Advertisement

ބުރުނު ޝިކާރު: ކުޑަ އައްޔަ، ޖާއްޓެ، އާމިން އަދި ނަޒްމީން ސެމީ އަށް

20 ޖޫން 2025 - 11:36 0

އަތޫފް އާތިފް

އަތޫފް އާތިފް


ބުރުނު ޝިކާރު: ކުޑަ އައްޔަ، ޖާއްޓެ، އާމިން އަދި ނަޒްމީން ސެމީ އަށް

20 ޖޫން 2025 - 11:36 0

ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް "ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2025" ގެ ސެމީ ފައިނަލުން އަލީ ހުޝްރުއާން އަހުމަދު (ކުޑަ އައްޔަ)، އަލީ ޖާވިދު (ޖާއްޓެ)، އާމިން އުމަރު މޫސާ އަދި އަހުމަދު ނަޒްމީން (ލޯބި) ޖާގަ ހޯދައިފި އެވެ.

ބުރުނު ޝިކާރު ބޮޑީބޯޑިން މުބާރާތަކީ ބޮޑީބޯޑިންގެ އެންމެ ގިނަ ދުވަސްވީ އެއް މުބާރާތެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވަނީ ކުޑަ އައްޔަ އެވެ. އޭނާ ވަނީ ޖުމްލަ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އިއްޔެ ކުރިއަށްދިޔަ ކުއާޓާ ފައިނަލުގެ ފުރަތަމަ ހީޓުގައި ޖާއްޓެ ވާދަކުރީ މުހައްމަދު ކައިފްއާ އެވެ. މި ހީޓު އޭނާ ކާމިޔާބުކުރީ 8.67 ސްކޯކޮށްގެންނެވެ. ކައިފް އަށް ވަނީ 7.10 ސްކޯކޮށްފަ އެވެ.

މި ހީޓުގައި ޖާއްޓެ ޖުމްލަ ހަތަރު ރާޅުގައި އަޅާފައިވާއިރު، އެންމެ މަތިން ސްކޯކުރީ ތިންވަނަ އަދި ހަތަރުވަނަ ރާޅުގަ އެވެ. ތިންވަނަ ރާޅުގައި ޖާއްޓެ، 5.00 ސްކޯކޮށްފައިވާއިރު، ހަތަރުވަނަ ރާޅުގައި 3.67 ސްކޯކުރި އެވެ.

ކައިފް ވަނީ ޖުމްލަ ހަ ރާޅުގަ އަޅާފަ އެވެ. އޭނާ އެންމެ މަތިން ސްކޯކުރީ ހަތަރުވަނަ ރާޅު އަދި ފަސްވަނަ ރާޅުގަ އެވެ. ހަތަރުވަނަ ރާޅުގައި 3.70 ސްކޯކުރިއިރު، ފަސްވަނަ ރާޅުގައި 3.40 ސްކޯކުރި އެވެ.

ކުއާޓާގެ ދެވަނަ ހީޓުގައި އާމިން ވާދަކުރީ އަޝްރަފް ހަސަންއާއެވެ. ބުރުނު ޝިކާރު މުބާރާތުގައި ކުޑަ އައްޔަގެ މައްޗަށް ކުރި ހޯދާ މީގެ ކުރިން މި މުބާރާތް ކާމިޔާބުކުރި އަޝްރަފްގެ މައްޗަށް އާމިން ކުރި ހޯދީ 1.17 އިތުރަށް ސްކޯކޮށްގެންނެވެ.

މި ހީޓުގައި އާމިން އެންމެ މަތިން ސްކޯކުރި ތިންވަނަ ރާޅުގައި 8.00 ސްކޯކުރިއިރު، ހަވަނަ ރާޅުގައި 4.83 ސްކޯކުރި އެވެ. އާމިންގެ ޖުމްލަ ސްކޯއަކީ 12.83 އެވެ.

މި ހީޓުގައި އަޝްރަފް އަށް ސްކޯކުރެވުނީ 11.66 އެވެ. އޭނާ އެންމެ މަތިން ސްކޯކުރި ތިންވަނަ ރާޅުގައި އަދި ހަތަރުވަނަ ރާޅުގަ އެވެ. ތިންވަނަ ރާޅުގައި 5.33 ސްކޯކުރިއިރު، ހަތަރުވަނަ ރާޅުގައި 6.33 ސްކޯކުރި އެވެ.

ކުއާޓާގެ ތިންވަނަ ހީޓު ކުޑަ އައްޔަ ކާމިޔާބުކުރީ އަޝްވަން މުހައްމަދުގެ މައްޗަށް ކުރިހޯދައިގެންނެވެ.

ވާދަވެރިކޮށް ފެނިގެންދިޔަ މި ހީޓުގައި ކުޑަ އައްޔަ ވަނީ 8.56 ސްކޯކޮށްފަ އެވެ. އަޝްވަން އަށް ސްކޯކުރެވުނީ 7.14 އެވެ.

ކުޑަ އައްޔަ އެންމެ މަތިން ސްކޯކުރީ ފަސްވަނަ ރާޅު އަދި ހަވަނަ ރާޅުގަ އެވެ. ފަސްވަނަ ރާޅުން އޭނާ ވަނީ 4.23 ސްކޯކޮށްފަ އެވެ. އަދި ހަވަނަ ރާޅުގައި އޭނާ ވަނީ 4.33 ސްކޯކޮށްފަ އެވެ.

އަޝްވަން އެންމެ މަތިން ސްކޯކުރީ ފުރަތަމަ ރާޅު އަދި ތިންވަނަ ރާޅުގަ އެވެ. މި ދެ ރާޅުގައި ވެސް އޭނާ ވަނީ 3.57 ސްކޯކޮށްފަ އެވެ.

ކުއާޓާގެ ފަހު ހީޓު ނަޒްމީން ކާމިޔާބުކުރީ އެންމެ ފަހުގެ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަން މުހައްމަދު އަޒާން އަހުމަދުގެ މައްޗަށް ކުރިހޯދައިގެންނެވެ.

ކުއާޓާގައި އެންމެ ވާދަވެރިކޮށް ފެނިގެންދިޔަ މި ހީޓުގައި ނަޒްމީން ވަނީ ޖުމްލަ 8.17 ސްކޯކޮށްފަ އެވެ. އަޒާން އަށް ސްކޯކުރެވުނީ 7.63 އެވެ.

ނަޒްމީން އެންމެ މަތިން ސްކޯކުރީ ދެވަނަ ރާޅު އަދި ހަވަނަ ރާޅުގަ އެވެ. ދެވަނަ ރާޅުން އޭނާ ވަނީ 3.50 ސްކޯކޮށްފަ އެވެ. ހަވަނަ ރާޅުގައި އޭނާ ސްކޯކުރީ 4.67 އެވެ.

އަޒާން އެންމެ މަތިން ސްކޯކުރީ ތިންވަނަ ރާޅު އަދި ފަސްވަނަ ރާޅުގަ އެވެ. ތިންވަނަ ރާޅުގައި އަޒާން 4.00 ސްކޯކުރިއިރު، ފަސްވަނަ ރާޅުގައި 3.63 ސްކޯކުރި އެވެ.

މެންސް އޯޕަން ކެޓަގަރީގެ އިތުރުން މިއަދު ވަނީ ޖޫނިއާ އޯޕަން ކެޓަގަރީގެ ކުއާޓާގެ ހީޓުތައް ކުރިއަށް ގޮސްފަ އެވެ. ޖޫނިއާ އޯޕަންގެ ކުއާޓާގެ ހީޓުތައް ކާމިޔާބުކޮށް ސެމީ ފައިނަލަށް ދަތުރުކުރީ އަޒާން، ނޫހު މުހައްމަދު ދުނައިމް އިރުޝާދު، މުހައްމަދު ލިބާން އަދި އިޔަން އަހުމަދު އެވެ.

މި މުބާރާތުގައި މާދަމާ ކުރިއަށް ދާނީ މެންސް އޯޕަން އަދި ޖޫނިއާ އޯޕަންގެ ސެމީ ފައިނަލް އަދި ފައިނަލް ހީޓުތަކެވެ.