Advertisement

ސަރުކާރުން ބޮޑު ހަރަދުކޮށްގެން ސިންގަޕޫރުގައި އިންވެސްޓްމަންޓް ފޯރަމެއް ބާއްވަނީ

23 ޖޫން 2025 - 16:12 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މެލޭޝިއާގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމުގެ ތެރެއިން: ސަރުކާރުން ބޮޑު ހަރަދުކޮށްގެން ސިންގަޕޫރުގައި އިންވެސްޓްމަންޓް ފޯރަމެއް ބާއްވަން ވަނީ ތައްޔާރުވެފަ --- ފޮޓޯ: ރައީސް އޮފީސް


ސަރުކާރުން ބޮޑު ހަރަދުކޮށްގެން ސިންގަޕޫރުގައި އިންވެސްޓްމަންޓް ފޯރަމެއް ބާއްވަނީ

23 ޖޫން 2025 - 16:12 1

މި ސަރުކާރުން މީގެކުރިން އެކި ގައުމުތަކުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްތަކުން އިންވެސްޓްމަންޓުތަކެއް ގެނެވިފައި ނުވަނީސް، ބޮޑު ހަރަދުކޮށްގެން ސިންގަޕޫރުގައި އިތުރު ފޯރަމެއް ބާއްވަން ސަރުކާރުން ތައްޔާރުވެއްޖެ އެވެ.

ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އަދަދު އަށް މައުލޫމާތު ދިން ގޮތުގައި އަންނަ މަހުގެ ފުރަތަމަ ދުވަހު މި ފޯރަމު ބާއްވަނީ ސިންގަޕޫރުގެ ސެންޓޯސާގަ އެވެ. ފޯރަމުގައި ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ތަފާތު އެކި މަސްދަރުތަކުން މި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި މިފަހަރުގެ ފޯރަމަށް ސަރުކާރުން 46 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއް ހަރަދުކުރާނެ އެވެ. ސިންގަޕޫރުގައި ބާއްވާ ފޯރަމުގައި ސަރުކާރުގެ ގިނަ ވަޒީރުން އަދި ސަރުކާރު ކުންފުނިތަކުގެ ވެރިން ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި ފޯރަމުގައި ސަރުކާރުގެ އިސްވެރިންގެ އިތުރުން ދިވެހި ގިނަ ކުންފުނިތަކުން ބައިވެރިވާ ކަމަށް، މި ނޫހަށް މައުލޫމާތު ދިން ވިޔަފާރިވެރިން ބުނެފައިވެ އެވެ. މީގެ ކުރިން ޔޫއޭއީ، ޗައިނާ، މެލޭޝިއާ، އިންޑިއާ، އަދި ތުރުކީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްތަކުގައި ވެސް ގިނަ އަދަދެއްގެ ދިވެހި ވިޔަފާރިވެރިން ބައިވެރިވި އެވެ.

ވިޔަފާރިވެރިން ބުނި ގޮތުގައި މީގެ ކުރިން ބޭއްވި އިންވެސްޓްމަންޓު ފޯރަމްތަކުގައި އެ ގައުމުތަކުގެ ވިޔަފާރިވެރިން ބައިވެރިވި މިންވަރު ދަށެވެ. އެ ފޯރަމުތަކުން އެކަށީގެންވާ އަދަދެއްގެ އިންވެސްޓްމަންޓުތަކެއް ލިބިފައިނުވާ މައިގަނޑު ސަބަބަކީ މިއީ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

މިފަހަރުގެ އިންވެސްޓްމަންޓް ފޯރަމާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ. މިކަމާ ގުޅޭގޮތުން ސުވާލުކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް މި ނޫހުން ކުރި މެސެޖުތަކަށް އަދި ފޯނު ކޯލުތަކަށް އޭނާ ޖަވާބު ދެއްވާފައެއް ނުވެ އެވެ.

މީގެކުރިން ބޭއްވި އިންވެސްޓްމަންޓް ފޯރަމްތަކުގެ ބައިވެރިންނާއި ސަރުކާރުގެ އިސް އޮފިޝަލުންނާއި އެކު ކުރިޔަށް ގެންދެވުނު އިންޓަރެކްޓިވް ސެޝަނަކަށްފަހު ކަމަށްވާއިރު، އެ ސެޝަންގައި ރާއްޖޭގެ އިގްތިސާދު ތަރައްގީ ކުރުމަށް މުހިންމު ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ބަދަލު ކުރެވުނު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން އޭރު ބުނީ ފޯރަމްތަކުގައި ނެޓްވޯކިން ސެޝަންތައް ބާއްވާ ދެ ގައުމުގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އައު ފުރުސަތުތައް ހޯދުމަށް މަގުފަހި ކުރެވިގެން ދިޔަ ކަމަށެވެ.