Advertisement

އެކުވެރިއަކަށް ނުވިޔަސް މެސީގެ އިހުތިރާމް އަބަދުވެސް ރޮނާލްޑޯ އަށް

22 ޖޫން 2025 - 13:00 0


އެކުވެރިއަކަށް ނުވިޔަސް މެސީގެ އިހުތިރާމް އަބަދުވެސް ރޮނާލްޑޯ އަށް

22 ޖޫން 2025 - 13:00 0

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 22) - ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ގާތްއެކުވެރިއެއް ނޫން ކަމަށާއި އެހެން ނަމަވެސް އަބަދުވެސް އޭނާ އަށް އިހުތިރާމް ކުރިކަމަށް ލިއޮނަލް މެސީ ބުނެފި އެވެ.

އެމެރިކާގެ ފުޓްބޯޅަ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ކްލަބް، އިންޓަ މިއާމީގެ ކެޕްޓަންކަން ކުރަމުން އަންނަ މެސީ، އާއި ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް، އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ އަކީ، ދުނިޔޭގެ ފުޓްބޯޅައިގައި، 21 ވަނަ ގަރުނުގައި ފެނުނު އެންމެ ވާދަވެރިކަން ބޮޑު ދެ ކުޅުންތެރިންނެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑް، މެސީ ވަނީ އަށް ފަހަރު ހޯދައިފަ އެވެ. އަދި، ރޮނާލްޑޯ، އެ އެވޯޑް ފަސް ފަހަރު ހާސިލްކުރި އެވެ. މެސީ އާއި ރޮނާލްޑޯގެ ވާދަވެރިކަން އެންމެ ބޮޑުވީ އެ ދެ ކުޅުންތެރިން، ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ކުޅުނުއިރު އެވެ.

ޑީސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ، ރޮނާލްޑޯ އަށް ވަރަށް އިހުތިރާމްކުރަން ޖެހޭ ކަމަށާއި އޭނާ ވަނީ ވަރަށް އާދަޔާހިލާފު ކެރިއަރެއް ފުރިހަމަކޮށް، މިހާރު ވެސް އެންމެ މަތީ ފަންތީގައި ކުޅެމުން ކަމަށެވެ.

"އޭނަ (ރޮނާލްޑޯ)އާ އެންމެ ބޮޑު ވާދަވެރިކަމެއް އަހަރެންގެ އޮތީ ދަނޑުމަތީގައި. ދަނޑުން ބޭރުގައި އަހަރެމެންނަކީ ހަަމަ އާންމު ދެ މީހުން، އަހަރެމެންނަކީ ގާތް އެކުވެރިންނެއް ނޫން. އަހަރެެމެން އެކުގައި ވަގުތުތަކެއް ހޭދައެއް ނުކުރަން. އެކަމަކު، ޔަގީންކަމެއް އަހަރެމެން އަބަދުވެސް އެކެއް އަނެކަކަށް ވަރަށް އިހުތިރާމް ކުރަން،" މެސީ ބުންޏެވެ.

މީގެ ކުރިން، ޕިއާސް މޯގަން އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ވެސް ވަނީ މެސީ އަށް ވަރަށް ބޮޑަށް އިހުތިރާމްކުރާ ކަމަށް ބުނެފަ އެވެ.