Advertisement

އަދިވެސް ހިދުމަތް ދޭން ނުފަށާ ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑަށް ހަތަރު ޑިރެކްޓަރުން އައްޔަނު ކޮށްފި

30 ޖޫން 2025 - 16:59 1


އަދިވެސް ހިދުމަތް ދޭން ނުފަށާ ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑަށް ހަތަރު ޑިރެކްޓަރުން އައްޔަނު ކޮށްފި

30 ޖޫން 2025 - 16:59 1

އުމްރާނީ ތަރައްގީއަށް ލޯނު ދޫކުރަން ހާއްސަކޮށް ހުޅުވި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ހިދުމަތް ނުފެށި ދިގުލައިގެން ގޮސް، އެ ބޭންކުގެ ބޯޑުން އިސްތިއުފާ ދިން ޑިރެކްޓަރުންގެ ބަދަލުގައި ހަތަރު ޑިރެކްޓަރުން އައްޔަނުކޮށްފި އެވެ.

ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އަމާޒުގައި މި ސަރުކާރުން އުފެއްދި ޑިވެލޮޕްމެންޓް ބޭންކު ހުޅުވީ މިދިޔަ ނޮވެމްބަރު 16، ގައި ރައީސް ޑރ، މުހައްމަދު މުއިއްޒު އެވެ. މި ސަރުކާރުގެ ފުރަތަމަ އެއް އަހަރުދުވަހުގެ ކާމިޔާބީތަކުގެ ތެރޭގައި ވެސް އެކަން ފާހަގަކުރި އެވެ.

ނަމަވެސް، މިހާތަނަށް އައިއިރު އެ ބޭންކުގެ ހިދުމަތް ފެށިފައި ނުވެ އެވެ. އަދި މުސާރަ ނުދޭތީ ޑިވެލޮޕްމެންޓު ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް، އެ އޮފީހަށް ސަރުކާރުން 6.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

އަލަށް އައްޔަނުކުރި މެންބަރުން

  • ހަސަން މިރާސް، މއ. މާފުނަ (މެންބަރު)
  • އަހްމަދު އަޒްޔާން ހަމީދު، މ. ލަންސިމޫގެ (މެންބަރު)
  • މައީޝާ އިބްރާހިމް، ދ. ކުޑަހުވަދޫ، ތިކުރީތު (މެންބަރު)
  • އަޒްމީން ރަޝީދު، ގދ. ރަތަފަންދޫ، ޗަބޭލީވިލާ (މެންބަރު)

ޑިވެލޮޕްމަންޓު ބޭންކު އުފައްދަވަން ރައީސް މުއިއްޒު ނިންމެވީ މިދިޔަ އަހަރުގެ މެއި، 2024، ގަ އެވެ. އެ ބޭންކު ހުޅުވާނެ ކަމަށް ސަރުކާރުން އެންމެ ފުރަތަމަ ބުނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ލަސްވަމުން ގޮސް، ނޮވެމްބަރު 16، ގައި އެ ތަން ހުޅުވިއިރު ވެސް އެތަނުގެ މަސައްކަތްތައް އެއްކޮށް ނުނިމެ އެވެ.

ޑިވެލޮޕްމަންޓު ބޭންކު ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރީ އޮކްޓޯބަރު 13 2023، ގަ އެވެ. ލައިސެންސް ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ކުރުމަށްފަހެވެ. އެހެންކަމުން ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި ޑީބީއެމްގެ ހިދުމަތް ދޭން ފަށަން ޖެހޭނެ އެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ މިހާރު އޮތް ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ޖާގައެއް ނެތް ކަމަށާއި ބޭންކިން ނިޒާމުގެ ތެރެއަށް ޑިވެލޮޕްމެންޓް ބޭންކެއް ވައްދަން ޖެހުނީ އެ ސަބަބާ ހުރެ ކަމަށެވެ. އަދި އެ ބޭންކު ގާއިމު ކުރުމުން ތަރައްގީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނުމުގަ މިހާރަށް ވުރެ މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.