1 ޖުލައި 2025 - 10:17 3
ސާއިފް ޝިޔާދު
އިންވެސްޓްމަންޓު ފޯރަމަށް ރައީސް ވަޑައިގަތުމުން ސައީދު ސަލާމް ކުރައްވަނީ. ސަރުކާރަށް ބޭރުގެ އިންވެސްޓަރުން ނުގެނެވޭތީ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި --- ފޮޓޯ: ރައީސް އޮފީސް
1 ޖުލައި 2025 - 10:17 3
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކަށް މިހާތަނަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ކަށަވަރު ކުރެވިފައިވާ ކަމަށާއި އަމާޒަކީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ގެނައުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ގައުމުގައި ވަނީ އިންވެސްޓަރުންގެ ފޯރަމެއް ބާއްވައިފަ އެވެ. އެ ފޯރަމްގައި ވަނީ ސަރުކާރުން އިއުލާނު ކޮށްފައިވާ ސޯލާ ސިޓީގެ މަޝްރޫއުގައި ސޮއިކޮށްފަ އެވެ.
ސިންގަޕޫރުގައި ހުންނަވައި އެ ފޯރަމް ހުޅުވުމަށް ދެއްކެވި ވާހަކައިގައި ސައީދު ވަނީ އިންވެސްޓަރުންނަށް ރާއްޖޭގައި ފުރުސަތު އޮތް ކަމަށް ވިދާޅުވެ އިނެވެސްޓް ކުރުމަށް ދައުވަތު ދެއްވައިފަ އެވެ.
ރައީސް މުއިއްޒުގެ އަމާޒަކީ 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ހެދުން ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލަމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.
"މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ ސްޕެޝަލް އިކޮނޮމިކް ޒޯންތަކުން. އަމާޒަކީ ފަސް އަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ގެނައުން. އެސްއީޒެޑުތަކުގައި ހިންގޭނެ މަސައްކަތްތަކުގެ ތެރެއަށް ސަސްޓެއިނެބަލް ޓައުންޝިޕް ޑިވެލޮޕްމެންޓު އިތުރު ކޮށް، މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައި،" ސައީދު ވިދާޅުވި އެވެ.
މިފަދަ ފޯރަމެއްގައި ސައީދު މިގޮތަށް ވިދާޅުވިއިރު މި ސަރުކާރު އައުމަށް ފަހު ރާއްޖެއަށް ބޮޑެތި އާ އިންވެސްޓްމަންޓުތައް ގެނެސް، ކާމިޔާބުކަމާ އެކު މަސައްކަތް ހިނގާ ތަނެއް ނުފެނެ އެވެ. އަދި އިގުތިސާދީ ގޮތުން މަންފާ ހޯދުމަށް ފަށާފައިވާ މަސައްކަތްތަކަކީ ވެސް ދުރު ވިސްނުމެއް ނެތި، ސިޔާސީ ފައިދާއަށް ފަށާފައިވާ މަސައްކަތްތަކެއް ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން އޮތީ އަމާޒުވެފަ އެވެ.
އެގޮތުން، އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގެ ހިދުމަތުން ފުރަތަމަ އަހަރުގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އެ މަސައްކަތް ފެށިއިރު ސައީދު ވިދާޅުވި ނަމަވެސް އެ ވިޔަފާރި އަށް މިލިއަން ޑޮލަރު ވެސް މިހާތަނަށް ނުލިބެ އެވެ.
Comment