Advertisement

ދިވެހި ރައްޔިތުންގެ އާންމު ހާލަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި ކަމަށް ނަޝީދު ވިދާޅުވެއްޖެ

23 ޖޫން 2025 - 21:57 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ދިވެހި ރައްޔިތުންގެ އާންމު ހާލަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި ކަމަށް ނަޝީދު ވިދާޅުވެއްޖެ

23 ޖޫން 2025 - 21:57 1

ދިވެހި ރައްޔިތުންގެ އާންމު ހާލަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީއަށް އެނބުރި ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ދައުލަތުގެ ދަރަނި މިވަގުތު ހުރީ ހައްދުން ނެއްޓިފައި ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި. ދިވެހި ދައުލަތުގެ ދަރަނި. ދިވެހި ސަރުކާރުގެ ދަރަނި. އެހެންވީމާ އަޅުގަނޑަށް ދަރާފައި އޮތް ދަރަނި، ސަރުކާރުންނަށް އަހަންނަށް ދޭން އޮތް އެތި، އަހަންނަށް ދަރާފައި އޮތް ދަރަނި. ދައުލަތުގެ ދަރަނި މިހާރު ހުރީ އަޅުގަނޑުމެންގެ އުފެއްދުންތެރިކަމުގެ 120 ޕަސެންޓުގައި،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދަރަނި ކިތަންމެ ބޮޑު ނަމަވެސް، ދަރަނި އަނބުރާ ދައްކާނެ ފައިސާ ދައުލަތުގައި ރައްކާ ކުރެވިފައި ނެތް ކަމަށެވެ.

"މިއަދު ރާއްޖޭގެ ރައްޔިތުންގެ އާންމު ހާލަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި. މި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކާންޖެހޭ. އަޅުގަނޑުމެންގެ އަތުގައި އެ ފައިސާ ރައްކާ ކުރެވިފައި އެބަ ހުރިތޯ؟ އެ ހުރި ނަމަ އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ. އަޅުގަނޑުމެން އެންމެ ފަހުން ބަލާލި އިރުގައި ދައުލަތުގެ ގްރޮސް ރިޒާވް ހުރީ 813 މިލިއަނުގައޭ ބުނީ. އެއީ އިންޑިއާ ސަރުކާރުގެ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕު ހިމެނިގެން. އެހެންވީމާ ހަގީގަތުގައި ބޭންކުގައި އެއްޗެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދަރަނި އަނބުރާ ދެއްކޭނީ އެމްޑީޕީއަށް ކަމަށެވެ. އަދި ދަރަނި ދެއްކުމުގެ އިތުރުން ރައްޔިތުންގެ އާންމު ހާލަތު ބަދަލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވެސް އެމްޑީޕީއަށް އެނގޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ރައްޔިތުންގެ ސަލާމަތް އަބަދުވެސް ހޯދައިދޭނެ ޕާޓީއެއް. އަޅުގަނޑުމެންނަށް އެނގޭ ދަރަނި އަލުން އަނބުރާ އެކުލަވައިލަން ވެސް. އަޅުގަނޑުމެންނަށް އެނގޭ އެ ފައިސާ ދައްކާނޭ ގޮތް ވެސް. އަޅުގަނޑުމެންނަށް އެބަ އެނގޭ އެ ފައިސާ ދެއްކުމުގެ އިތުރުން ތިބޭފުޅުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ދެން ކުރަން އޮތީ ކޮން ކަމެއްކަން ވެސް،" އެމަނިކުފާނު ވިދާޅުވި އެވެ.