23 ޖޫން 2025 - 12:47 1
23 ޖޫން 2025 - 12:47 1
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކްލަބްތަކަށް ދެމުންދާ ސަބްސިޑީ ފައިސާ އަށް ކްލަބްތަކުގެ ވެރިން ހިޔާނާތްތެރިވެފައިވާ މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، އެފްއޭއެމް އިން ކްލަބްތަކަށް ދޫކޮށްފައިވާ ފައިސާއާ ގުޅޭ މައުލޫމާތު ހޯދަން، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް އެދިއްޖެ އެވެ.
މީގެ 10 ވަރަކަށް ދުވަސްކުރިން، ފުލުހުން ބުނީ އެފްއޭއެމް އިން ކްލަބްތަކަށް ދޭ ސަބްސިޑީ ފައިސާ އެ ކްލަބްތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވި ތަހުގީގުކުރަމުންދާ ކަމަށެވެ.
އޭގެ ފަހުން، ފީފާ އިން އެފްއޭއެމް ހިންގުން ހަވާލުކޮށްފައިވާ، ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން، އަހުމަދު މުއިއްޒަށް އެޑްރެސްކޮށް ތޮލާލް ފޮނުއްވި ސިޓީގައި ބުނެފައި ކްލަބްތަކަށް އެފްއޭއެމް އިން ދިން ފައިސާ އަށް ކްލަބްތަކުގެ ވެރިން ހިޔާނަތްތެރިވި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ކަންކަމަށް ރިއާޔަތްކޮށް، ތޮލާލް، އެފްއޭއެމްގައި އެދިފައިވަނީ، 2018 އިން 2024 އަށް އެފްއޭއެމުން ކްލަބްތަކަށް ދޫކުރި ފައިސާގެ ހުރިހާ ތަފްސީލަކާއި ކްލަބްތަކުން އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލު ސްޕޯޓްސް ކޮމިޝަނަރު އޮފީހަށް ހިއްސާ ކުރުމަށެެވެ.
އެ ގޮތުން، 2018 އިން 2024 އަށް ކްލަބްތަކަށް ދޫކުރި ފައިސާގެ ތަފްސީލުގެ އިތުރުން، ދެން، ތޮލާލް އެދިވަޑައިގެންފައިވަނީ، ކްލަބްތަކަށް ދޫކުރި ފައިސާ އެފްއޭއެމް އިން ޖަމާކުރި އެކައުންޓުތަކުގެ މައުލޫމާތާއި ކްލަބްތަކުން އެ ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލް ދިނުމަށެވެ.
އެފްއޭއެމް އިން ވީ އެންމެ އަވަހަކަށް މި މައުލޫމާތު ފޯރުކޮށްދޭން ސްޕޯޓްސް ކޮމިޝަނަރު ވަނީ އެދިވަޑައިގެންފަ އެވެ.
އެންމެ ފުރަތަމަ ފުޓްބޯޅަ ކްލަބްތަކަށް، ސަބްސިޑީގެ ގޮތުގައި، ފައިސާ ދެމުން އައީ، 2017 ވަނަ އަހަރުން ފެށިގެން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. އެއީ، ސީޒަނަކަށް ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ އެވެ.
އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު، އަހުމަދު މަހުލޫފް ވަނީ، އެ ގޮތަށް ކްލަބްތަކަށް ފައިސާ ދިނުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށް ބުނެ، އެކަން ހުއްޓާލައިފަ އެވެ. އޭގެ ފަހުން، ބައްސާމް އަދީލް ޖަލީލް ވަނީ، 2020 ވަނަ އަހަރު އެފްއޭއެމްގެ ރައީސަކަށް ދެ ވަނަ ދައުރަކަށް އިންތިހާބު ކާމިޔާބުކުރުމުގެ ގޮތުން، ކްލަބްތަކަށް އެފްއޭއެމުން އެ ފައިސާ ހަމަޖައްސައިދޭނެ ކަމަށް ބުނެ، ވައުދުވެފަ އެވެ.
ހިޔާނާތުގެ ގިނަ މައްސަލަތަކެއް ކޯޓުގައި މި ވަގުތު ވެސް ހިނގަމުން އަންނަ ބައްސާމް އޭރު ވިދާޅުވީ، އެ ފައިސާ ހަމަޖައްސާނީ، ބައިނަލްއަގުވާމީ ޖަމިއްޔާތަކުން، އެފްއޭއެމް އަށް ލިބޭ ސްޕޮންސަޝިޕްތަކުން ކަމަށެވެ. އެކަމަކު، އެއްވެސް ސީޒަނެއްގައި ބަރާބަރަށް ހުރިހާ ޓީމަކަށް ފައިސާ ދެވިފައިނުވާއިރު، ގިނަ ޓީމުތަކުން ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ އައީ ފެންމަތިވަމުންނެވެ.
ފީފާ އިން ރާއްޖޭގެ ފުޓްބޯޅަ ހަމަމަގަށް އަޅުވަން ހަވާލުކުރި ނޯމަލައިޒިން ކޮމިޓީގެ މެންޑޭޓް އަންނަ މަހުގެ ނިޔަލަށް އޮތްއިރު، އަންނަ ހުކުރު ދުވަހު، ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލާ ގުޅޭ މުހިންމު ކޮންގްރެސް އެއް އޮންނާނެ އެވެ. އަދި، ބުރާސްފަތި ދުވަހުގެރޭ، ކްލަބްތަކާ އެކު، ފީފާގެ މަންދޫބުންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
Comment