8 ޖުލައި 2025 - 13:08 5
އަމަން ހަލީމް
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (ކަރެކްޝަންސް) ގެ އޮފިސަރުންތަކެއް: ގައިދީންގެ ކެއުމުގެ ކަންކަން ކަރެކްޝަންސްގެ ކޮންޓްރޯލްގެ ދަށުގައި އޮންނަން ޖެހޭ ކަމަށް ކޮމިޓީގައި ބުނި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
8 ޖުލައި 2025 - 13:08 5
ކަރެކްޝަންސްއިން ބަލަހައްޓަމުންދާ ޖަލުތަކުގައި ތިބޭ ގައިދީންނަށާއި އޮފިސަރުންނަށް ކާން ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަން ދިމާވާ އެންމެ ބޮޑު ދައްޗަކީ ފިނޭންސް މިނިސްޓްރީން ބިލުތަކަށް ފައިސާ ނުދިނުން ކަމަށް އެ އިދާރާގެ ވެރިން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބުނެފި އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، ކަރެކްޝަންސް މުވައްޒަފުންގެ ކޯޕަރޭޓިވް ސޮސައިޓީ، ޕްރިސްކޯއާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައި މި ވާހަކަ ދެކެވުނީ، ގައިދީންނާއި އޮފިސަރުންނަށް ކާން ދިނުމުގެ ކަންކަމާ ޕްރިސްކޯއާ ހަވާލުކުރުމާ ގުޅިގެން ކުރެވުނު މަޝްވަރާތަކުގަ އެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވީ ޕްރިސްކޯގެ ވެރިންނެވެ.
ޕްރިސްކޯގެ އޮފިޝަލަކު ކޮމިޓީގައި ބުނީ، ޕްރިސްކޯއާ ކޭޓަރިން ކަންކަން ހަވާލުކުރަން ޖެހުނީ ޖަލުތަކުގައި ތިބޭ މީހުންނަށް ގަވާއިދުން ކާން ދިނުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ކަމަށެވެ. މިހެން ދިމާވާ މައިގަނޑު ސަބަބަކީ، އެ އޮފިޝަލް ބުނި ގޮތުން ނަމަ، ކޭޓަރިން ހަވާލުކުރާ ޕާޓީތަކަށް ފިނޭންސް މިނިސްޓްރީން ދޭން ޖެހޭ ފައިސާ ނުލިބި ލަސްވުމެވެ.
"މިއިން ކޮންމެ ޕާޓީއަކަށް ވެސް ދިމާވާ މައްސަލައަކީ ފައިސާގެ މައްސަލަ. ފިނޭންސް މިނިސްޓްރީން އެ މީހުންނަށް ފައިސާ، އެންމެ މަހެއްގެ ބިލެއްގެ ފައިސާ ނުލިބުނަސް ހަމަ އޮފިސަރުންނަށް ދޭން ޖެހޭ އައިޓަމްތަކަށް އެބަ އާދޭ ބަދަލު އަދި ގައިދީންނަށް ހިދުމަތް ދިނުމުގައި އެބަ ހުރި ކޮލިޓީ ދަށް ވެފައި،" އޭނާ ބުންޏެވެ.
ޕްރިސްކޯއިން ބުނީ ގަވާއިދުން ގަޑިންގަޑިއަށް ކާން ނުދެވުމަކީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި މަސްލަހަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި މިއީ، ކަރެކްޝަނުން ކޯޓާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ޖަވާބުދާރީވާން ޖެހޭ ކަންކަން ކަމަށް އެ ކޯޕަރޭޓިވްގެ އޮފިޝަލަކު ބުންޏެވެ.
އެހެންވެ، ގައިދީންނަށް ކާން ދިނުމުގެ ކަންކަމުގެ ކޮންޓްރޯލް ކަރެކްޝަނުގައި އޮތުން މުހިންމު ކަމަށް ޕްރިސްކޯގެ އޮފިޝަލް ބުންޏެވެ. އަދި މިހާރު އޮތް ގޮތަށް ޕްރިސްކޯގެ ދަަށަށް އެކަންކަން ބަދަލުކުރެވިގެން ދިޔައީ، ކާން ދިނުމުގެ ހިދުމަތަށް ބުރޫއަރައި، ޖަލުގެ މަސްލަހަތު ގެއްލިގެންދާ ފަދަ ހާލަތެެއް ކުރިމަތިވިޔަ ނުދިނުމަށް ކަމަށް އޭނާ ބުންޏެވެ.
"[ޖަލުތަކުގެ] އޮޕަރޭޝަން މި ގޮތަށް ހިންގާ އިރުގައި، ހިދުމަތްދޭ ފަރާތުގެ އެއްވެސް ކަހަލަ ތަކުލީފެއް، ނޫނީ މީގެ ގޯހެއް، ނޫނިއްޔާމުން އެ މީހުންގެ ފަރާތުން މީގެ ކަމެއް ދިމާވެއްޖެއްޔާމުން އަޅުގަނޑުމެން މުޅި އޮޕަރޭޝަން ހުއްޓާލަން ޖެހޭ،" އޮފިޝަލް ބުންޏެވެ.
"އަނެއްކާ ޖަލު ކޮންޓްރޯލް ކުރުމަށް އެންމެ އުނދަގޫ ވާނެ ކަަމަކީ ބަނޑުހައިހޫނު ކަމާއި މި ކަހަލަ ކަންކަމުގެ ހަޅުތާލަކަށް ގޮސް ކާއެއްޗެހީގެ ޝަކުވާ ކުރުން."
މާލޭ ސަރަހައްދުގެ ޖަލުތަކުގައި ކާން ދިނުމުގެ ކަންކަން ކަރެކްޝަނުން މިދިޔަ އޭޕްރިލް މަހުގެ ފެށިގެން ހަވާލުކޮށްފައި ވަނީ ޕްރިސްކޯއާ އެވެ. ޕްރިސްކޯއިން އެ މަސައްކަތް ކުރަމުން އަންނަނީ މޭނާ ކޭޓަރިންއަށް އައުޓްސޯސްކޮށްގެންނެވެ.
މިހެން އޮތުމުން، ކަރެކްޝަނުން ބޭނުންވާ ކޮންޓްރޯލު އޮތުމުގެ މަގުސަދު ހާސިލުވޭތޯ މާލިއްޔަތު ކޮމިޓީގައި އިންނަވާ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ސުވާލުއުފެއްދެވި އެވެ. މި ސުވާލަށް ޖަވާބު ދިން ކަރެކްޝަނުގެ އޮފިޝަލް ބުނީ، އެ ކޮންޓްރޯލް އޮތީ މިހާރު ކަރެކްޝަނުގައި ކަމަށެވެ.
އެ ގޮތުން މިހާރު ވެސް ޕެންޑިން ބިލުތަކުގެ އަދަދު 30 މިލިއަން ރުފިޔާއަށް އަރާއިރު، ކަރެކްޝަނާއި މޭނާ ކޭޓަރިންއާ އޮންނަ ގާތް ގުޅުމުގެ ދަށުން އެ ފައިސާ ނުލިބުނަސް ކާން ދިނުމުގެ ކަންކަން ހަމަޖައްސަމުން އަންނަ ކަމަށް ޕްރިސްކޯއިން ބުންޏެވެ.
ގަވާއިދުން ފައިސާ ނުލިބޭ މައްސަލައިގައި ހުރި ޝަކުވާތައް އޮއްސާލަމުން، ހަ މަސް ދުވަހުގެ ބިލުތައް ތާށިވެފައި ހުރި ކަމަށް ޕްރިސްކޯއިން ބުންޏެވެ. އަދި ބަރާބަރަށް ފިނޭންސަށް ބިލުތައް ޕޯސްޓު ކުރަމުން ދިޔަ ނަމަވެސް އެ ބިލުތަކަށް ފައިސާ ދޭން އެތައް މަސްދުވަހެއް ހޭދަވާ ކަމަށް ކުރިން ވެސް ވާހަކަ ކޮމިޓީގައި ވާހަކަ ދެއްކި އޮފިޝަލް ބުންޏެވެ.
"މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފައިސާ ލިބުނީ މިދިޔަ މަހުގައި ބައެއް ކުންފުނިތަކަށް، އަޅުގަނޑުމެންނަށް ޕްރިސްކޯއަށް ލިބުނީ. މިއަށް ވުރެ ބޮޑަށް ވެސް ތާށިވެގެން ގޮސްފި. މި އަހަރުގެ ގާތްގަނޑަކަށް އޭޕްރިލް މަހާ ހަމައަށް އައި އިރުގައި އެއްވެސް ފައިސާއެއް ނުވަދެ ވެސް ހިނގައްޖެ އަޅުގަނޑުމެންނަށް،" އޭނާ ބުންޏެވެ.
ކަރެކްޝަނުން މި ޝަކުވާތައް އޮއްސާލިއިރު، ގިނަ ވިޔަފާރިތަކުން، ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، ވެސް އަންނަނީ މި ޝަކުވާ ކުރަމުންނެވެ. ވާރުތަވީ ބިލުތައް ހިމެނޭހެން ބިލުތަކަށް ގަވާއިދުން ފައިސާ ދައްކަމުން އަންނަ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ގިނަ ވިޔަފާރިތަކުން ބުނަނީ ލިބެން ޖެހޭ ފައިސާތައް އަދިވެސް ނުލިބޭ ކަމަށެވެ.
ސަރުކާރުން އާންމުކުރާ ރަސްމީ ތަފާސްހިސާބުތަކުގައި، ނުދައްކައިވާ ބިލުގެ އަދަދެއް ފެންނާކަށް ނޯވެ އެވެ. އިދިކޮޅު އެމްޑީޕީން ލަފާކުރަނީ، ނުދައްކައިވާ ބިލުތަކުގެ އަދަދު 13 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ނިޔަލަށް ހުރި ހަތް ބިލިއަން ރުފިޔާއަށް އަހަރުގެ މިހާތަަަނަށް އިތުރުވީ ފައިސާ ކަމަށް އެ ޕާޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވެ އެވެ.
Comment