Advertisement

ބިދޭސީންނަށް މިނިމަމް ވޭޖް ދިނުމާމެދު ދިރާސާއަކަށްފަހު ގޮތެއް ނިންމަނީ

23 ޖޫން 2025 - 09:54 0

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއެއް: ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައަޅާފައިނުވާތީ ބިދޭސީ މަސައްކަތްތެރިންގެ އަދަދު މަދެއް ނުވި -- ފޮޓޯ: އަދަދު ފައިލް


ބިދޭސީންނަށް މިނިމަމް ވޭޖް ދިނުމާމެދު ދިރާސާއަކަށްފަހު ގޮތެއް ނިންމަނީ

23 ޖޫން 2025 - 09:54 0

މަސައްކަތްތެރިންނަށް އެންމެ ކުޑަކޮށް ދޭންޖެހޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތުގެ ތެރެއިން ކުރާ ދިރާސާއަށް ބިނާކޮށް ބިދޭސީ މަސައްކަތްތެރިންނަށް ވެސް މިނިމަމް ވޭޖެއް ކަނޑައެޅުމާމެދު ގޮތެއް ނިންމަވާނެ ކަމަށް ލޭބާ މިނިސްޓަރު އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހި މަސައްކަތްތެރިންނަށް މިނިމަމް ވޭޖެއް ތައާރަފު ކުރީ ނޮވެމްބަރު، 2021، ގަ އެވެ. މިނިމަމް ވޭޖު ދޭންޖެހޭ މީހުންގެ ތެރޭގައި ބިދޭސީން ނުހިމެނުމުން ބިދޭސީ މަސައްކަތްތެރިންގެ އަދަދު މަދެއްނުވި އެވެ.

މިނިމަމް ވޭޖާ ގުޅޭ ގޮތުން ސުވާލު ކުރަން މިއަދު މަޖިލީހަށް ހައިދަރު ހާޒިރު ކުރުމުން، ބިދޭސީންނަށް މިނިމަން ވޭޖް ކަނޑައަޅަން ވިސްނަންތޯ މިނިސްޓަރާ ސުވާލު ކުރީ އިދިކޮޅު އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަނާއެކު މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތަށް ހަދާ ދިރާސާގެ ނަތީޖާއަށް ބަލާފައި ބިދޭސީންނަށް މިނިމަމް ވޭޖެއް ކަނޑައެޅުމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ދިރާސާގެ އަލީގައި އަޅުގަނޑުމެން އެކަމަށް ގޮތެއް ނިންމާނަން،" މަޖިލީހުގައި ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ މިނިމަމް ވޭޖް ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެ މަސައްކަތަށް ބޭނުންވާ ޑޭޓާ އެއް ކުރުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެ ފިޔަވައްސެއްގެ ދަށުން މިނިމަމް ވޭޖް ރިވިއު ކުރުމަށް އެބޭފުޅުން ވަނީ ހުށަހަޅުއްވައިފަ. އެގޮތުން ފުރަތަމަ ފިޔަވަހީގައި އެބޭފުޅުން ބައްލަވާނީ 'ދަ ރިވިއު އޮފް އިމްޕްލިމެންޓޭޝަން އޮފް މިނިމަމް ވޭޖާސް އިން ދަ މޯލްޑިވްސް'. މި މަސައްކަތަށް ބޭނުންވާ ޕްރައިމަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ. އަދި ތިރީގައި މި ދަންނަވާ ސެކަންޑަރީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިމަމް ވޭޖަކީ ކޮންމެ ދެ އަހަރަކުން ރިވިއު ކުރަންޖެހޭ އެއްޗެކެވެ. ރިވިއު ކުރަންޖެހޭ މުއްދަތު ހަމަވީ ނޮވެމްބަރު، 2023، އަށެވެ. މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ހައިދަރު ވިދާޅުވީ ރިވިއުގެ މަސައްކަތް ލަސްވަނީ އެޑްވައިޒަރީ ބޯޑު އަލުން އެކުލަވާލަން ޖެހުމާއި ޓެކްނިކަލް މުވައްޒަފުން އަލުން ހޯދަން ޖެހުމުންނެވެ. ނަމަވެސް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ރިވިއުގެ މަސައްކަތް ނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އަދި ދިރާސާގެ މައްޗަށް ބިނާކޮށް ކަނޑައަޅަންޖެހޭ އެއްޗެއް މިނިމަމް ވޭޖަކީ. އަޅުގަނޑުމެންގެ މި ދިރާސާގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭތޯ މި ބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ ތިން ދާއިރާއަކަށް ބަހާލައިގެންނެވެ. ކުދި، މެދު އަދި ބޮޑު ވިޔާރިތަކުން ދޭންޖެހޭ މިނިމަން ވޭޖް ކަނޑައަޅާފައި ވަނީ ވަކިވަކިންނެވެ. ކުދި ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި މަދުވެގެން ގަޑިއިރަކަށް 24 ރުފިޔާ ނުވަތަ މަހަކަށް 5000 ރުފިޔާ ދޭންޖެހެ އެވެ. މެދު ފަންތީގެ ވިޔަފާރިތަކުން ގަޑިއަކަށް 33 ރުފިޔާ ނުވަތަ މަހަކަށް 7000 ރުފިޔާ ދޭންޖެހެ އެވެ. ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި ގަޑިއިރަކަށް 42 ރުފިޔާ ނުވަތަ މަހަކަށް 8900 ރުފިޔާ ދޭންޖެހެ އެވެ.