28 ޖޫން 2025 - 11:02 2
ލީވާން އަލީ ނާސިރު
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު: މެލޭޝިއާގައި ތިބި ދަރިވަރުން އަތުން ޓެކްސް ނެގުން ބުރައަކަށް ނުވާނެ ގޮތަށް މަޝްވަރާކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
28 ޖޫން 2025 - 11:02 2
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން ޖުލައި 1، އިން ފެށިގެން ހަ ޕަސަންޓުގެ ޓެކްސްއެއް ނެގުމަށް އެ ގައުމުން ނިންމި ނަމަވެސް، ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ ގޮތަށް ކަންކަން ހަމަޖައްސައިދޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
އަދަދު އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ މެލޭޝިއާއިން އެފަދަ ޓެކްސްއެއް ނަގަން އުޅޭކަން މިހާތަނަށް ރަސްމީކޮށް އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް އެފަދަ ޓެކްސްއެއް ނަގާނަމަ، އެކަމާ ގުޅިގެން ދަރިވަރުން ބުރައެއް އުފުލަން ނުޖެހޭ ގޮތަށް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އަދި އެނގިފައެއް ނެތް. އަޅުގަނޑުމެން އެބަ ބަލަން ކިހިނެއް ހިނގާ ކަމެއްތޯ. އަޅުގަނޑުމެން ދަރިވަރުންނަށް ބުރައަކަށް ނުވާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދަނީ މެލޭޝިއާގައިކަން ހައިދަރު ފާހަގަކުރެއްވި އެވެ. ނަމަވެސް ކިޔަމުންދަނީ ކިތައް ކުދިން ކަން އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ މަހުން ފެށިގެން މެލޭޝިއާއިން ހަ ޕަސަންޓުގެ ޓެކްސްއެއް ނަގަން ނިންމާފައި ވަނީ އެ ގައުމުގައި ޕްރައިވެޓް ޕްރީ ސްކޫލްތަކާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވާސިޓީތަކުގެ އިތުރުން ލެންގުއޭޖް ސެންޓަރުތަކުގައި ކިޔަވާ ބޭރުގެ ދަރިވަރުން އަތުންނެވެ.
މެލޭޝިއާގައި އަމަލުކުރާ ސޭލްސް އެންޑް ސާވިސް ޓެކްސް (އެސްއެސްޓީ) ގަވާއިދަށް ބަދަލު ގެނެސް، އެ ޓެކްސް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަމަޖެއްސީ ބޭރު ދަރިވަރުން އަތުން އަހަރެއްގެ މައްޗަށް 60،000 މެލޭޝިއާ ރިންގިޓު ދައްކާ ދަރިވަރުންނެވެ.
މި ހިނގާ ޖޫން މަހުގެ ކުރީކޮޅު މެލޭޝިއާގެ ފިނޭންސް މިނިސްޓްރީން ވަނީ އެ ގައުމުގެ ފިސްކަލް ހާލަތު ރަނގަޅުކޮށް އާމްދަނީ އިތުރު ކުރަން ޓެކްސް ބޭސް ފުޅާ ކުރާނެ ކަމަށް ބުނެފަ އެވެ.
މެލޭޝިއާގެ އަމާޒަކީ މި އަހަރު އެ ގައުމުގައި ކިޔަވާ ބޭރު ދަރިވަރުންގެ އަދަދު 250،000 އަށް އެރުވުމެވެ. ނަމަވެސް އެ ގައުމުން ބޭރު ދަރިވަރުންގެ އަތުން ޓެކްސްއެއް ނަގަން ފެށުމުން، އެ އަދަދު ހާސިލު ކުރެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
Comment