Advertisement

ޕީއެސްޖީން ލިޔޯނަށް ލުޔެއް ހޯދައިދޭން ބާކޮލާގެ ފީ އެއް ފަހަރުން ދެނީ

29 ޖޫން 2025 - 10:20 0


ޕީއެސްޖީން ލިޔޯނަށް ލުޔެއް ހޯދައިދޭން ބާކޮލާގެ ފީ އެއް ފަހަރުން ދެނީ

29 ޖޫން 2025 - 10:20 0

ޕެރިސް (ޖޫން 29) - މީގެ އެއް އަހަރު ކުރިން، ޕީއެސްޖީން ގެނައި، ފްރާންސްގެ ފޯވާޑް، ބްރެޑްލީ ބާކޮލާގެ ޓްރާންސްފާ ފީ އެއް ފަހަރުން ލިޔޯނަށް ދީ އެ ކްލަބަށް ދިމާވެފައިވާ މާލީ މައްސަލަތަކުން ލުޔެއް ހޯދައިދޭން ޕީއެސްޖީން ނިންމައިފި އެެވެ.

ފްރާންސް ފުޓްބޯޅައިގެ މާލީ ކަންކަން ބަލަމުން އަންނަ ޑީއެންޖީސީން، އެ ގައުމުގެ މަޝްހޫރު ކްލަބް، ލިޔޯން، ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްލައިފަ އެވެ.

ލިޔޯނުގެ އޮފިޝަލުން ވަނީ ދާދިފަހުން ޑީއެންޖީސީއާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. އެކަމަކު، އެ ބައްދަލުވުމުގައި، އެ ކްލަބްގެ މާލީ ހާލަތު ކަނޑައެޅިފައިވާ ގަވާއިދުގެ ތެރެއިން ކުރިއަށްދާކަން ޔަގީންކޮށްދެވިފައިނުވެ އެވެ.

އޭގެ ފަހުން، ފްރެންޗް ލީގުގެ އާ ސީޒަންގެ ޝެޑިއުލްނެރުނުއިރު، ލިޔޯން ހިމަނާފައިވެ އެވެ. އެއީ، އެޕީލް މަރުހަލާ ކުރިއަށްދާތީ އެވެ.

ޕީއެސްޖީގެ ރައީސް ނާސިރު އަލް ހަލީފާ: އޭނާ ވަނީ ލިޔޯނަށް އެހީވުމަށް މުހިންމު ނިންމުމެއް ނިންމައިފައި.


ރިޕޯޓްތައް ބުނާގޮތުން، އެޕީލް މަރުހަލާ ތެރޭގައި، ލިޔޯނުން، 150 މިލިއަން ޑޮލަރު ހޯދައިފިނަމަ، އެ ކްލަބް ރެލިގޭޓްކުރުމަށް ނިންމާފައި އޮތް ނިންމުމަށް އަމަލުކުރުން ފަސްކޮށްލައި، އެ ޓީމަށް އަލުން ހުރިހާ ކަމެއް ރަނގަޅުކުރަން މުއްދަތެއް ދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ލިޔޯނަށް މި ކަމުގައި އެހީވުމުގެ ގޮތުން، ޕީއެސްޖީން ވަނީ، މީގެ އެއް އަހަރު ކުރިން، އެ ޓީމުން ލިޔޯނަށް ކުޅެމުން އައި ބާކޮލާ ގެންދިޔައިރު، ޓްރާންސްފާ ފީގެ ގޮތުގައި ދޭން އެއްބަސްވި، 55 މިލިއަން ޑޮލަރު އެއް ފަހަރާ ލިޔޯނަށް ދޭން ނިންމައިފަ އެވެ.

މީގެ ކުރިން އޮތީ، ލަސްނުވެ، ތިން އަހަރަށް ބަހާލައިގެން، އެ ފީ ދެއްކޭ ގޮތަށެވެ. އެކަމަކު، ޕީއެސްޖީން ނިންމީ މި ވަގުތު ލިޔޯނަށް ފައިސާ ހޯދުން މުހިންމުވާތީވެ، އެހީތެރިވުމަށެވެ. މި ކަމަށް އިސް ނެގީ، ޕީއެސްޖީގެ ރައީސް، ގަތަރުގެ މަހުޖަނު، ނާސިރު އަލް ހަލީފާ އެވެ.

މިދިޔަ އޮކްޓޫބަރު މަހު، ލިޔޯން، ހިންގަމުން އަންނަ، އީގަލް ފުޓްބޯލް ގްރޫޕުން ވަނީ 500 މިލިއަން ޑޮލަރުގެ ދަރަނި އޮތް ކަމަށް ބުނެ، އެ ކުންފުނީގެ މާލީ ރިޕޯޓް އާންމުކޮށްފަ އެެވެ. ލިޔޯނުގެ 77 ޕަސެންޓް ހިއްސާ އޮތް އީގަލް ފުޓްބޯލް ގްރޫޕްގެ އަތުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސް އާއި ބްރެޒިލްގެ ބޮޓަފޯގޯގައި ވެސް ހިއްސާ އޮވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން، އީގަލް ފުޓްބޯލް ގްރޫޕުން އަންނަނީ ލިޔޯނުގެ ހިއްސާގެ ބައެއް ވިއްކާލަން މަސައްކަތް ކުރަމުންނެވެ.