Advertisement

ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ހުއްޓުމުގެ ބިރު އޮތް ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

9 ޖުލައި 2025 - 09:26 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު: ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ހުއްޓުމުގެ ބިރު އޮތް ކަމަށް ބުނެ އޭނާ ހުށަހެޅި ކުއްލި މައްސަލަ މިއަދު ވަނީ ބޭރުކޮށްލާފަ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ހުއްޓުމުގެ ބިރު އޮތް ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

9 ޖުލައި 2025 - 09:26 0

ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތް ދިނުމަށް ދަތިތަކެއް ހުރި ކަމަށާއި އެ ހޮސްޕިޓަލުގެ ހިންގުން ހުއްޓުމަކަށް އައުމުގެ ބިރު އޮތް ކަމަށް ބުނެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މިއަދުގެ ޖަލްސާގައި މި މައްސަލަ ބަލައިގަނެ، ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި ކުއްލި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލަން ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ 37 މެންބަރުން ވޯޓު ދެއްވި އެވެ.

ޝަމްހީދު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ޕްރައިވެޓް ކްލިނިކް ތަކުގެ އަގު ބޮޑުވެ، ގިނަ އަދަދެއްގެ ރައްޔިތުން ހުޅުމާލެ ހޮސްޕިޓަލަށް ދާން މަޖުބޫރުވެފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުން މަހަކު އެވްރެޖުކޮށް 15،000 އަށްވުރެ ގިނަ މީހުން ހިދުމަތް ހޯދާ ކަމަށާއި ހިދުމަތް ދަތްވެގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ހުޅުމާލެ ހޮސްޕިޓަލާމެދު ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް

  • ހުޅުމާލެ ހޮސްޕިޓަލަކީ 24 ގަޑިއިރު ހިދުމަތްދޭ ތަނެއް ކަމަށް ކަނޑައަޅާއިފައިވީ ނަމަވެސް، އެގޮތަށް ހިދުމަތްދިނުމަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތްކަން.
  • މިހާރު ތިބި މެޑިކަލް އޮފިސަރުންނާކީ ތަނަށް ބޭނުންވާ އަދަދަށްވުރެ މާ މަދު ބައެއްކަމާއި، ގިނަ އިރު މަސައްކަތްކަތްކުރަން ޖެހުމުން، ބަލިމީހުން ބެލުމުގައި ފޯކަސް ގެއްލޭކަން.
  • ކުރިންސުރެ ދެމުންއައި އިތުރުގަޑީގެ ފައިސާ ދިނުން ހުއްޓައިލުމާ ގުޅިގެން، ޑޮކްޓަރުން އިތުރަށް މަސައްކަތްކުރުމަށް ބޭނުންނުވާކަން.
  • އިތުރުގަޑީގެ ފައިސާ ދިނުން ހުއްޓައިލުމާ ގުޅިގެން، ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމާއި ސްޓޫޑަންޓް ލޯން ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުވައްޒަފުން އެހެން ތަންތަނުގައި ވަޒީފާ އަދާކުރަމުންދާކަން.
  • އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓެއް މިވަގުތު ނެތްކަމާއި، ހާޓް އެޓޭކެއް ޖެހިގެން މީހަކު ގެނެވިއްޖެނަމަ ފަރުވާދެވޭނެ ގޮތެއް ނެތްކަމާއި، އައި.ޖީ.އެމް ހޮސްޕިޓަލަށް ފޮނުވައިލުން ނޫން ކަމެއް ކުރެވެން ނެތްކަން.
  • މިވަގުތު ނިއުރޯލޮޖިސްޓެއް ނެތްކަން.

މީގެ އިތުރުން ޖޫން 27، ގައި ކަރަންޓުގެ ކެނޑި އެ މައްސަލަ ހައްލުކޮށް އޯޕީޑީ އާންމު ހާލަތަށް ގެންނަން ހަ ގަޑިއިރު ނެގި ކަމަށާއި އިއްޔެ ވެސް ގަޑިއިރެއްހާ އިރަށް ހޮސްޕިޓަލުގެ ހިދުމަތަށް ބުރޫއެރި ކަން ވެސް ޝަމްހީދު ފާހަގަކުރެއްވި އެވެ. ޖޫން 27، ގައި ހިދުމަތް މެދުކެނޑި ބަލިމީހުން އެހެން ތަންތަނަށް ބަދަލުކުރަން ވެސް ޖެހުނެވެ.