Advertisement

އެމެރިކާއިން އިރާނަށް ދިން ހަމަލާ ދިވެހި ސަރުކާރުން އަދިވެސް ކުށްވެރި ނުކުރޭ

23 ޖޫން 2025 - 15:26 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމެރިކާގެ ސަފީރު ހޫގޯ ޔޮން ރައީސް މުއިއްޒުއާ ސަލާމްކުރައްވަނީ: އެމެރިކާއިން އިރާނަށް ދިން ހަމަލާ ދިވެހި ސަރުކާރުން އަދިވެސް ކުށްވެރި ނުކުރޭ ---- ފޮޓޯ: ރައީސް އޮފީސް


އެމެރިކާއިން އިރާނަށް ދިން ހަމަލާ ދިވެހި ސަރުކާރުން އަދިވެސް ކުށްވެރި ނުކުރޭ

23 ޖޫން 2025 - 15:26 0

އެމެރިކާގެ އަސްކަރިއްޔާއިން އިރާނަށް ދިން ވަރުގަދަ ހަމަލާތައް ސަރުކާރުން ކުށްވެރިއެއް ނުކުރި އެވެ.

މި މަހުގެ 13 ގައި އިޒްރޭލުން އިސްވެ އިރާނަށް ހަމަލާދިނުމާއެކު ފެށިފައިވާ ހަނގުރާމައަށް ވަދެގަނެ އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަކަށް އެމެރިކާއިން ހަމަލާދިނީ އިއްޔެ ފަތިހު އެވެ. ނަމަވެސް ފޮރިން މިނިސްޓްރީ އަދި ރައީސް މުއިއްޒު ވެސް އެމެރިކާގެ ހަމަލާތަކާ ދެކޮޅަށް އެއްޗެއް ނުބުނެ އެވެ.

އެކަމަކު، އިޒްރޭލުން އިރާނަށް ހަމަލާ ދޭން ފެށުމާއެކު އެކަން ރައީސް މުއިއްޒު އަދި ދިވެހި ހާރިޖިއްޔާއިން ވެސް ކުށްވެރި ކުރި އެވެ. ރައީސް ވިދާޅުވީ އިޒްރޭލުގެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

"އިޒްރޭލުން އިރާނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަދި ސަރަހައްދީ ސުލްހަ އާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ އަމަލުތަކެއް. ނުތަނަވަސްކަން އިތުރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ،" މި މަހު 13، ގައި ރައީސް މުއިއްޒު އެކްސްގައި ވިދާޅުވި އެވެ.

އެމެރިކާއިން އިރާނަށް ހަމަލާތައް ރައީސް ކުށްވެރި ނުކުރައްވަނީ ކީއްވެތޯ ރައީސް އޮފީހުގައި އެހުމުން ރަސްމީ ޖަވާބެއް ދީފައެއް ނުވެ އެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އެމެރިކާއާއެކު ރާއްޖެއިން އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފަ އެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވެސް އެކި ފަހަރުމަތިން ސަރުކާރަށް އަމާޒުވެފައިވެ އެވެ.

ސަރުކާރުގެ އިތުރުން އިދިކޮޅު ސިޔާސީ ލީޑަރުން ވެސް މި ހަމަލާތަކާ ދެކޮޅަށް ބަސް ނުބުނާކަން ފާހަގަކުރެވެ އެވެ. ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން މިހާތަނަށް އެމެރިކާގެ ހަމަލާތައް ކުށްވެރި ކުރައްވާފައިވަނީ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ.

އިރާނުގެ ފޯޑޯ، ނަޓަންޒު އަދި އިސްފަހާނުގައި ހުރި ނިއުކްލިއާ ފެލިސިޓީތަކަށް އެމެރިކާއިން ހަމަލާ ދިނީ އިއްޔެ އެވެ. އެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން މެދު އިރުމަތީގެ ގިނަ ގައުމުތަކުގެ ތެލާއި ގޭސް ބޭރުކުރާ މައި ކަނޑުއޮޅި ކަމުގައިވާ ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން އިރާނުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި އިޒްރޭލަށް އިއްޔެ އާއި ރޭ ވަރުގަދަ ހަމަލާތަކެއް ވެސް އިރާނުން ވަނީ ދީފަ އެވެ.