6 ޖުލައި 2025 - 11:08 2
ލީވާން އަލީ ނާސިރު
އެމްއެންޑީއެފްގެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: އެ ކޮޅުވެއްޓިގެން ދަތުރުކުރި ބިދޭސީ މީހާ ގެއްލިގެން ހޯދާއިރު، އޭނާގެ ވަނަވަރު ފުލުހުންނާއި އެމްއެންޑީއެފް އިން މިހާތަނަށް ހަމާއެއް ނުކުރޭ -- ފޮޓޯ: އެމްއެންޑީއެފް
6 ޖުލައި 2025 - 11:08 2
ޖޫން 25، ގައި ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ކޮޅުވެއްޓިން ގެއްލުނު ބިދޭސީ މީހާގެ ނަން ހާމަ ކުރަން ސިފައިންނާއި ފުލުހުން ދެކޮޅު ހަދައިފި އެވެ.
ހާދިސާގައި ގެއްލުނު ބިދޭސީ މީހާގެ ނަމާއި އުމުރު އަދި ނިސްބަތްވާ ގައުމު ހޯދަން އަދަދު އިން ފުލުހުންނާއި ސިފައިންނާ ސުވާލު ކުރުމުން މިހާތަނަށް ވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު ވަނީ ނިޔާވެފަ އެވެ. އެ ކޮޅުވެއްޓިން ސިފަައިންގެ ތިން މީހުންގެ އިތުރުން ދެން ދަތުރުކުރީ ތިން ބިދޭސީންނެވެ.
ސިފައިން ބުނެފައި ވަނީ ކޮޅުވެއްޓިން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ އޮތް ކަމަށް ބެލެވެނީ ކަނޑުގެ 550 މީޓަރު އަޑީގައި ކަމަށެވެ.
އެ ކޮޅުވެއްޓި ބަންޑުން ޖަހާލީ ދިޔަވެ ކުއްލިއަކަށް އަރިއަޅާލައިގެން ކަމަށާއި ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ އެ ވަގުތު ހުރީ ކޮޅުވެއްޓީގެ އިންޖީން ރޫމްގައި ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެ ބިދޭސީ މީހާ އިންޖީނު ރޫމުގައި އޮތް ކަމަށް އެމްއެންޑީއެފްއަށް ބެލެވޭއިރު، އެ މީހާ 550 މީޓަރު އަޑިން އެމްއެންޑީއެފްއަށް ނެގުމުގެ ގާބިލުކަން ހުރިތޯ ސުވާލު ކުރުމުން އެކަމަށް ޖަވާބެއް ނުދެ އެވެ.
އެ ހާދިސާ ތަހުގީގު ކުރަމުންދާއިރު އެމްއެންޑީއެފް އިން ވެސް އަންނަނީ އެކަމާ ގުޅިގެން އެތެރޭގެ ތަހުގީގެއް ހިންގަމުންނެވެ.
Comment