Advertisement

ޑޮލަރު ތާށިވެގެން އުޅެނީ މާރުކުރާ ޑޮލަރުގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގާތީ: ޝަމްހީދު

30 ޖޫން 2025 - 11:58 1

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލޭ ދެކުނު ދާއިރާ މެންބަރު ޑރ. އަހުމަދު ޝަމްހީދު މަޖިލީހުގައި ވާހަކަ ދައްކަވަނީ: ބޭރު ފައިސާ ގާނޫނާ ގުޅިގެން އެމްއެމްއޭ ކޮމިޓީއަށް ހާޒިރުކުރަން މެންބަރު ގޮވައިލެއްވި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޑޮލަރު ތާށިވެގެން އުޅެނީ މާރުކުރާ ޑޮލަރުގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގާތީ: ޝަމްހީދު

30 ޖޫން 2025 - 11:58 1

ވިޔަފާރިވެރިންނަށް ޑޮލަރު ލިބުން ދަތީ ބޭރު ފައިސާ ގާނޫނުގެ ދަށުން ވިޔަފާރިތަކުން ބޭންކަށް މާރުކުރާ ޑޮލަރުގެ 90 ޕަސެންޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާ ގޮތަށް ބަދަލު ކުރުމުން ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ޝަމްހީދު މިކަން ފާހަގަކުރެއްވީ، ބޭރު ފައިސާ ގާނޫނާއި މީރާގެ ގަވާއިދުގައި ހުރި ފުށުއެރުންތަކުގެ ސަބަބުން ވިޔަފާރިކުރަން ދަތިވެފައިވާ ކަމަށް ބުނެ އަމިއްލަ ކުންފުންޏަކުން ހުށަހެޅި ސިޓީއަކާ ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.

"ކުރިން އެމްއެމްއޭއަށް މާރުކުރަން މި ޖެހޭނީ މާރުކުރާ ޑޮލަރުގެ 60 ޕަސެންޓު. މިހާރު 90 ޕަސެންޓަށް ހެދި ފަހުން މާކެޓުން އެއްކޮށް ޑޮލަރު ހުސްވެއްޖެ. ވިޔަފާރިވެރިންނަށް ޑޮލަރު ލިބުން ވަރަށް ބޮޑަށް އުނދަގޫވެ، އާންމު ވިޔަފާރިތައް ހުއްޓުމަކާ ހިނގައިދާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.

ޑޮލަރު މާރުކުރަން ޖެހޭ މައްސަލައިގައި ކޮމިޓީއަށް ސިޓީ ފޮނުވި ކުންފުންޏަކީ، ރިސޯޓެއްގައި ޑައިވް ސެންޓަރެއް ހިންގާ ކުންފުންޏެކެވެ. އެ ކުންފުނިން ފޮނުވި ސިޓީއާ ހަވާލާދީ ޝަމްހީދު ވިދާޅުވީ ރިސޯޓުން ބުނާ ގޮތުގައި ރިސޯޓުން ޑޮލަރު މާރުކުރަނީ ޑައިވް ސެންޓަރަށް ލިބޭ އާމްދަނީ ހިމަނައިގެން ކަމަށެވެ.

މި ސަބަބު ދައްކައި ރިސޯޓުން ޑައިވް ސެންޓަރަށް ދޭން ޖެހޭ އާމްދަނީގެ 25 ޕަސެންޓު ވަރު ދެނީ ދިވެހި ރުފިޔާއިން ކަމަށް އެ ޑައިވް ސެންޓަރުން ބުންޏެވެ. ދިވެހި ރުފިޔާ ލިބުމުން ޓީޖީއެސްޓީ އާއި ޑޮލަރުން އާމްދަނީ ލިބޭތީ ޑޮލަރުން ދައްކަން ޖެހޭ އެހެނިހެން ޓެކްސްތައް ދައްކާނެ ފައިސާ ނޯންނަ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

ޝަމްހީދު ވަނީ ގާނޫނެއްގެ ސަބަބުން ކުރާ އަސަރުތައް، އެއީ ގެއްލުމެއް ނުވަތަ ފައިދާއެއް ވިޔަސް، ބެލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ޝަމްހީދު ހުށަހެޅުއްވީ ބޭރު ފައިސާ ގާނޫނާ ގުޅޭ މައްސަލަތައް ދެނެގަންނަން އެމްއެމްއޭ ހާޒިރުކުރާށެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީގައި ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ ކޮންޓްރޯލް އޮތުމާ އެކީ މިކަން ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ނިސްބަތް ބޮޑުކުރީ، އެމްއެމްއޭއިން ބުނާ ގޮތުގައި، ބޭންކުތަކަށް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށެވެ.

ވިޔަފާރިތަކާއި އާންމުންނަށް ޑޮލަރު ލިބުމުގައި އިންތިހާއަށް ދަތިތައް ހުރިއިރު، ކަޅު ބާޒާރުގައި މި ވަގުތު ޑޮލަރެއް ގަންނަން ލިބެން ހުރީ 19.50ރ. އިން މަތީގަ އެވެ. މިއީ ރަސްމީ ރޭޓަށް ވުރެ ހަތަރު ރުފިޔާ އިތުރު އަދަދެކެވެ.

ޑޮލަރު ތާށިކަމާ ހުރެ ބައެއް ބޭންކުތަކުން ވަނީ ވިޔަފާރިތަކުން ބޭރު ގައުމުތަކަށް ފައިސާ ދައްކާއިރު ދޭ ޑޮލަރު ސަޕޯޓު ކުޑަކޮށްފަ އެވެ. އެކަމަކު މިއަދު ބީއެމްއެލްއިން ވަނީ ދިވެހި ރުފިޔާ ކާޑުތަކުން ވިޔަފާރި ކުރެވޭ ޑޮލަރު ލިމިޓު 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ.