Advertisement

40 އަހަރުގެ ކަޒޯލާގެ އެހީތެރިކަމާ އެކު 24 އަހަރު ފަހުން އޮވިއޭޑޯ ސްޕެނިޝް ލަލީގާ އަށް

22 ޖޫން 2025 - 09:12 0


40 އަހަރުގެ ކަޒޯލާގެ އެހީތެރިކަމާ އެކު 24 އަހަރު ފަހުން އޮވިއޭޑޯ ސްޕެނިޝް ލަލީގާ އަށް

22 ޖޫން 2025 - 09:12 0

މަޔޯކާ، ސްޕެއިން (ޖޫން 22) - އުމުރުން 40 އަހަރުގެ ސަންޓި ކަޒޯލާގެ އެހީތެރިކަމާ އެކު، ރެއާލް އޮވިއޭޑޯ އިން 24 އަަހަރަށް ފަހު ސްޕެނިޝް ލީގުން ފުރުސަތު ހޯދައިފި އެވެ.

ޕްލޭއޮފްގެ ސެމީ ފައިނަލުގައި ބެންޗުން އަރައި، ކަޒޯލާ ހިލޭޖެހުމަކުން ގޯލެއް ޖަހައި، އޮވިއޭޑޯ 2-1 އިން މޮޅުކޮށްދީ، ޕްލޭއޮފް ފައިނަލުން ޖާގަ ހޯދައިދިނެވެ. ޕްލޭއޮފް ފައިނަލުގައި މިރަންޑެސް އަތުން އޮވިއޭޑޯ ބަލިވެފައި އޮއްވައި، ފަހަތުން އަރައި މޮޅުވިއިރު، ކަޒޯލާ ވަނީ ޕެނަލްޓީ އަކުން ގޯލު ޖަހައިފަ އެވެ. މިއާ އެކު، 24 އަހަރަށް ފަހު، އޮވިއޭޑޯ އަށް މި ވަނީ ސްޕެއިނުގެ އެންމެ މަތީ ޑިވިޝަނުން ޖާގަ ލިބިފަ އެވެ.

ސްޕެއިން ގައުމީ ޓީމާއި އާސެނަލް އަދި ވިޔަރެއާލްގައި ވިދާލި ކަޒޯލާ އެނބުރި، އޮވިއޭޑޯ އަށް އައީ 2023 ވަނަ އަހަރު އެވެ. އޮވިއޭޑޯގެ ޔޫތު ސިސްޓަމްގެ ތެރެއިން ފުޓްބޯޅަ އަށް ނުކުތް ކަޒޯލާ އެ ކްލަބް ދޫކޮށްލީ 2003 ވަނަ އަހަރު އެ ޓީމު މާލީ ގޮތުން އަޑިއަޅާލައިފައި އޮތް ދަނޑިވަޅެއްގަ އެވެ. އޭގެ ފަހުން، އެ ކްލަބް މާލީ ގޮތުން، ދަތިހާލަތެއްގައި އޮއްވައި، އެ ކްލަބްގެ ހިއްސާ ގަނެ، ޓީމުގެ ކަންކަން ހަމަމަގަށް އެޅުވި ކުރީގެ ކުޅުންތެރިންގެ ތެރޭގައި ކަޒޯލާ ހިމެނެ އެވެ.

ކެރިއަރުގެ ފަހުކޮޅުގައި ސީރިއަސް އަނިޔާތަކެއްގައި އުޅެން ޖެހުނު ކަޒޯލާ، 2016 ވަނަ އަހަރު ލިބުނު އަނިޔާ އަކުން ރަނގަޅުވާން 11 އޮޕަރޭޝަން ކުރަން ޖެހުނެވެ. އަދި، އޭގެއިން އޮޕަރޭޝަނަކަށް ފަހު، ކަޒޯލާ އަށް ހިނގާފައި އުޅެވޭނެކަމުގެ ޔަގީންކަން އޮތުމަކީ ވެސް ބޮޑު ކަމެއް ކަމަށް ބުނެ، ޑޮކްޓަރަކު ވަނީ ރިޓަޔާކުރަން ލަފާދީފަ އެވެ. އެކަމަކު، ހިތްވަރުގަދަ ރޫހެއްގައި ކުރިއަށް ގޮސް، ކަޒޯލާ މި ވަނީ، އޭނާގެ ހިއްސާ އޮތް ކްލަބް ސްޕެއިންގެ ފުޓްބޯޅައިގެ މަތީ ފަންތި އަށް އަލުން ގެންގޮސްދީފަ އެވެ.

ސްޕެއިން ގައުމީ ޓީމާ އެކު ކަޒޯލާ ވަނީ ދެ ފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ.