25 ޖޫން 2025 - 10:20 0
އަހުމަދު އާއިދު
ރައީސް މުއިއްޒު އަދި ބަންޑާރަނައިބު އުޝާމް: އޭޖީ އޮފީހުގެ ބިލު ތަސްދީގުކުރިތާ މަހެއް ނުވަނީސް އިސްލާހު ކުރަން ސަރުކާރުން ވަނީ ހުށަހަޅާފަ --- ފޮޓޯ: ރައީސް އޮފީސް
25 ޖޫން 2025 - 10:20 0
ބަންޑާރަނައިބުގެ އޮފީސް ސިވިލް ސާވިސް އިން ވަކިކޮށް އެ އޮފީހުގެ އުސޫލުތަކަށް ބައެއް އެހެން ބަދަލުތަކެއް އަންނާނެހެން އެކުލަވާލި ގާނޫނު ތަސްދީގުކުރިތާ މަހެއް ނުވަނީސް، އެ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ފުވައްމަލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި ބިލުގައި، މިދިޔަ މަހުގެ 29، ގައި ތަސްދީގުކުރި ގާނޫނަށް 14 އިސްލާހެއް ހުށަހަޅާފައި ވެ އެވެ. އޭގެ ތެރޭގައި ބަންޑާރަނައިބަށް ލިބިދޭ ބައެއް ބާރުތައް އުނިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އެ އޮފީހަށް ނުފޫޒު ފޯރުވޭ ބަދަލުތައް ހިމެނެ އެވެ.
އެ ގޮތުން، މީގެ ކުރިން ބަންޑާރަނައިބު އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު ކަނޑައެޅުމަށް ބަންޑާރަނައިބަށް ލިބިދީފައި އޮތް ބާރު ހަނިކޮށް، އެ އޮފީހުގެ އޮނިގަނޑު ރައީސް އޮފީހަށް ހުށަހަޅައި ރައީސުލްޖުމްހުރިއްޔާގެ ހުއްދަ ލިބެން ޖެހޭގޮތަށް މާއްދާއެއް ހިމަނާފައި ވެ އެވެ. އަދި، ދައުލަތުގެ ދެ އިދާރާއެއްގެ ދެމެދު އުފެދޭ މައްސަލަތަކާމެދު ގާނޫނީ ގޮތުން ގޮތް ކަނޑައަޅައި ހައްލު ހޯދައިދިނުމަށް އޭޖީއަށް ބާރު ލިބިދޭ މާއްދާ ގާނޫނުން އުނިކުރުމަށް ވެސް ބިލުގައި ހިމަނާފައި ވެ އެވެ.
މިއަދު މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވައި، އިބްތިދާއީ ބަހުސް ފެށި މި ބިލުން ދެން އެންމެ ބޮޑަށް ފާހަގަވަނީ ބަންޑާރަނައިބު އޮފީހުގެ މުވައްޒަފުންގެ ގިންތިތަކަށް ގެންނަން ހުށަހަޅާފައިވާ އިސްލާހެވެ. މީގެ ކުުރިން އެޑްމިނިސްޓްރޭޓިވް ސާވިސްގެ ގޮތުގައި ގިންތިކޮށްފައި ތިބި މުވައްޒަފުން ލީގަލް ސަޕޯޓް ސާވިސްގެ ގިންތިއަށް ބަދަލުކުރަން ވަނީ ހުށަޅާފަ އެވެ.
ސަރުކާރުން ހުށަހަޅައިގެން، ސަރުކާރުން ބޭނުންވި ގޮތަށް މަޖިލީހުން ފާސްކުރި ބިލު ގާނޫނަކަށް ވީތާ މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި އެ ގާނޫނަށް މިހާ ގިނަ ބަދަލުތަކެއް ހުށަހެޅުމުން އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެމްޑީޕީ މެންބަރުން ފާހަގަކުރީ މިކަމުން ދޭހަވަނީ ސަރުކާރުގެ ރޭވުންތެރިކަމެއް ނެތް ކަން ކަމަށެވެ.
އޭޖީ އޮފީހުގެ ގާނޫނު ތަސްދީގު ކުރި ނަމަވެސް އެ ގާނޫނަށް އަމަލު ކުރަން އަދި ނުފަށަ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފަށާ މުއްދަތަކަށް އޮތީ، ގާނޫނު ތަސްދީގުކުރާ ދުވަހުން ފެށިގެން 90 ދުވަހެވެ.
މީގެ ކުރިން އޭޖީ އޮފީސް ހިނގަމުން ދިޔައީ ސިވިލް ސާވިސްގެ ދަށުންނެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި އާންމުކޮށް ވަކީލުންނަށް ލިބޭ އާމްދަނީއާ ގާތް ކުރާ މުސާރައެއް އޭޖީގެ ވަކީލުންނަށް ދިނުމަށް ހުރަސްތަކެއް ކުރިމަތިވި އެވެ. މިއަދު ތަސްދީގުކޮށް އަމަލުކުރަން ފެށި ބިލުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި އޮތީ މި ދަތިތައް ނައްތާލުން ކަމަށް ސަރުކާރުން ފުރަތަމަ ހުށަހެޅި ބިލުގައި ބުނެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment