Advertisement

އާސެނަލް އިން އެޒޭ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފި

2 ޖުލައި 2025 - 13:32 0

އަހުމަދު އާއިދު

އަހުމަދު އާއިދު


އާސެނަލް އިން އެޒޭ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފި

2 ޖުލައި 2025 - 13:32 0

ލަންޑަން (ޖުލައި 2) - ކްރިސްޓަލް ޕެލަސް އަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު، އެބްރެޗީ އެޒޭ ގަތުމަށް އާސެނަލް އިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި މިދިޔަ ހަފުތާ ބަންދުގެ ތެރޭ އާސެނަލް އިން ވަނީ އެޒޭ, 23, ގަތުމަށް އޭނާގެ އެޖެންޓާ އެކު މަޝްވަރާތައް ފަށައިފަ އެވެ. އަދި، އޭނާ ގަތުމަށް ބޭނުންވާނެ އަގާއި ކޮންޓްރެކްޓް ޓާމްސް އާއި ގުޅޭގޮތުން ޕެލަސްއާ އެކު އާސެނަލް އިން މަޝްވަރާތައް ފަށާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޕެލަސްއާ އެކު އެޒޭ ހަދާފައިވާ އެއްބަސްވުމުގައި 93 މިލިއަން ޑޮލަރުގެ ރިލީޒް ކްލޯޒް (ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ ފީ) އެއް ހިމަނާފައިވެ އެވެ. އެ ފީ ދެއްކުމަށްފަހު އާސެނަލް އަށް އޭނާ ގަނެވޭނެ އެވެ.

އާސެނަލް އިން މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އެންމެ އިސްކަމެއް ދީގެން ހޯދަނީ ވާތު ވިންގަށް ކުޅޭނެ ކުޅުންތެރިޔަކު ހޯދުމަށެވެ. އެޒޭ އަކީ އެ މަގާމަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ.

އެޒޭގެ އިތުރުން ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ފޯވާޑު ރޮޑްރިގޯ ގަތުމަށް ވެސް އާސެނަލް އިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ރޮޑްރިގޯ ގަތުމަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް އާސެނަލް އަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިދިޔަ ސީޒަނަކީ އެޒޭގެ ކެރިއަރުގައި މިހާތަނަށް އޭނާ އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ސީޒަނެވެ. އެ ގޮތުން އޭނާ ވަނީ ޕެލަސް އަށް 43 މެޗުން 14 ގޯލު ޖަހައިދީ 11 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކުއީންސްޕާކް ރޭންޖާސް (ކިއުޕީއާރް) އަށް ކުރިން ކުޅުނު އެޒޭ ސޮއި ހޯދުމަށް އާސެނަލްގެ އިތުރުން، ޓޮޓެންހަމް އިން ވެސް ދަނީ މަސައްކަތް ކުރި އެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން ޓޮޓެންހަމް އިން މިހާރު މަސައްކަތް ކުރަމުންދަނީ ވެސްޓްހަމް އަށް ކުޅޭ ގާނާގެ ފޯވާޑު މުހައްމަދު ކުޑޫސް ގަތުމަށެވެ.