6 ޖުލައި 2025 - 11:33 0
6 ޖުލައި 2025 - 11:33 0
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފުލް މެމްބަރު ހުރިހާ ކްލަބެއްގެ ތާއީދާ އެކު، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަހުމަދު ތޯރިގު (ޓޮމް) ކެންޑިޑެސީ ހުށަހަޅައިފި އެވެ.
މި މަހު 26 ވަނަ ދުވަހު ބާއްވާ އެފްއޭއެމް އިންތިހާބަށް މިއަދު ތޯރިގު ކެންޑިޑެސީ ހުށަހެޅީ 23 ކްލަބްގެ ތާއީދާ އެކު އެވެ. މިއީ، އެފްއޭއެމްގެ ފުލް މެމްބަރުކަން ދީފައިވާ ހުރިހާ ކްލަބެކެވެ.
ތޯރިގުގެ ޓީމުގައި ހިމެނެނީ، ސީނިއާ ވައިސް ޕްރެޒިޑެންޓެއްގެ ގޮތުގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވެސް ވައިސް ޗެއާމަން އަލީ އިބްރާހީމް (ކައްޕި)، އަދި ނައިބު ރައީސުންގެ ގޮތުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަންގެ ސީއީއޯ، ހުސެއިން ޝާފިއު (ކޮކީ)، ނިއު ރޭޑިއަންޓްގެ ބޯޑު މެމްބަރު، އަދި ނިއު ރޭޑިއަންޓްގެ ބޯޑު މެމްބަރު، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު، މުޖުތަބާ ޖަލީލް އެވެ.
ދެން، އެކްސްކޯ މެމްބަރުންގެ ގޮތުގައި ގައުމީ ޓީމަށް ތޯރިގާ އެކު ކުޅުނު، ގޯލްކީޕަރު، އިމްރާން މުހައްމަދު އާއި މުހައްމަދު އުމެއިރު، ޓީސީގެ އަހުމަދު އައްބާސް، އޮޑި ސްޕޯޓްސް ކްލަބްގެ އަބްދުﷲ ނާސިހު އަދި، ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާން (އައްޔަ) ހިމަނައިފައިވެ އެވެ.
އަންހެން މެމްބަރުންގެ ގޮތުގައި ހިމެނެނީ، ހައްވާ ނަސްރާ ސައީދު އަދި ހައްވާ ރަޝީދާ އެވެ.
ތޯރިގު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ، "ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމުގެ ވައުދާއެކު އެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއް (23 ކުލަބު) ގެ ތާއީދާއެކު އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރުމަށް ފޯމު ހުށަހަޅައިފިން،" ކަމަށެވެ.
އިންތިހާބަށް ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، ކެނޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި އިންޓެގްރިޓީއާ ގުޅުން ހުރި އެއްވެސް މައްސަލައެއްގައި ފީފާއިން ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވުން ހިމެނެ އެވެ. އަދި، ކުރިމަތިލާ ކެނޑިޑޭޓެއްގެ މަދަނީ އާއި ޖިނާއީ ދައުވާއެއް އުފުލިފައިވާނަމަ އެކަމުގެ ތަފްސީލް ހިއްސާ ކުރަން ޖެހެ އެވެ. މި ދެ ކަމަށް ބަލާއިރު އެފްއޭއެމްގެ ރައީސަކަށް އެންމެ ފަހުން ދެ ދައުރުގައި އިންތިހާބުވި، ބައްސާމް އަދީލް ޖަލީލަށް ވަނީ، އިތުރު ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލިފަ އެވެ.
މިދިޔަ ޖޫން މަހު، ފީފާ އިން ވަނީ، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި، ބައްސާމް ނުވަ މަސް ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފަ އެވެ. މީގެ އިތުރުން، ބައްސާމްގެ މައްޗަށް ރާއްޖޭ ކޯޓުތަކުުގައި ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. އޭގެ ތެރޭގައި، ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތައް ވެސް ހިމެނެ އެވެ.
އެފްއޭއެމް އިންތިހާބަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ މިއަދެވެ. ކަންކަން ފުރިހަމަކުރަން ދޭ ފަހު މުއްދަތު ހަަމަވާނީ އަންނަ މަހުގެ 13 އަށެވެ. ތޯރިގު، ހުރިހާ ކްލަބެއްގެ ތާއީދާ އެކު ކުރިމަތިލުމުން ދެން އިތުރު ކެންޑިޑޭޓަކަށް ފުރުސަތެއް ނެތެެވެ.
މީގެ ކުރިން، 2016 ވަނަ އަހަރު ގާތްގަނޑަކަށް ހަަތަރު ވަރަކަށް މަސް ދުވަހު އެފްއޭއެމްގެ ރައީސްކަން ކުރެއްވި ތޯރިގު، ވަނީ މި ފަހުން އެފްއޭއެމް އިން ބާއްވަން މަސައްކަތްކުރި ދެ އިންތިހާބުގައި ވެސް ވާދަކުރައްވަން ކެންޑިޑެސީ ހުށަހަޅައިފަ އެވެ. އެކަމަކު، މި ފަހަރު ތަފާތަކީ، އެފްއޭއެމްގެ މެމްބަރު ހުރިހާ ކްލަބެއްގެ ތާއީދު އޭނާ އަށް ލިބިފައިވުމެވެ.
ތޯރިގު އަތުން ކުރިން ފަަހަރު އެފްއޭއެމްގެ ރައީސްކަން ގެއްލުނީ، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި ތޯރިގާ އެކު، އިންތިހާބުވި އެގްޒެކްޓިވް ކޮމިޓީ (އެކްސްކޯ)ގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމާ އެކު، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ބުނާގޮތަށް އިންތިހާބެއް ބާއްވަން ޖެހުމުންނެވެ. އެ އިންތިހާބުގައި ތޯރިގާ ވާދަކުރައްވައި، ކާމިޔާބު ބައްސާމް އެވެ.
Comment