8 ޖުލައި 2025 - 07:29 0
8 ޖުލައި 2025 - 07:29 0
ރިޔާދު، ސައުދީ އަރަބިއްޔާ (ޖުލައި 8) - އެމެރިކާ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ކްލަބް، އިންޓަ މިއާމީގެ ކެޕްޓަން، އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ އަށް ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބަކުން ބޮޑު އޮފާއެއް ދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މެސީ، 38، މިއާމީއާ އެކު، ހަދާފައި އޮތް ކޮންޓްރެކްޓް ޑިސެމްބަރުގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމަކު، މިހާރު ވެސް މިއާމީން އަންނަނީ މެސީގެ ކޮންޓްރެކްޓްގެ މަޝްވަރާތައް ކުރިއަށްގެންދަމުންނެވެ. ރިިޕޯޓްތައް ބުނާގޮތުން، މެސީގެ ވިސްނުން ހުރީ ވެސް އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ވެސް އެމެރިކާގައި ކުޅޭތީއާ އެކު، އެ ގައުމުގައި ކުޅެން މަޑުކުރުމަށެވެ.
އެކަމަކު، ފްރާންސްގެ ނޫހެއް ކަމަށްވާ "ލެކިއުޕޭ" އިން ރިޕޯޓްކޮށްފައިވާގޮތުގައި، މެސީ އަށް ކެރިއަރު ނިންމާލަން ބޮޑު އޮފާއެއް ލިބޭ ގޮތަށް ސައުދީ ޕްރޯ ލީގުގެ ކްލަބަކުން އޮފާއެއް އަންނަނީ ތައްޔާރުކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން، މެސީ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، އަލް އަހްލީ އިންނެވެ. އަދި، އެ ޓީމުން، މެސީ އަށް ދޭން މަޝްވަރާ ކުރަމުން އަންނަނީ ދެ އަހަރު ތެރޭ 380 މިލިއަން ޑޮލަރު ލިބޭނެ ޑީލެކެވެ.
ޕްރޮފެޝަނަލް ކެރިއަރުގައި، 941 މެޗުން 759 ގޯލު ޖަހާފައިވާ މެސީ އާއި 1000 ގޯލު ޕްރޮފެޝަނަލް ކެރިއަރުގައި ހަމަކުރަން މަސައްކަތް ކުރަމުން އަންނަ ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އެކުގައި، ސައުދީ ޕްރޯ ލީގުގައި ފެނުމަކީ، އެ ލީގުން ކުރާ އުންމީދެކެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯ، ދާދި ފަހުން، ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުގެ ކޮންޓްރެކްޓް އާ ކޮށްފައިވަނީ، 500 މިލިއަން ޑޮލަރު ލިބޭ ގޮތަށް ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްގެންނެވެ. އަދި، ރިޕޯޓްތައް ބުނާގޮތުގައި، ކޮންޓްރެކްޓްގެ މުއްދަތުގައި ފުރިހަމަވާ ކަންކަމާއި، ވިޔަފާރީގެ ފުރުސަތުތަކާ އެކު، އެކި ކަހަލަ ބޯނަސްތައް ހިމަނައިގެން، ރޮނާލްޑޯގެ މި ކޮންޓްރެކްޓްގެ އަގު، 676 މިލިއަން ޑޮލަރަށް އަރާނެ އެވެ.
Comment