Advertisement

އެޗްޑީސީން އިންސާފަށް ހުރަސްއެޅި ކަަމަށް ހައި ކޯޓުން ނިންމައިފި

24 ޖޫން 2025 - 20:49 0

ދިވެހިރާއްޖޭގެ ހައިކޯޓު: އެޗްޑީސީގެ އަމަލުތައް ތަކުރާރު ނުކުރާނެ ކަމަށް އެ ކޯޓަށް ލިޔުމުން އަންގަން ޖެހޭ -- އަދަދު ފައިލް ފޮޓޯ


އެޗްޑީސީން އިންސާފަށް ހުރަސްއެޅި ކަަމަށް ހައި ކޯޓުން ނިންމައިފި

24 ޖޫން 2025 - 20:49 0

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޖާހު އިންވެސްޓްމަންޓްސްއާ ދެކޮޅަށް ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ހުށަހަޅާފައިވާ މައްސަލައެއްގައި، އެޗްޑީސީން އިންސާފަށް ހުރަސް އަޅައި، ޝަރީއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

ހައި ކޯޓުން މި ގޮތަށް ނިންމީ، ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ޝުނާނާއާ ދެކޮޅަށް ނިންމި މައްސަލައެއްގެ އިސްތިއުނާފުގެ ތެރެއިން، އެޗްޑީސީން ހުށަހެޅި އިޖުރާއީ އިއުތިރާޒަކާ ގުޅިގެންނެވެ.

މި މައްސަލަ ޝުނާނާ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެޗްޑީސީން ވަނީ އިސްތިއުނާފުކުރުމުގެ ހަރަދުގެ ގޮތުގައި ހިނގާ 15،000ރ. ސެކިއުރިޓީއެއްގެ ގޮތުގައި ބަހައްޓައި ދިނުމަށް އަންގައި ދިނުމަށް ކޯޓުގައި އެދިފަ އެވެ. އަދި، މި ފައިސާ ބަހައްޓަން ޝުނާނާ ނުކުޅެދިއްޖެ ނަމަ މައްސަލަ ބާތިލުކޮށްދިނުމަށް ވެސް އެދުނެވެ.

މި ހުށަހެޅުމަކީ "ހަގީގީ އަސާސެއްނެތި، ވަގުތު ބޭކާރުވާހެން، ރިއާޔަތް ކުރަން ޖެހޭ ގާނޫނީ އުސޫލުތަކަށް ބެލުމެއްނެތި" ހުށަހެޅި ހުށަހެޅުމެއް ކަމަށް ބުނެ، ޝުނާނާ ބުންޏެވެ. އޭނާ އެދުނީ މިކަން ތަކުރާރު ނުކުރުމަށް އެޗްޑީސީއަށް ނަސޭހަތްތެރިވުމަށާއި ޝަރީއަތުގެ ކަންކަން ރަނގަޅަށް ގެންދާނެކަމުގެ ޔަގީންކަންދޭ ލިޔުމެއް ދިނުމަށް އަމުރުކޮށްދިނުމަށެވެ.

ހައި ކޯޓުގެ ނިންމުމުގައި ވަނީ، ސެކިއުރިޓީ ޑިޕޮސިޓް ބަހައްޓަން އެންގޭ ޝަރުތުތަކުގެ ތެރެއިން ޝުނާނާގެ ފުރިހަމަ ވަނީ ކޮން ޝަރުތެއް ކަމަށް އެޗްްޑީސީއަށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި ގާނޫނުގައި އެދެވިދާނެ ކަމަށް އޮތްއޮތުމުގެ މައްޗަށް އެކަނި ރިއާޔަތްކޮށް މިކަމަށް އެދުމުން، އެޗްޑީސީގެ ޒިންމާ އަދާކުރީ ކަމަށް ނުބެލެވޭ ކަމަށް ވެސް އެ ނިންމުމުގައި ވެ އެވެ.

އެޗްޑީސީން އަމަލުކުރި ގޮތަށް ފާޑުކިޔަމުން، ސެކިއުރިޓީ ޑިޕޮސިޓް ބަހައްޓަން އެދުމުގައި އެކަމާ ގުޅޭ ގާނޫނީ އުސޫލަކަށް އެއްވެސް މިންވަރަކަށް ބަލާފައި ނުވާކަން ފުރަމަތަ ނަޒަރުން ބަލާއިރު ވެސް އެނގޭ ކަމަށް މި މައްސަލެ ބެލި ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުވީ ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔުގައި ލިޔުއްވާފައި ވެ އެވެ.

"އެޗްޑީސީގެ މި އަމަލުން ފައުޅުވާން އޮތް ހަގީގަތަކީ، އެ ކުންފުނީގެ ހުށަހެޅުމުގައި ގާނޫނީ ބިނާއެއް އޮތަސްނެތަސް ހުދު އެ ކުންފުނީގެ އެއްވެސް ފަރުވާލެއް ނެތް ކަން" ދީބާނާޒް ވިދާޅުވި އެވެ.

ކޯޓުން ވަނީ މައްސަލަ ބާތިލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި، ޝަރީއަތުގެ ކަންކަން ރަނގަޅަށް ގެންދާނެ ކަމުގެ ޔަގީންކަން ލިޔުމުން ދިނުމަށް އެޗްޑީސީއަށް 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ.