Advertisement

ރެލިގޭޓް ކޮށްލި ލިޔޯން ހިމަނައިގެން ފްރެންޗް ލީގު ޝެޑިއުލް ނެރެފި

28 ޖޫން 2025 - 08:31 0


ރެލިގޭޓް ކޮށްލި ލިޔޯން ހިމަނައިގެން ފްރެންޗް ލީގު ޝެޑިއުލް ނެރެފި

28 ޖޫން 2025 - 08:31 0

ޕެރިސް (ޖޫން 28) - ފްރާންސް ފުޓްބޯޅައިގެ މާލީ ކަންކަން ބަލަމުން އަންނަ ޑީއެންޖީސީން، އެ ގައުމުގެ މަޝްހޫރު ކްލަބް، ލިޔޯން، ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްލާފައި އޮއްވައި، އެ ޓީމު ހިމަނައިގެން އަންނަ ސީޒަނުގެ ފްރެންޗް ލީގުގެ ޝެޑިއުލް ނެރެފި އެވެ.

މިދިޔަ އޮކްޓޫބަރު މަހު، ލިޔޯން، ހިންގަމުން އަންނަ، އީގަލް ފުޓްބޯލް ގްރޫޕުން ވަނީ 500 މިލިއަން ޑޮލަރުގެ ދަރަނި އޮތް ކަމަށް ބުނެ، އެ ކުންފުނީގެ މާލީ ރިޕޯޓް އާންމުކޮށްފަ އެެވެ.

ލިޔޯނުގެ 77 ޕަސެންޓް ހިއްސާ އޮތް އީގަލް ފުޓްބޯލް ގްރޫޕްގެ އަތުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސް އާއި ބްރެޒިލްގެ ބޮޓަފޯގޯގައި ވެސް ހިއްސާ އޮވެ އެވެ.

ދަރަނީގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، މި ސީޒަން ނިމުމުން ފްރާންސްގެ ދެ ވަނަ ޑިވިޝަނަށް ލިޔޯން ރެލިގޭޓްކޮށްލާނެ ކަމަށް މިދިޔަ ނޮވެމްބަރު މަހު، ޑީއެންޖީސީން ވަނީ ލިޔޯނަށް އަންގައިފަ އެވެ. ލިޔޯނުގެ އޮފިޝަލުން ދާދި ފަހުން ވަނީ ޑީއެންޖީސީއާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެކަމަކު، އެ ބައްދަލުވުމުގައި، އެ ކްލަބްގެ މާލީ ހާލަތު ކަނޑައެޅިފައިވާ ގަވާއިދުގެ ތެރެއިން ކުރިއަށްދާކަން ޔަގީންކޮށްދެވިފައިނުވެ އެވެ. އަދި، އެކަންކަން ރަނގަޅުކުރަން ދިން މުއްދަތުގައި ވެސް އަމަލުކޮށްފައިނުވާތީ، ޑީއެންޖީސީން ގޮތެއް ނިންމައި، ލިޔޯން ދެ ވަނަ ޑިވިޝަނަށް ޑީމޯޓްކޮށްލަން ކަނޑައެޅީ އެެވެ.

އެހެން ނަމަވެސް، ލިޔޯނުން ވަނީ، ޑީއެންޖީސީގެ މި ނިންމުން އެޕީލްކުރަން ނިންމައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، އެޕީލް މަރުހަލާއާ މެދު ގޮތެއް ނިންމަން މުއްދަތެއް ނަގާނެތީވެ، ފްރެންޗް ފުޓްބޯލް އިން ނިންމީ، ލިޔޯން ހިމަނައިގެން، ފްރެންޗް ލީގުގެ ޝެޑިއުލް އާންމުކުރުމަށެވެ.

ލިޔޯނާ މެދު، ފްރެންޗް ފުޓްބޯލް އިން އަމަލުކުރާނެ ފައިނަލް ގޮތެއް ކަނޑައަޅާނީ، އެ ޓީމުގެ އެޕީލް ކުރިއަށްދާ ގޮތަކުންނެވެ.