Advertisement

ކާޑުތަކުން ކުރާ ވިޔަފާރިތަކުން 30 ޕަސެންޓުގެ ފީއެއް ނަގާފައި 500 އަށް ލިމިޓު ބޮޑު ކުރުމަކީ ސްކޭމެއް: ނާޒިލް

30 ޖޫން 2025 - 11:26 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނާޒިލް ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ކާޑުތަކުން ކުރާ ވިޔަފާރިތަކުން 30 ޕަސެންޓުގެ ފީއެއް ނަގާފައި 500 އަށް ލިމިޓު ބޮޑު ކުރުމަކީ ސްކޭމެއް: ނާޒިލް

30 ޖޫން 2025 - 11:26 2

ޑެބިޓު ކާޑުތައް ބޭނުންކޮށްގެން އާންމުކޮށް ދިވެހީން ކުރާ ވިޔަފާރިތަކުން 30 ޕަސެންޓްގެ ފީއެއް ނަގަން ނިންމުމާއެކު ކާޑުތަކުގެ ޑޮލަރު ލިމިޓު 500 އަށް ބޮޑުކުރުމަކީ ބޮޑު ސްކޭމެއް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ ޑެބިޓް ކާޑު ބޭނުންކޮށްގެން އާންމުކޮށް ދިވެހީން ކުރާ ވިޔަފާރިތަކުން 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމުމުން ހަގީގަތުގައި ޑެބިޓު ކާޑުތައް ބޭނުން ކޮށްގެން 500 ޑޮލަރުގެ ވިޔަފާރި ނުކުރެވޭނެ ކަމަށެވެ.

"އޭގެ މާނައަކީ 250 ޑޮލަރުގެ ވިޔަފާރި ކޮށްފިއްޔާމުން 75 ޑޮލަރު، 30 ޕަސެންޓް ޓެކްސްގެ ގޮތުގައި ނުވަތަ އިތުރަށް އެ ބޭފުޅުން ނަގާ ފީގެ ގޮތުގައި ނަގާނެ ވާހަކަ އެއީ، 500 ޑޮލަރާ ހަމައަށް ވިޔަފާރި ކުރެވެންޏާ 158 ޑޮލަރުވަރު 150 ޑޮލަރުވަރު އެބަ ޗާޖު ކުރޭ، އެހެންވީމާ 500 ޑޮލަރެއް ނުލިބޭ، ހަމަ ބޮޑު ސްކޭމެއް އެއީ އިއްޒަތްތެރި ރައީސް،" ނާޒިލް ވިދާޅުވި އެވެ.

ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ބީއެމްއެލްއިން މިއަދު ނިންމީ ވިޔަފާރިކުރަން މުދާ ގެންނަން ބީއެމްއެލް ޑެބިޓު ކާޑުތަކުން ފައިސާ ދެއްކުން ހުއްޓުވަން ކަމަށް ބުނެ އެވެ.

މި ފީ ނަގަން ނިންމާފައިވާ ސައިޓުތަކުގެ ލިސްޓުގައި މި ވަގުތަށް ހިމެނެނީ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. މި ހުރިހާ ސައިޓުތަކަކީ، ވަކިން ހާއްސަކޮށް ޝީއިން އާއި ޓީމޫއަކީ، ގިނަ ދިވެހިން މިހާރު ވިޔަފާރިކުރާ ސައިޓުތަކެކެވެ.

ބީއެމްއެލްއިން މި ބަދަލުތައް ގެނައިއިރު، ބޭންކަށް ލިބޭ ގިނަ އަދަދެއްގެ ޑޮލަރުތަކެއް މިހެން ހުންނަ ބޭރުގެ މަދު ސައިޓުތަކަކަށް ދައްކަން ޖެހުމަކީ ޑޮލަރު ތާށިކަމަށް ބާރުދޭ ކަމެއްގެ ގޮތުގައި އެ ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ ބީއެމްއެލްއިން ގެނައި މި ބަދަލާއެކު އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު ބަދަލު ކުރުމުގެ ފުރުސަތު އަނެއްކާ ވެސް ރައީސް މުއިއްޒުއަށް ފަހިވެއްޖެ ކަމަށެވެ.

ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަ ކުރަން މިދިޔަ އަހަރު އޯގަސްޓު 26، ގައި ނިންމި ނިންމުމަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން ސަރުކާރުން ވަނީ އެއީ މާލީ ބަގާވާތެއް ކަމަށް ސިފަކޮށްފަ އެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަން ވެސް ފެށި އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ތަހުގީގުގެ އެއްވެސް އަޕްޑޭޓެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ބީއެމްއެލްގެ އެ ނިންމުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ އެ ބޭންކުގެ ބޯޑު ބަދަލުކޮށްފަ އެވެ.