Advertisement

ކޮންޓިންޖެންސީ ބަޖެޓުން ޑްރޯން ގަތްއިރު ރައްޔިތުންގެ މަތިން ހަދާނެއް ނެތް، ހިޔާލެއް ނުހޯދާ: މީކާއިލް

8 ޖުލައި 2025 - 10:26 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް: އޭނާ ވިދާޅުވީ ކޮންޓިންޖެންސީ ބަޖެޓުން ޑްރޯން ގަތްއިރު ރައްޔިތުންގެ މަތިން ހަދާނެއް ނެތް ކަމަށް ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ކޮންޓިންޖެންސީ ބަޖެޓުން ޑްރޯން ގަތްއިރު ރައްޔިތުންގެ މަތިން ހަދާނެއް ނެތް، ހިޔާލެއް ނުހޯދާ: މީކާއިލް

8 ޖުލައި 2025 - 10:26 0

މި ސަރުކާރުގެ ކުރީކޮޅު ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން އަސްކަރީ ޑްރޯންތަކެއް ގަތްއިރު ރައްޔިތުންގެ ގާތު އަހައިވެސް ނުލާ ކަމަށާއި އޭރު ރައްޔިތުންގެ މަތިން ހަދާނެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހާ ހަމަތައް ބަޔާންކޮށް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުންނެވެ.

"ކޮންޓިންޖެންސީ ބަޖެޓުން ޑްރޯން ގަންނަން ވީމާ އިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަތިން ހަދާނެއް ނެތް. ކޮބާތޯ ހަރަދު އިއްޒަތްތެރި ރައީސް. ކޮބާތޯ ހަރަދު. މުލިއާގެ ރެނޮވޭޓުކުރަން އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރަން ވީމަ އިއްޒަތްތެރި ރައީސް ކޮބާތޯ ރައްޔިތުން،" މީކާއިލް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ތުރުކީގެ އަސްކަރީ ކުންފުންޏަކުން މި ޑްރޯންތައް ގަތުމަށް ދައުލަތުގެ ސަޕްލިމެންޓަރީ ބަޖެޓުން 37 މިލިއަން ޑޮލަރު ހޭދަކުރި އެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ކުރާ ބޮޑެތި ހަރަދުތަކާއި ހިންގާ ބޮޑެތި ޖަރީމާތަކުގައި ރައްޔިތުންގެ އަޑު ނާހާ ކަމަށާއި މި ބިލަކީ ރައްޔިތުންގެ އަޑު އަހަން ކަމަށް ބުނެ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ބަދަލުކޮށް 2028 ގެ އިންތިހާބު ވަގަށް ނެގުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

"މިއިކީއެއް ރައްޔިތަކަށް ކަމެއް ފަސޭހަ ކޮށްދޭކަށެއް ނޫން. މިއީ ސަރުކާރަށް، ރައީސް މުއިއްޒުގެ އިސްތަށިފުޅަށް ކަންކަން ފަސޭހަކުރަން ހުށަހަޅުއްވާފަ އޮތް ބިލެއް. އެއީ ރައްޔިތެއް ކައިރިއަށް ދެން ދާން ނުޖެހޭނެ ގޮތަށް، ރައްޔިތެއް ކައިރި ކަމަކު އަހާލަން ވެސް ނުޖެހޭ ގޮތަށް ހުށަހެޅި ބިލެއް،" މީކާއިލް ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދުކުރާ މެންބަރުން ބުނަނީ މިއީ ބޮޑެތި ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. މިއީ މީގެ އެތައް އަހަރެއް ކުރިން ވުޖޫދަށް އަންނަން ޖެހޭ ގާނޫނެއް ކަމަށް ވެސް ޕީއެންސީގެ މެންބަރުން ބުނެ އެވެ.

ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ކަންކަން

  • ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި
  • ގައުމީ މުހިންމު މައްސަލަތަކުގައި
  • ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް
  • ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމުގެ މާއްދާ
  • ރިޔާސީ ދައުރު ކަނޑައެޅުމުގެ މާއްދާ
  • ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަޔާންކުރާ މާއްދާ
  • ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރުމުގެ މާއްދާ
  • ރާއްޖޭގެ ސަރަހައްދު ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ މާއްދާ
  • ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް

ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހެ އެވެ. އޭގެ އިތުރުން، ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމޭނެ ކަމަށް ވެސް އިނގުރައިދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާ ބިލުގައި ބަޔާންކޮށްފައި ވެ އެވެ.

އެއް މައްސަލައަށް ވުރެ ގިނަ މައްސަލައަށް ވޯޓަށް އެހުމަށް މި ގަރާރުތަކުން ކަނޑައެޅިދާނެ ކަމަށް ވެސް ބަޔާންކޮށްފައި ވެ އެވެ. މިފަދަ ގަރާރެއް އަނބުރާ ގެންދެވޭނީ ވޯޓު ނެގުމުގެ ތާރީހު އީސީއިން އިއުލާން ކުރުމުގެ ކުރިންނެވެ.

އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެ އެވެ. އަދި އެފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީއިން ވޯޓު ބާއްވަން ޖެހެ އެވެ.