27 ޖޫން 2025 - 16:12 0
އަހުމަދު އާއިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު (ވ) އަދި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ނޫސްވެރިންގެ ބައްދަލުވުމެއްގައި: އެ ދެ މަގާމު އެއްކޮށްލައި ޕާޓީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނައުމުގެ މަސައްކަތް ވަނީ ފަށާފަ --- ފޮޓޯ: އެމްޑީޕީ
27 ޖޫން 2025 - 16:12 0
އިދިކޮޅު އެމްޑީޕީގެ ލީޑަޝިޕުގައި މިހާރު ހިމެނޭ ރައީސްގެ މަގާމާއި ޗެއާޕާސަންގެ މަގާމު އެއްކޮށްލައި ކޮންމެވެސް އެއް މަގާމެއް ދެމެހެއްޓުމަށް އޮގަސްޓު މަހުގެ ކުރިން ބާއްވާ އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ "ސަންގު ޓީވީ" ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ދެ މަގާމު އެއްކޮށްލުމުން ޕާޓީ ހިންގުން ހަރުދަނާ ވާނެ ކަމަށެވެ. މިހާރު އެކުލަވާލާފައިވާ ޕާޓީގެ ރޯޑު މެޕުގައި ވެސް އޮންނާނީ އެ ތަނުން ކޮންމެވެސް އެއް މަގާމެއް ދެމެހެއްޓުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް މުހިންމު ބަދަލެއް މިއީ. ބައެއް ބޭފުޅުންނަށް އެހާ ފަސޭހަ ނުވެދާނެ ވިސްނަން އެކަމު އަޅުގަނޑަށް ހީވަނީ އެމްޑީޕީގެ ކުރިމަގަށް ވަރަށް މުހިންމު ބަދަލެއްހެން،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވިއިރު، ޕާޓީގެ ރައީސް އަކީ އަބްދުﷲ ޝާހިދު އެވެ.
ދެ މަގާމު އެއްކޮށްލުމަށްފަހު ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނަ މީހަކަށް، އެ މަގާމުގެ ދައުރުގެ ތެރޭގައި އަންނަ ރިޔާސީ އިންތިހާބެއްގައި ވާދަނުކުރެވޭނެ ގޮތަށް އަސާސީ ގަވާއިދު އިސްލާހު ކުރަން ހުށަހަޅާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމެއްގައި ޕާޓީގެ ލީޑަރަށް ސަރުކާރުގެ އެއްވެސް މަގާމަކަށް، މަޖިލީހުގެ މެންބަރުކަމަށް ނުވަތަ މިނިވަން މުއައްސަސާއެއްގެ ވަޒީފާއަކަށް ނުދެނޭވެ ހެން ހެދުމަކީ ފައްޔާޒު ހުށަހަޅުއްވާނެ ބަދަލެކެވެ.
މި ބަދަލުގެ ބޭނުމަކީ ޕާޓީގެ ތެރޭގައި އުފެދޭ ފެކްޝަންތަކާއި އެހެން ސިޔާސީ އޮއިވަރުތަކުގެ ތެރެއިން މިނިވަންކަމާއެކު ޕާޓީ ހިންގުމުގެ ފުރުސަތު ދިނުންކަން އޭނާ ފާހަގަކުރެއްވި އެވެ. މި ބަދަލުގެ ސަބަބުން، ޗެއާޕާސަން އަކަށް ހުންނަ މީހެއްގެ ކިބައިގައި ވެރިކަން ކުރުމުގެ ގާބިލުކަމާއި ހިންގުންތެރިކަން ހުރިތޯ ވެސް ވަޒަންކުރަން ރައްޔިތުންނަށް އެނގިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެރިކަން އޮންނަ ކޮންމެ ފަހަރަކު ޕާޓީގަ ތިބޭ އިސް ހުރިހާ ވަރުގަދަ ބޭފުޅުންތައް ދައުލަތުގެ އެކި ދިމަދިމާލަށް މި ދަނީ. މަޖިލީހުގެ މެންބަރުކަމަށް ވަޑައިގަންނަވަނީ. ކެބިނެޓަށް ވަޑައިގަންނަވަނީ. އެހެންވީމަ ޕާޓީ ވަރަށް ބޮޑަށް ކުޑަވަނީ. އޭރުން ހިނގަނީ ސަރުކާރު. އަޅުގަނޑުމެންގެ ބޭނުމަކީ އަޅުގަނޑުމެންގެ ސަރުކާރެއް އެކުލެވިގެންދާއިރުގައި ވެސް ޕާޓީ ވަރުގަދައަށް ހިނގުން،" ފައްޔާޒު ވިދާޅުވި އެވެ.
މި ބަދަލާއެކު ޕާޓީގެ ލީޑަރަކީ ރަނގަޅު މުސާރައެއް ދެވިފަ ހުންނަ ޕާޓީގެ ހުރިހާ ކަމެއް ހިންގުމުގައި އަބަދުމެ ޝާމިލުވެ ހުންނަ މީހަކަށް ވެގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ ހިންގުމަށް ބަދަލުތަކެއް ގެންނާނެ ކަމަށާއި އެކަންކަން ކުރިއަށް އޮތްތަނުގައި ހާމަކުރާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް އޯގަސްޓް 15، ގެ ކުރިން ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަށް ވަކި ތާރީހެއް އަދި ކަނޑައެއް ނާޅަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment