Advertisement

ބޭސް ލިބުމުގައި ހުރި ދަތިތައް ނައްތާލަން ބޭސް އެތެރެކުރާ ކުންފުންޏެއް ސަރުކާރުން އުފައްދަނީ

23 ޖޫން 2025 - 14:46 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ހެލްތު މިނިސްޓަރު ނާޒިމް: ބޭސް ލިބުމުގައި ހުރި ދަތިތައް ނައްތާލަން ސަރުކާރުން ބޭސް އެތެރެކުރާ ކުންފުންޏެއް އުފައްދާކަން އިއުލާނުކުރެއްވީ އޭނާ --- ފޮޓޯ؛ ރައީސް އޮފީސް


ބޭސް ލިބުމުގައި ހުރި ދަތިތައް ނައްތާލަން ބޭސް އެތެރެކުރާ ކުންފުންޏެއް ސަރުކާރުން އުފައްދަނީ

23 ޖޫން 2025 - 14:46 2

ދިވެހިރާއްޖެއަށް ބޭސް އެތެރެ ކުރަން ހާއްސަ ކުންފުންޏެއް ހަދަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

"މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ ބޭސް ލިބުމުގެ ދަތިކަން ހައްލު ކުރަން ކުންފުންޏެއް އުފައްދަން ނިންމީ ވަޒީރުންގެ މަޖިލީހުން ކަމަށެވެ.

އައު ކުންފުންޏާއެކު ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސަރުކާރުގެ ކުންފުނި، އެސްޓީއޯ އިން ކުރަމުން އަންނަ ހުރިހާ މަސައްކަތެއް އެ ކުންފުނީގެ ދަށަށް ބަދަލުވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. މި ކުންފުނި އުފައްދާ ތާރީހެއް އަދި ކުންފުންޏަށް ކިޔާ ނަމެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖެއިން ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. ސަރުކާރުން ފުރަތަމަ އެކަން ދޮގުކުރި އެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭހުގެ ދަތިކަމުގެ ސަބަބެއް ކަމުގައި ދެއްކެވީ، "މެޑިކަލް މާފިއާ" ނުވަތަ ސިއްހީ ހިދުމަތްތަކުގެ ވިޔަފާރި ކުރާ ފަރާތްތަކުން ގަސްތުގައި ބޭސް ނުގެނެއުމެވެ.

އެ ވާހަކަތަކަށްފަހު ބޭސް ލިބުމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވީ މެއި، 3، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ދުވަހު ވެސް ރައީސް ވަނީ އެކަމުގެ ޒިންމާ ސަރުކާރުން ނެގުމުގެ ބަދަލުގައި ވިޔަފާރިވެރިން ކުށްވެރިކުރައްވައި ވާހަކަދައްކަވައިފަ އެވެ.

"ކުޑަކޮށްލީމާ މީގެ ރިޕަކަޝަނެއްގެ ގޮތުގަ ބައެއް ބޭހުގެ ވިޔަފާރިވެރިން، އަޅުގަނޑު އެދެން އެބޭފުޅުން އަޅުގަނޑަށް މައާފުކުރާނެ ކަމަށް. ހަގީގަތް ދަންނަވާލަން ހަމަ ގަސްތުގަ ގެނައުން ހުއްޓަވާލީ ބައެއް ބޭސް. މި ހަމަ ޗޯކު ކޮށްލަންވެގެން. ހުއްޓާލީމަ ތާށިތަކެއް ދިމާވީ އެސްޓީއޯއަށް އިން ޓައިމްއަށް ނުގެނެވުނީ ބޭސް އެހާވަރަށް. ދެން ހަމަ ވަރަށް ސާފުކޮށް މިކަން ވީގޮތް މި ދަންނަވާލީ،" އެ ދުވަހު ރައީސް ވިދާޅުވި އެވެ.

ބޭސް ގެނައުމުގެ ވާހަކަ އިތުރަށް ދައްކަވަމުން ރައީސް ވަނީ އަމިއްލަ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަމިއްލަ ވިޔަފާރިތަކުން މަސައްކަތް ކުރަމުންދިޔައީ ވަރަށް ބޮޑު ޕަސެންޓޭޖެއްގެ ފައިދާ ނަގައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ދަނީ އަމިއްލަ ވިޔަފާރިތަކުން ރައްޔިތުންނަށް ހެޔޮ ނޭދޭ ކަމަށް ބުނެ، ގިނަ ވިޔަފާރިތަކަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ.