30 ޖޫން 2025 - 19:43 1
ލީވާން އަލީ ނާސިރު
ރައީސް މުއިއްޒު ސިންގަޕޫރުގައި ހުންނަވަނިކޮށް ނެގި ފޮޓޯ: އެ ފޮޓޯ ނެގި މީހާގެ މައްސަ ފުލުހުން ތަހުގީގުކޮށް ހެކި ނެތިގެން ވަނީ ފައިލްކޮށްފައި -- ފޮޓޯ: ސޯޝަލް މީޑިއާ
30 ޖޫން 2025 - 19:43 1
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު އޯގަސްޓު 26، ގައި ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުގައި، ޝޮޕިން މޯލެއްގެ ތެރޭގައި އެ މަނިކުފާނު ހުންނަވަނިކޮށް ފޮޓޯއެއް ނެގި ކަމަށް ތުހުމަތު ކުރެވޭ ދިވެހި މީހާގެ މައްސަލަ ހެއްކެއް ނުލިބުމުން ފައިލްކޮށްފި އެވެ.
ފުލުހުން ބުނީ ރައީސްގެ ފޮޓޯ ނެގި މައްސަލަ ފައިލްކުރީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭ ވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ލިބުމުން އަލުން ބަލާނެ ކަމަށް ފުލުހުން ބުންޏެވެ.
ރައީސް މުއިއްޒުގެ ފޮޓޯ ނެގި ކަމަށް ސަރުކާރާއި ފުލުހުން ތުހުމަތު ކުރި ދިވެހި މީހާ އޯގަސްޓް 31، ގައި އެނބުރި ރާއްޖެ އައިތަނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަތުލި އެވެ. އެ މައްސަލައާ ގުޅިގެން އޭނާއާ ފުލުހުން ސުވާލު ވެސް ކޮށްފައިވެ އެވެ.
އޭނާގެ ފޯނު ފުލުހުން ހިފެހެއްޓީ މީހުން ދައްކާ ވާހަކަ ސިއްރުން އަޑު އެހުމާއި ފާރަލުމާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުމުގެ އިތުރުން އާންމު ތަނެއްގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިޔުމުން ކަމަށް ތުހުމަތުކޮށެވެ.
ފުލުހުން ބުނީ ނުރަސްމީ ދަތުރުގައި އެމަނިކުފާނާއި އާއިލާއަށް ފާރަލުމާއި، ސިންގަޕޫރުގައި ދިރިއުޅުއްވިތަން އާންމުވާ ގޮތަށް ފޮޓޯ ނަގައި އާންމުކުރުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްވި ކަމަށެވެ.
ސިންގަޕޫރުގެ ޝޮޕިން މޯލްއެއްގައި ރައީސް ހުންނެވި ފޮޓޯއަކީ ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ "ހަސަން ކުރުސީ" އެކައުންޓުން އޭރު އާންމުކުރި ފޮޓޯއެކެވެ.
އެ ފޮޓޯގައި ފެންނަނީ ރައީސް މުއިއްޒު އާއި އާއިލާ، އެމްއެންޑީއެފްގެ ސެކިއުރިޓީ ޑީޓެއިލްއާއެކީ ޕެރެގަން މެޑިކަލް ސެންޓަރުގެ މޯލް ތެރޭގައި ހިންގަވާފައި ވަޑައިގަންނަވާ މަންޒަރެވެ.
Comment