1 ޖުލައި 2025 - 09:51 0
1 ޖުލައި 2025 - 09:51 0
ރ. ދުވާފަރުގައި އަންނަ މަހު، އޭއެފްސީ ބީ ލައިސަންސް ކޯޗިން ކޯސް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މިއީ، މިހާތަނަށް މާލެ ނޫން ސަރަހައްދެއްގައި އޭއެފްސީ ބީ ލައިސަންސް ކޯސް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދުވާފަރުގައި ވަނީ އޭއެފްސީ ޑީ ލައިސަންސް، އޭއެފްސީ ސީ ލައިސަންސް ކުރިއަށްގެންގޮސްފަ އެވެ. އެ ގޮތުން، ޑީ ލައިސަންސް ބޭއްވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. އަދި، އޭއެފްސީ ސީ ލައިސަންސް ބޭއްވީ 2022 ވަަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.
މިހާރު އޮތް ގޮތުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ފިޓްނަސް ރެކްރިއޭޝަން އަދި ޓީސީ ސްޕޯޓްސް ކްލަބާ ގުޅިގެން ދުވާފަރުގައި ބީ ލައިސަންސް ކޯސް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، އަންނަ މަހުގެ 15 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، ޝަރުތަކީ، އޭއެފްސީ ސީ ލައިސަންސްގެ ކޯޗިން ސެޓިފިކެޓް ހާސިލްކޮށްފައިވުމާއި ދެ އަހަރުގެ ކޯޗިން ތަޖުރިބާ އޭއެފްސީ ލައިސަންސަކާ އެކު ހާސިލްކޮށްފައިވުމެވެ.
އެ ގޮތުން، ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ވަޓްސަޕް މެދުވެރިކޮށް، 7783245 އާ ގުޅުމުން ނޫނީ [email protected] އަށް މެއިލްކޮށްގެން ކުރިއަށްގެންދެވޭނެ އެވެ.
ފުޓްބޯޅައިގެ ފޯރި ގަދަ ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ދުވާފަރުގަައި، ދުވާފަރު ސްޕޯޓްސް ކްލަބް އެކަޑަމީއެއް ދާދި ފަހުން ފެށިގެންދިޔައިރު، ތައިލެންޑްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް މުބާރާތެއްގައި ވެސް ވަނީ ވާދަކޮށްފަ އެެވެ. ކޯޗިން ކޯހުގެ އިތުރުން މީގެ ކުރިން ދުވާފަރުގައި ފަސްޓް އެއިޑް ކޯހެއް ވެސް ބާއްވާފައިވާއިރު، މިދިޔަ އަހަރު، ފުޓްސަލް ރެފްރީސް އަދި މެޗު ކޮމިޝަނަރުން ތަމްރީން ކުރާ ކޯހެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
Comment