Advertisement

ރިޔާސީ ކޮމިޝަނުގެ ރިޕޯޓުން ހާމަވި ފުލުހުންގެ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އަޅާނަން: އިހުސާން

19 ޖޫން 2025 - 16:00 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ހޯމް މިނިސްޓަރު އަލީ އިހުސާން: އޭނާ ވިދާޅުވީ ރިޔާސީ ކޮމިޝަނުގެ ރިޕޯޓުން ހާމަވި ފުލުހުންގެ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް --- ފޮޓޯ: އަދަދު


ރިޔާސީ ކޮމިޝަނުގެ ރިޕޯޓުން ހާމަވި ފުލުހުންގެ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އަޅާނަން: އިހުސާން

19 ޖޫން 2025 - 16:00 3

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތުގައި ހުރި ކަމަށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޯސްތަކާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ފަރާތުން އިހުމާލުތަކެއް ވެފައިވާ ކަމަށާއި އެ ތަހުގީގުގައި ފަރުވާ ކުޑަ ކުރި ފުލުހުންގެ މައްސަލަ ބަލައި އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓު ރައީސް އޮފީހުން ހާމަކުރީ އަންގާރަ ދުވަހު އެވެ.

މީގެ ކުރިން އިހުސާން ވަނީ މި މައްސަލާގައި ފުލުހުންގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ފުލުހުންގެ މައްސަލައެއް އޮތްކަން ހާމަވާ ދުވަހަކުން އެކަން ތަހުގީގުކޮށް ފުލުހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަން ނުކޮށްފިނަމަ އޭނާއާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް މެއި 12، ގައި ބޭއްވި އަހާ ފޯރަމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން މިއަދު އަދަދު އިން ސުވާލުކުރުމުން އިހުސާން ވިދާޅުވީ ރިޔާސީ ކޮމިޝަނުގެ ރިޕޯޓު ރަސްމީކޮށް ފުލުހުންނާ ހިއްސާކުރުމުން ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"ފިޔަވަޅު އަޅާނަން. އަޅުގަނޑުމެންގެ ވިސްނުން ހުރީ އަޅާ ގޮތަށް. އޭގެ އޮފިޝަލް ކޮމިއުނިކޭޝަން އަންނާނެ ރައީސް އޮފީހުން. މިއަދު ވެސް އައިސްދާނެ،" އިހުސާން ވިދާޅުވި އެވެ.

ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮންމެ މައްސަލައެއް ވަކިވަކިން ފުލުހުން ބަލާނެ ކަމަށާއި ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ވަކިވަކި ފުލުހުން އަމަލުކޮށްފައިވާ ގޮތް ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާގެ މައުލޫމާތު އިންވެސްޓިގޭޝަން އޮފިސަރަށް (އައިއޯ) ދީފައިވަނީ ގަޑިއެއްހާއިރު ފަހުން ކަމަށާއި އައިއޯއަށް އެ ތަނަށް ދެވުނު އިރު ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ސީންގައި ހުރި އޮފިސަރު ނަގާ ނިންމާފައިވާކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ސަބަބުން ތަހުގީގަށް ބޭނުންވާ ފުރިހަމަ މައުލޫމާތާއި ހެކި ހޯދިފައި ނުވެ އެވެ.

އެ ތަނަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އަދި ޕެރަމެޑިކް ޓީމުތަކަށް އެކަށީގެންވާ ވަގުތުގެ ތެރޭގައި ހާޒިރުވެވުނު ނަމަވެސް ފުލުހުންގެ ޓޭޕު ދަމައި ބައުންޑްރީއެއް ކަނޑައަޅާފައި ނެތުމުން، ކުށުގެ ވެށި ރައްކާތެރި ކުރެވިފައި ނުވާ ކަމަށް ރިޔާސީ ކޮމިޝަނަށް ވަނީ ހޯދިފަ އެވެ.

"ޔުމްނު އެ ރޭގައި އުޅުނީ ހ. ފެންޓެނޯއީގެ 7، 8، އަދި 9 ވަނަ ފަންގިފިލާގައި ކަމާއި، ޔުމްނު އޮތީ ހ. މިޓާޒްގޭގެ ފުރާޅު މަތީގައި ކަމަށް ތަހުގީގަށް އެނގެން އޮތްއިރު، ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލާފައިވާކަން އެނގޭ،" ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވެ އެވެ.

ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު ހ. މިޓާޒްގޭގެ ފުރާޅު މަތިން އެއްވެސް ހެއްކެއް ހޯދަން ފުލުހުން މަސައްކަތެއް ކޮށްފައި ނުވެ އެވެ. އެޕްރީލް 18، ގެ ހަވީރު ފެންޓެނޯއީއަށް ތަހުގީގަށް ދިޔަ ޓީމުގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން ވެސް ހ. މިޓާޒްގޭގެ ފުރާޅަށް އަރައި ހެކި ހޯދުމަށް މަސައްކަތް ކޮށްފައި ނުވެ އެވެ.

މިފަދަ ކަންކަން ތަކުރާރުވެ ނުދިނުމަށް ފުލުހުންގެ ތެރޭގައި ހުރި އެސްއޯޕީތައް މުރާޖާ ކުރުމަށް ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.