޮށްދީގެން، އެ މީހުން ލައްވައި ހުރިހާ މަސައްކަތެއް ކުރުވައިގެންނެވެ. މި މަސައްކަތަށް އުޖޫރައެއް ވެސް ދޭ ކަމަަށް ޕްރިސްކޯއިން ބުންޏެވެ. ނަމަވެސް ގައިދީންނަށް ދެނީ ކިހާ ވަރެއްގެ އުޖޫރައެއް ކަމެއް ކޮމިޓީގައި ނުުބުނެ އެވެ.

ޖަލުތަކުގެ މަސައްކަތްތައް ޕްރިސްކޯގެ ބެލުމުގެ ދަށުން ކުރުމަކީ ދައުލަތަށް ހަރަދުކުޑަ ގޮތެއް ކަމަށް ޕްރިސްކޯއިން ބުންޏެވެ. އަދި އެހެން ކުންފުނިތަކާ މަސައްކަތް ހަވާލުކޮށްގެން ކުރުމުން އަރާ އަގާއި، ޕްރިސްކޯއިން ގައިދީން ބޭނުންކޮށްގެން އިމާރާތްކުރުމަށް ހިނގާ އަގުގައި ބޮޑު ފަރެއްގެ އުޅޭ ކަމަށް ވެސް އެ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭ އެއް މިލިއަން ރުފިޔާއަށް އެކަން ވާން އޮންނަކަން. އެކަމަކު ބިޑުލާ މީހާ މިލަނީ ހަތަރު މިލިއަން ރުފިޔާ،" އެ އޮފިޝަލް ބުންޏެވެ.

ހަރަދު ކުޑަކުރެވުމުގެ އިތުރުން، ގައިދީންނާ ހަވާލުކޮށްގެން މަސައްކަތް ކުރުމުން އެ މީހުންގެ ރިހެބިލިޓޭޝަނަށް ފައިދާ ކުރާ ކަމަށް ވެސް ކަރެކްޝަނުން ގަބޫލުކުރެ އެވެ. އަދި މިއީ މެލޭޝިއާ ޕްރިޒަންސްގެ ރިހެބިލިޓޭޝަން ޕްރޮގްރާމުތައް އެޑޮޕްޓުކޮށްގެން، ގައިދީންނަށް މަސައްކަތް ދަސްކޮށްދީ، އެ ކުރާ މަސައްކަތުން ނަފާ ލިބޭ ގޮތަށް ހިންގޭ ރިހެބިލިޓޭޝަން މޮޑެލްއެއް ކަމަށް ޕްރިސްކޯއިން ބުންޏެވެ.

ގައިދީން ލައްވައި މަސައްކަތް ކުރުވައިގެން ހެޔޮ އަގުގައި މަސައްކަތް ކުރެވޭ ކަމަށް ބުނި ނަމަވެސް މިއިން މަސައްކަތެއްގެ އެއްވެސް ހިސާބެއް ފެންނަން ނެތުމުން މި މައުލޫމާތު ކަށަވަރު ކުރެވޭނެ ގޮތެއް ނެތެވެ. މާލިއްޔަތު ކޮމިޓީން ވެސް ވަނީ ޕްރިސްކޯއިން ބުނާ ހިސާބުތަކުގެ އަދަދު ކަށަވަރުކުރަން އެ ޖަމިއްޔާގެ އޮޑިޓުތައް ހުށަހަޅަން އަންގާފަ އެވެ.