Advertisement

މިލަންދޫ ފުލުހުންގެ ކޮއްތަށް ދޭ ފައިސާ "ޑީލެއް" ހަދައިގެން އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއް ބަލަނީ

8 ޖުލައި 2025 - 21:55 0

މިލަންދޫ ޕޮލިސް ސްޓޭޝަން: މި މައްސަލައިގައި 15 ފުލުހަކު ޝާމިލުވާ ކަމަށް މައުލޫމާތު ލިބޭ -- ފޮޓޯ: ގޫގުލް އިމޭޖަސް


މިލަންދޫ ފުލުހުންގެ ކޮއްތަށް ދޭ ފައިސާ "ޑީލެއް" ހަދައިގެން އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއް ބަލަނީ

8 ޖުލައި 2025 - 21:55 0

ށ. މިލަންދޫ ފުލުސް އޮފީހުގައި ވަޒީފާ އަދާކުރާ ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ރަސްމީ މީޑިއާ ގްރޫޕުގައި މިކަމުގެ މައުލޫމާތުތައް ހިއްސާކުރީ، މިފަދަ މައްސަލައެއް އުޅޭ ކަމަށް ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ނޫސްވެރިޔަކު ސުވާލުކުރުމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓުތަކުގައި މި ފުލުހުންނަށް ތުހުމަތުކޮށްފައި ވަނީ ފުލުހުންގެ ކޮއްތު ފައިސާ އާއި އަމިއްލަ ސައިކަލުތަކަށް ޕެޓްރޯލް އެޅުމުގެ ބޭނުމުގައި އަމިއްލަ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފަ އެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތުގައި އެ މީހުންގެ އެކައުންޓުތަކަށް ޖަމާވީ ކޮން ފައިސާއެއް ކަމެއް ނުބުނެ އެވެ. އެކަމަކު އެ މީހުންގެ މައްސަލަ ބަލަމުން އަންނަނީ މާލެ ގެނެސްގެންނެވެ. އެކަމަކު މި މައްސަލައިގައި ހިމެނޭ ފުލުހުންގެ އަދަދާއި އެހެން އެއްވެސް މައުލޫމާތެއް ފުލުހުން ނުބުނެ އެވެ.

އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި 15 ވަރަކަށް ފުލުހުން ޝާމިލުވެ އެވެ. މި މީހުންގެ އެކައުންޓަށް ޖަމާކުރަމުން ދިޔައީ ފުލުހުންނަށް ކާން ދޭން ކޭޓަރިން ހިދުމަތްދޭ މީހުންނަށް ދޫކުރާ ފައިސާ އެވެ.

މި ފައިސާ ފުލުހުންގެ އެކައުންޓުތަކަށް ޖަމާކުރަމުން ދިޔައީ ކޭޓަރިން ހިދުމަތްދޭ މީހުންނާ ހެދި ޑީލެއްގެ ދަށުންނެވެ. މި ޑީލުގެ ދަށުން އެ މީހުން ކައިބޮއެ ހަދަމުން ދިޔައީ އަމިއްލައަށް ނަމަވެސް ކޭޓަރިން ހިދުމަތް ލިބޭ ކަމަށް ހަދައިގެން އެ ފައިސާ ބިލުކޮށް ނަގާފައި ވެ އެވެ. މިކަމެއް ހިނގަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް މި ނޫހަށް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ.