Advertisement

އެމްއެލްއެސްގެ 21 ޓީމަށް ވުރެން މެސީގެ އާމްދަނީ ބޮޑު!

29 ޖޫން 2025 - 07:52 0


އެމްއެލްއެސްގެ 21 ޓީމަށް ވުރެން މެސީގެ އާމްދަނީ ބޮޑު!

29 ޖޫން 2025 - 07:52 0

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 29) - އެމެރިކާގެ ފުޓްބޯޅަ ލީގު، (މޭޖަ ލީގު ސޮކާ)ގެ 21 ޓީމެއްގެ މުސާރަ އަށް ވުރެ، އިންޓަ މިއާމީގެ ކެޕްޓަން، ލިއޮނަލް މެސީ އަށް މިދިޔަ ސީޒަނުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

އެމްއެލްއެސްގައި ވާދަކުރަނީ ޖުމްލަ އެކު، 30 ޓީމެވެ.

ޖެހިޖެހިގެން ތިން ވަނަ ސީޒަނުގައި، އެމްއެލްއެސް އިން އެންމެ ބޮޑު އާމްދަނީއެއް ލިބިގެންދިޔަ މެސީ އަށް ވަނީ މިދިޔަ ސީޒަނުގައި، 20.4 މިލިއަން ޑޮލަރު ލިބިފަ އެވެ. ދެ ވަނައިގައި އޮތީ، ޓޮރޮންޓޯ އެފްސީ އަށް ކުޅޭ އިޓަލީގެ ލޮރެންޒޯ އިންސީނިއޭ އެވެ. އޭނާ އަށް މިދިޔަ ސީޒަނުގައި، 15.4 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މޭޖަ ލީގު ސޮކަ ޕްލޭޔާސް އެސޯސިއޭޝަން އިން މިދިޔަ ބުދަ ދުވަހު އާންމުކުރި މާލީ ރިޕޯޓްތަކަށް ބަލާއިރު، މެސީގެ މުސާރައިގެ ގޮތުގައި ހިމެނެނީ، 12 މިލިއަން ޑޮލަރެވެ. ދެން، އިތުރުވަނީ، ސްޕޮންސަޝިޕް ޑީލްތަކުންނާއި މާކެޓިން ބޯނަސް އަދި އެޖެންޓް ފީސްއާ ހުރިހާ ބައެކެވެ. މެސީ އަށް ޖުމްލަ މުސާރައިގެ ގޮތުގައި ލިބުނު އަދަދަށް ވުރެން 21 ޓީމުގެ ޕޭރޯލް އުޅެނީ ދަށްކޮށެވެ.

މުޅި ޕޭރޯލަށް ބަލާއިރު، މެސީގެ އިންޓަ މިއާމީ އަކީ މުސާރަ އަށް އެންމެ ބޮޑު ހޭދައެއްކުރާ ޓީމެވެ. އެ ގޮތުން، އިންޓަ މިއާމީން މުޅި ސީޒަނަށް ހުރިހާ ކުޅުންތެރިންގެ މުސާރަ އަށް، 46.8 މިލިއަން ޑޮލަރު ހަރަދުކުރެ އެވެ. އެއީ، ފާއިތުވި އަހަރަށް ވުރެން ފަސް މިލިއަން ޑޮލަރު އިތުރު މިންވަރެކެވެ.

އެމްއެލްއެސްގައި އެންމެ މުސާރަ ކުޑަ ޓީމަކީ، މޮންޓްރެއާލް އިމްޕެކްޓް އެވެ. އެ ޓީމުން މުސާރަ އަށް ކުރާ ހަރަދު އުޅެނީ، 12 މިލިއަން ޑޮލަރުގަ އެވެ.