Advertisement

ޔޫމެޓަށް ބަދަލުގެ ގޮތުގައި 23 މިލިއަން ރުފިޔާ އިތުރަށް ދިން، އަނބުރާ ހޯދަން ޖެހޭ: އޮޑިޓު

29 ޖޫން 2025 - 11:10 0

އަމަން ހަލީމް

އަމަން ހަލީމް

އޮޑިޓަ ޖެނެރަލް ނިޔާޒީ


ޔޫމެޓަށް ބަދަލުގެ ގޮތުގައި 23 މިލިއަން ރުފިޔާ އިތުރަށް ދިން، އަނބުރާ ހޯދަން ޖެހޭ: އޮޑިޓު

29 ޖޫން 2025 - 11:10 0

ޅ. ކުރެންދޫ ބަނދަރު ހެދުމުގެ އެއްބަސްވުން ބާތިލުކުރި މައްސަލައި ޔޫމެޓް ކޮންސްޓްރަކްޝަނަށް ކުރީ ސަރުކާރުން ބަދަލު ދިނީ، ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް ކަމަށް ނިންމައި އެ ފައިސާ އަނބުރާ ހޯދަން އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ލަފާދެއްވައިފި އެވެ.

ޔޫމެޓަށް ބަދަލު ދިން ސެޓްލްމަންޓް އެއްބަސްވުމާ ގުޅޭ ގޮތުން ހެދި ހާއްސަ އޮޑިޓުގައި ބުނެފައި ވަނީ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 26 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އެކަމަކު މިއީ ޔޫމެޓުން ކުރި މަސައްކަތާއި އެހާތަނަށް ދީފައި ހުރި ފައިސާއަށް ބަލާއިރު، ނުބައްދަލު ބަދަލެއް ކަމަށް އޮޑިޓު ރިޕޯޓުގައި ބުންޏެވެ.

ކުރެންދޫ ބަނދަރު ހެދުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކުރީ މި ކަހަލަ މަސައްކަތްތައް ކުރަން ހާއްސަކޮށްގެން އުފެއްދުމަށް ފަހު މިހާރު އުވާލާފައިވާ ވާކްސް ކޯޕަރޭޝަންއާ އެވެ. ވާކްސް ކޯޕަރޭޝަނުން މި މަސައްކަތް ޔޫމެޓް ކޮންސްޓްރަކްޝަނާ ހަވާލުކުރީ ޖޮއިންޓް ވެންޗާ (ޖޭވީ) އުސޫލުން 14.9 މިލިއަން ރުފިޔާއަށެވެ. އެ ފަހުން މަސައްކަތުގެ ސްކޯޕަށް ބައެއް ބަދަލުތައް ގެނެސް، އެންމެ ފަހުގެ އަގަކަށް އެއްބަސްވީ 21.1 މިލިއަން ރުފިޔާ އެވެ.

ވާކްސް ކޯޕަރޭޝަނާއި ޔޫމެޓް ކޮންސްޓްރަކްޝަނާ ދެމެދު އެއްބަސްވެވުނީ މަސައްކަތަށް ބޭނުންވާ މުދާ ވާކްސް ކޯޕަރޭޝަނުން ފޯރުކޮށްދިނުމުން މަޝްރޫއުގެ އަމަލީ މަސައްކަތްތައް ޔޫމެޓުން ކުރާ ގޮތަށެވެ.

ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ފެށިތާ އަހަރެއް ވަރު ފަހުން ޔޫމެޓޫން ވަނީ މަސައްކަތް ހުއްޓާލާފަ އެވެ. ސަރުކާރުން މި އެއްބަސްވުން ބާތީލުކުރީ އެމްޓީސީސީ މެދުވެރިކޮށް ހެދި އެ މަޝްރޫއުގެ އެސެސްމަންޓަކަށް ފަހު އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަަމަށް ބުނެ މާޗު 10، 2013 ގަ އެވެ.

އެއްބަސްވުން ބާތިލުކުރި މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ދިޔަ އެވެ. ޔޫމެޓުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. އަދި ބަދަލުގެ ގޮތުގައި 13 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން ހުކުމް ކުރި އެވެ. މި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ދަށު ކޯޓުގެ ހުކުމް ބާތިލުކުރި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ދިޔުމުން އެ ކޯޓުން ވަނީ އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމުގެ ބައި ދަމަހައްޓާފަ އެވެ. ނަމަވެސް ބަދަލު ދިނުމާ ގުޅޭ ގޮތުން އެ ކޯޓުން ތާއީދުކުރީ ހައި ކޯޓުގެ ނިންމުމަށެވެ. އަދި ބަދަލު ހޯދަން އެދޭ ނަމަ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އެ މައްސަލައިގައި ހުކުމް ކުރި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ޔޫމެޓުން ބަދަލު ހޯދުމުގެ މައްސަލަ އޮކްޓޫބަރު 2، 2022 ގައި ސިވިލް ކޯޓަށް ހުށަހެޅި އެވެ. މި މައްސަލަ ދެވަނަ ފަހަރު ހުށަހެޅިއިރު އެ ކުންފުނިން ބަދަލުގެ ގޮތުގައި ނަގައިދޭން އެދުނީ 56.5 މިލިއަން ރުފިޔާ އެވެ. މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ފަހު، އެ މައްސަލަ ކޯޓުން ބޭރުގައި ނިންމަން ހުށަހެޅީ ވެސް ޔޫމެޓުންނެވެ.

ޔޫމެޓްގެ "ރިވިއު އޮފް ލޮސް އެސްޓިމޭޝަން" ރިޕޯޓުގައި ހުރި އަދަދުތައް

  • އެއްބަސްވުމުގެ ދަށުން ނުލިބި ހުރި ފައިސާ - 13.4 މިލިއަން ރުފިޔާ
  • އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ ދައުރުކޮށްގެން ލިބޭނެކަމަށް ލަފާކުރާ އާމްދަނީ - 4.8 މިލިއަން ރުފިޔާ
  • އައިޑަލް ކޮސްޓު - 6.1 މިލިއަން ރުފިޔާ
  • އައިޑަލް މުއްދަތުގައި ވެހިކަލާއި އިކުއިޕްމަންޓް ކުއްޔަށް ދީގެން ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީ - 32.1 މިލިއަން ރުފިޔާ

ބަދަލު ހޯދަން ޔޫމެޓުން ހުށަހެޅުމުން ސަރުކާރުން ބަދަލުގެ ގޮތުގައި ދޭން ހުށަހެޅީ 24.4 މިލިއަން ރުފިޔާ އެވެ. މި އަދަދު ގަބޫލުނުކޮށް ޔޫމެޓުން ހުށަހެޅީ 26 މިލިއަން ރުފިޔާ ހޯދުމަށެވެ. އޭރުގެ ސަރުކާރުގެ މައްސަލަ ބެލި ކޮމިޓީން ކަނޑައެޅި މިންގަނޑުގެ ތެރޭގައި މި އަދަދު ހިމެނޭތީ، މިއީ އެކަށީގެންވާ ހުށަހެޅުމެއް ކަަމަށް ބަލައި ސެޓްލްމަންޓަކަށް ދާން އެއްބަސްވި އެވެ.

އެ ގޮތުން އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ އެކީ ސެޓްލްމަންޓް އެއްބަސްބުމުގައި ސޮއިކުރުމަށް ފަހު، އެ މިނިސްޓްރީން ވަނީ ޖޫން 18، 2023 ގައި މި ފައިސާ ދައްކައިފަ އެވެ.

އޮޑިޓު އޮފީހުން ދެކޭ ގޮތުގައި އެންމެ ގިނަ ވެގެން ވެސް ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ މަސައްކަތް ހުއްޓިފައި ހުރި މުއްދަތުގެ ތެރޭގައި ހުރި ވެހިކަލްތަކާއި އިކުއިޕްމަންޓަށް އައިޑްލް ކޮސްޓުގެ ގޮތުގައި 2.7 މިލިއަން ރުފިޔާ އެވެ. އަދި ބަދަލު ދިނުމުގެ އަދަދުތައް ހިސާބުކުރުމުގައި، ބަދަލު ދިނުމުގެ މައްސަލަތައް ހައްލުކުރުމަށް ލަފާދޭ ކޮމިޓީން ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.

އެއް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިނުދެވޭނެ ކަމަށް ކޯޓުތަކުން ކަނޑައަޅާފައި ހުރި އަދަދުތައް ބަދަލުގެ ގޮތުގައި ދިނުމެވެ. މި މަޝްރޫއު ހިނގަމުން ދިޔަ އިރު ޔޫމެޓަށް 7.6 މިލިއަން ރުފިޔާ ލިބުނެވެ.

މި ފައިސާ ދީފައި ހުރި ކަމުގައިވީ ނަމަވެސް ކޮމިޓީން ވަނީ މަސައްކަތަށް ނުލިބިވާ ފައިސާގެ ގޮތުގައި 13.4 މިލިއަން ރުފިޔާ ދޭން ލަފާ ދީފަ އެވެ. މިއީ ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ބަދަލުގެ ގޮތުގައި ނަގައިދޭން ޖެހޭ ފައިސާ ނޫން ކަމަށް ނިންމާފައިވާ ފައިސާ އެވެ. ކޯޓުތަކުން މި ފައިސާ ނުދޭން ޖެހޭ ކަމަށް ނިންމި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ޔޫމެޓުން ކޮށްނިންމާފައިވާ މަސައްކަތެއްގެ ބަދަލުގެ މިންވަރުކަން އެނގެން ނެތުމެވެ.

އޭގެ އިތުރުން ބަނދަރު އަޅަން ލިބުނު ފައިސާ ދައުރުކޮށްގެން ޔޫމެޓަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަކީ ވެސް ބަދަލުގެ ގޮތުގައި ނަގައިނުދެވޭނެ ފައިސާ ކަމަށް އޮޑިޓު ރިޕޯޓުގައި ވެ އެވެ. ޔޫމެޓުން މި އަދަދު ހިސާބުކުރީ އެ ކުންފުންޏަށް ޕްރޮޖެކްޓުން ނުލިބިވާ 13 މިލިއަން، ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި 10 އަހަރާއި ފަސް މަސް ވަންދެން ލިބޭ އިންޓްރެސްޓު އާމްދަނީއަށެވެ.

އޮޑިޓުގައިވާ ގޮތުގައި ޕްރޮޖެކްޓަށް ލިބޭ ހުރިހާ ފައިސާއަކީ އިތުރު އާމްދަނީ ހޯދުމަށް ދައުރުކުރުމުގެ ފުރުސަތު ލިބޭ ފައިސާއެއް ނޫނެވެ. އަދި މިއީ ވެސް ކޯޓުތަކުން ނަގައި ނުދެވޭނެ ކަމަށް ކަނޑައަޅާއި ހުރި ފައިސާ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެ އެވެ.

ވާކްސް ކޯޕަރޭޝަނުން ފޯރުކޮށްދޭން ޖެހޭ ތަކެތި ފޯރުކޮށްނުދީ ލަސްވުމުގެ ސަބަބުން އައިޑްލް ކޮސްޓުގެ ގޮތުގައި ޔޫމެޓުން 6.1 މިލިއަން ރުފިޔާ ހޯދަން ހުށަހެޅި އެވެ. އޮޑިޓު ރިޕޯޓުގައި ވަނީ އަސްލު މަސައްކަތް ހުއްޓިފައި ހުރި މުއްދަތުން ހިސާބުކުރުމުން އައިޑްލް ކޮސްޓަށް އަރަނީ 2.7 މިލިއަން ރުފިޔާ ކަމަށެވެ.

ބަދަލުގެ ގޮތުގައި ދިން އަދަދާ މެދު އޮޑިޓަރުން ފާހަގަކުރި އެންމެ ބޮޑު އެއް މައްސަލައަކީ އޮތީ ޔޫމެޓުން ހުށަހެޅި "ރިވިއު އޮފް ލޮސް އެސްޓިމޭޝަން" ރިޕޯޓުގައި ހުރި އަދަދުތަކަކީ ސައްހަ އަދަދުތަކެއް ކަމަށް ބަލައިގެން ގޮތް ނިންމުމެވެ. އޮޑިޓު ރިޕޯޓުގައި ވަނީ އެ އަދަދުތަކުގެ ސައްހަކަން ކަށަވަރުކުރަން ކޮމިޓީން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

ކުރެންދޫ ބަނދަރުގެ ސެޓްލްމަންޓް އެއްބަސްވުމާ ގުޅިގެން ހެދި އޮޑިޓުގައި، ކުރީ ސަރުކާރުން ގެންގުޅުނު ބަދަލު ނަގައިދިނުމުގެ އުސޫލުގައި ހުރި މައްސަލަތައް ވެސް ފާހަގަކޮށްފައި ވެ އެވެ. އަދި އެ އުސޫލަކީ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ފާހަަގަކޮށްފައި ހުރި ކަންކަމަށް ރިއާޔަތްކޮށްފައި ނުވާ އުސޫލެއް ކަމަށް އެ ރިޕޯޓުގައި ވެ އެވެ.

އެ ގޮތުން ފާހަގަކުރި ހަ ނުކުތާގެ ތެރޭގައި، ކުރިން ފައިސާ ދައްކާފައިވާ ކަމަކަށް ބަދަލު ނަގައިދެވޭތޯ ބަލައި ބަދަލުގެ ގޮތުގައި ދޫކުރާ ފައިސާއިން ކުރިން ދީފައި ހުރި އަދަދު އުނިކުރުމުގައި އަމަލުކުރަންވީ ހަމަތަކެއް އުސޫލުގައި ނެތުން ހިމެނެ އެވެ. އަދި މި އުސޫލު އޮތް ގޮތުން އެކަށީގެންނުވާ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ފުރުސަތު ފަހިވެެފައިވާކަން ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައި ބުންޏެވެ.

މި މައްސަލައިގެ ތެރެއިން ޔޫމެޓަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީފައިވީ ނަމަވެސް އޮޑިޓަރުން ވަނީ އިތުރަށް ދީފައިވާ 23.2 މިލިއަން ރުފިޔާ އަނބުރާ ހޯދަން ލަފާދީފަ އެވެ. އަދި މި މައްސަލައިގައި ނުހައްގު ބަދަލު ދިނުމުގައި ޒިންމާވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދަންނަވާ ކަމަށް ވެސް އެ ރިޕޯޓުގައި ނިންމުމުގައި ވެ އެވެ.

ޔޫމެޓް ކޮންސްޓްރަކްޝަނާ އެކީ ކުރީ ސަރުކާރުން ހެދި ބަދަލުގެ އެއްބަސްވުމަކީ، މި ސަރުކާރުން ވެރިކަމަށް އައިސް ބާތިލުކުރި ބަދަލު ދިނުމުގެ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ އެއްބަސްވުމެކެވެ.