22 ޖޫން 2025 - 12:52 0
އަހުމަދު އާއިދު
އިޒްރޭލުގެ ބެން ގުރޯން އެއާޕޯޓު: އިރާނުގެ ވަރުގަދަ ރައްދު ހަމަލާތަކާއެކު އިޒްރޭލުގެ އެއާލައިނުތަކުން ވަނީ ފްލައިޓުތައް ކެންސަލް ކޮށްފަ ----
22 ޖޫން 2025 - 12:52 0
އިޒްރޭލް-އިރާން ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ ވައިގެ ހަމަލާތައް ދޭން ފެށުމާއެކު އިރާނުން އިޒްރޭލަށް ދެމުންދާތައް ހަމަލާތައް ވަރުގަދަކޮށްފި އެވެ.
އެމެރިކާއިން އިރާނަށް ހަމަލާދިނީ ރޭ އަދި މިއަދު ހެދުނު ވަގުތެއްގަ އެވެ. އެމެރިކާއިން ބުނާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ އިރާނުގެ ތިން ނިއުކްލިއާ ފެސިލިޓީއަކަށް ހަމަލާދީފަ އެވެ.
މި ހަމަލާތަކަށްފަހު އިރާނުން މިއަދު ހެދުނު ދޭން ފެށި ހަމަލާތައް، އިޒްރޭލުގެ ވެރިރަށް ޓެލް އަވީވަށް އަދި އައްސޭރި ސިޓީ ހައިފާއަށް ވަނީ އަރާފަ އެވެ. އިޒްރޭލުގެ މައި އެއާޕޯޓު ބެން ގުރޯން އަށް ވެސް އިރާނުގެ ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިޒްރޭލުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާ އެ ދައުލަތުގެ ގިނަ އެއާލައިންތަކުން ވަނީ ކުރިއަށް އޮތް ހަފުތާއަށް ކުރަން ހުރި ދަތުރުތައް ކެންސަލްކޮށްފަ އެވެ. ގިނަ އެއާލައިންތަކުން ދަތުރުތައް ކެންސަލްކޮށްފައިވަނީ ޖޫން 27، އާ ހަމައަށެވެ.
ފްލައިޓުތައް ކެންސަލްކުރި އެއާލައިންތަކުގެ ތެރޭގައި އެލް އަލް، އިޒްރޭލް އެއާލައިންސް، އާކިއާ، އަދި، އިސްރާއެއާ ހިމެނެ އެވެ.
އިޒްރޭލުގެ އިތުރުން އިރާނުގެ ވައިގެ ސަރަހައްދު އޮތީ ބަންދުކޮށްފަ އެވެ. ގިނަ އެއާލައިންތަކުން ދަނީ މެދު އިރުމަތީގެ ބޮޑު ސަރަހައްދެއް ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލާފަ އެވެ. އެއާކްރާފްޓު ޓްރެކްކުރާ ސައިޓުތަކުން ދައްކާގޮތުގައި އިރާން، އިރާގު އަދި އިޒްރޭލާއި އުރުދުން ހިމެނޭހެން ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދު މިހާރު ވެސް އޮތީ ވަރަށް ހުސްކޮށެވެ.
މި މަހުގެ 13، ގައި އިޒްރޭލުން އިސްވެ އިރާނަށް ހަމަލާދިނީ އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަމުންދާ ކަމަށް ބުނެ އެވެ. އެކަން އިރާނުން ދޮގުކުރި ނަމަވެސް މިހާތަނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ 400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި އެ ގައުމުގެ ނިއުކްލިއާ މިޝަންގެ އިސް ސައިންޓިސްޓުންނާއި އަސްކަރިއްޔާގެ ވެރިން ހިމެނެ އެވެ.
އެ ދުވަހުން ފެށިގެން އިރާނުން ބަދަލުގައި ދެމުންދާ ހަމަލާތަކަކީ މި ފަހުގެ ތާރީހެއްގައި އިޒްރޭލަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލެވެ. މިހާތަނަށް އެތައް ސަތޭކަ މިސައިލެއް އިޒްރޭލަށް ފޮނުވާލާފައިވާއިރު، އިޒްރޭލުގެ މަޝްހޫރު އެއާ ޑިފެންސް ސިސްޓަމްތަކަށް އެންމެ އެކަށޭނަ ގޮތެއްގައި އެ ހަމަލާތަކާ ކުރިމަތިލިވިފައެއް ނުވެ އެވެ.
މިއަދުގެ ހަމަލާތަކުގެ އެކަނި ވެސް އިރާނުން ވަނީ އިޒްރޭލުގެ 10 ހިސާބަކަށް ގެއްލުން ދީފަ އެވެ. އެތައް ގެޔަކާއި އިމާރާތްތަކެއް މި ހަމަލާތަކުގައި ގޮއްވާލާފައިވެ އެވެ.
Comment