Advertisement

ރައީސް މުއިއްޒަކީ ހަނގުރާމައެއްފަދަ ކަމެއް ދިމާވާއިރަށް މީޑިއާތަކަށް އަރާ ރޯނެ ވެރިއެއް ނޫން: މެންބަރު ހަމީދު

24 ޖޫން 2025 - 11:00 5

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު އަދި ރައީސް މުއިއްޒު ---


ރައީސް މުއިއްޒަކީ ހަނގުރާމައެއްފަދަ ކަމެއް ދިމާވާއިރަށް މީޑިއާތަކަށް އަރާ ރޯނެ ވެރިއެއް ނޫން: މެންބަރު ހަމީދު

24 ޖޫން 2025 - 11:00 5

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ހަނގުރާމައެއްފަދަ ކަމެއް ދިމާވާއިރަށް މީޑިއާތަކަށް އަރާ ރޯނެއް ރައީސެއް ނޫން ކަމަށް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއާލައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

"މިއަދުގެ ރައީސުލްޖުމްހުރިއްޔާ އަކީ އެގޮތަށް ކަމެއްދިމާވާއިރަށް މީޑިއާތަކަށް އަރުއްވާ ކީރިތިކުރައްވާ މުޅި ދިވެހި ރައްޔިތުން މާޔޫސް ކުރައްވާނެ ރައީސުލްޖުމްހުރިއްޔާއެއް ނޫން. އެއަށް ވުރެ ކަންކަމުގެ ދުރުވިސްނަވާ ކަންކަން މެނޭޖުކުރަން ދެނެވަޑައިގަންނަވާ ރައީސުލްޖުމްހުރިއްޔާއެއް،" ހަމީދު ވިދާޅުވި އެވެ.

އޭނާ އިޝާރާތް ކުރެއްވީ ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހިތޯބެއްގެ ތެރެއިން ކީރިތިކުރެއްވުމަށެވެ. އެއީ ކަންކަން ސީރިއަސްކޮށް ނެގުން ކަމަށް އިދިކޮޅު ފަރާތްތަކަށް ދޭހަވެދާނެ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

މި ހަނގުރާމައާ ކުރިމަތިލާއިރު ލިބޭ ހިތްހަމަ ޖެހުމަކީ ކޮވިޑު އައިއިރު އޮތްފަދަ ނާގާބިލު ސަރުކާރެއް ނެތުމުން ކަމަށާއި މި ސަރުކާރުން ކަންކަން ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ކަންކަން މެނޭޖުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަން ވެސް އޭނާ ވިދާޅުވި އެވެ.

ހަނގުރާމަ ފެށުނީ ޖޫން 13، ގައި އިޒްރޭލުން އިރާނުގެ އަސްކަރީ މަރުކަޒުތަކަކަށް ހަމަލާ ދިނުމުންނެވެ. އޭގެ ފަހުން އެމެރިކާއިން ވެސް އިރާނަށް ހަމަލާ ދިނެވެ. އޭގެ ބަދަލުގައި އިރާނުން އަންނަނީ އިޒްރޭލަށް ހަމަލާ ދެމުންނެވެ. އަދި ރޭގެ ވަގުތެއްގައި ގަތަރުގައި ގާއިމްކޮށްފައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ވެސް އިރާނުން ހަމަލާ ދިނެވެ.

ރޭގެ ހަމަލާތަކަށް ފަހު ހަމަލާ ބަދަލުކުރުން ހުއްޓާލިކަން އިރާނުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވީ އެމެރިކާ މެދުވެރިވެގެން ކަމަށް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި އެއްބަސްވުމަށް އައީ ގަތަރު މެދުވެރިވެގެން ކުރި މަޝްވަރާތަކަކާ ގުޅިގެންނެވެ.