21 ޖޫން 2025 - 14:20 4
ޔޯގާ ޑޭ ފާހަގަ ކުރަން މިއަދު ބޭއްވި ހަފުލާގެ ތެރެއިން: ސަރުކާރުގެ ބައެއް ވެރިން ގަބޫލު ކުރަނީ ޔޯގާއަކީ ޝިރުކުގެ އަމަލެއް ކަމަށް -- ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
21 ޖޫން 2025 - 14:20 4
ސަރުކާރުގެ ހާއްސަ މެހެމާނަކާއެކު ރާއްޖޭގައި ވަރަށް ކުލަގަދަކޮށް ބައިނަލްއަގްވާމީ ޔޯގާ ޑޭ މިއަދު ފާހަގަކޮށްފި އެވެ.
އިންޑިއާ ހައި ކޮމިޝަނުން އިންތިޒާމު ކުރި ޔޯގާ ޑޭ ފާހަގަ ކުރުމުގެ ހަފުލާ މި އަހަރު ބޭއްވީ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގަ އެވެ. އެ ހަރަކާތުގައި ދިވެހި ސަރުކާރުގެ ހާއްސަ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ.
ޔޯގާ ޑޭ ފާހަގަ ކުރަން ބޭއްވި ހަފުލާގައި 500 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. މިއަހަރުގެ ޔޯގާ ޑޭގެ ޝިއާރަކީ "ޔޯގާ ފޯ ވަން އާތު، ވަން ހެލްތު" އެވެ. މިއީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ 11 ވަނަ ޔޯގާ ޑޭ އެވެ. މިދިޔަ އަހަރު ވެސް ރާއްޖޭގައި ޔޯގާ ޑޭ ފާހަގަ ކުރި އެވެ.
ރާއްޖޭގައި ޔޯގާ ޑޭ ފާހަގަކޮށްފައި މި ވަނީ ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިބި ވަރަށް ގިނަ ބަޔަކު، ޔޯގާއަކީ ޝިރުކުގެ އަމަލެއް ކަމަށް ބުނެ އަޑު އުފުލާފައި އޮއްވަ އެވެ.
ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަންތަކެއް ނަކަލުކޮށްގެން ހިންގާ ކަސްރަތުގެ ހަރަކާތްތަކެއް ކަމަށް ބުނެ، 2022 ވަނަ އަހަރު ރާއްޖޭގައި ޔޯގާ ޑޭ ފާހަގަ ކުރި އިރު، އެކަމާ ދެކޮޅަށް ވަނީ އަޑު އުފުލައި ހަމަނުޖެހުން ހިންގައިފަ އެވެ. އެ އަހަރު ޔޯގާ ޑޭ ފާހަގަ ކުރީ ގަލޮޅު ދަނޑުގަ އެވެ.
ޔޯގާ ޑޭ ފާހަގަ ކުރުމުގެ ހަރަކާތް ކުރިއަށް ދަނިކޮށް ދަނޑަށް ވަދެގަނެ، ހަރަކާތުގެ ބައިވެރިވި ބައެއް މީހުންނަށް ވަނީ ހަމަލާދީފަ އެވެ. އެ މައްސަލައިގައި، ފިތުނަ އުފައްދައި ހަމަނުޖެހުމަށް ހިތްވަރު ދިން ކަމަށް ބުނެ ބައެއް އިލްމުވެރިންނަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އެ ދައުވާތައް މިދިޔަ ހަފުތާގައި ވަނީ އަނބުރާ ގެންގޮސްފަ އެވެ.
Comment