Advertisement

ތާރީހީ ކާމިޔާބެއް، ހަޔަ އެޑިއުކޭޝަން އިމްޕެކްޓް ރޭންކިންގައި ހިމެނި ދިވެހި ފުރަތަމަ އިންސްޓިޓިއުޝަނަކަށް ވިލާ ކޮލެޖު

19 ޖޫން 2025 - 13:39 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ތާރީހީ ކާމިޔާބެއް، ހަޔަ އެޑިއުކޭޝަން އިމްޕެކްޓް ރޭންކިންގައި ހިމެނި ދިވެހި ފުރަތަމަ އިންސްޓިޓިއުޝަނަކަށް ވިލާ ކޮލެޖު

19 ޖޫން 2025 - 13:39 0

ޓައިމްސް ހަޔާ އެޑިއުކޭޝަން (ޓީއެޗްްއީ) އިމްޕެކްޓްގައި ރޭންކުކުރި ދިވެހި ފުރަތަމަ ތައުލީމީ އިންސްޓިއުޝަންގެ ޝަރަފު ވިލާ ކޮލެޖަށް ލިބިއްޖެ އެވެ.

ޓީއެޗްއީއަކީ ދުނިޔޭގެ މަތީތައުލީމު ދޭ މަރުކަޒުތައް ރޭންކް ކުރުމުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ އަދި އެންމެ އިތުބާރު ލިބިފައިވާ އެއް މުއައްސަސާއެކެވެ.

ވިލާ ކޮލެޖު ވަނީ ޓީއެޗްއީ އިމްޕެކްޓް ރޭންކިން 2025 ގައި، ޖުމްލަ 100 އިން 75.6 ގެ ސްކޯއަކާއެކު، ދުނިޔޭގެ ފެންވަރުގައި 401-600 ބޭންޑްގައި ޖާގަ ހޯދައި، ދުނިޔޭގެ ނިސްބަތުން އެންމެ މަތީ 20 ޕަސެންޓް ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނިފަ އެވެ.

ޓައިމްސް ހަޔާ އެޑިއުކޭޝަން އިމްޕެކްޓް ރޭންކިންއަކީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (SDGs) ހާސިލްކުރުމަށް ޔުނިވަސިޓީތަކުން އަދާކުރާ ދައުރުގެ މައްޗަށް ބިނާކޮށް އެ މުއައްސަސާތައް އިވެލުއޭޓްކުރާ ގްލޯބަލް ފްރޭމްވޯކެވެ.

މިގޮތުން ޔުނިވަސިޓީތައް ރޭންކު ކުރުމުގައި ބަލަނީ އެ ޔުނިވަރސިޓީތަކުން ދޭ ތައުލީމާއި، ދިރާސާ (ރިސާޗް)، ސްޓްވާޑްޝިޕް، އަދި އައުޓްރީޗް އެ ހަތަރު ދާއިރާއިން ތައްޔާރު ކުރެވިފައިވާ ގިނަ އިންޑިކޭޓާ ތަކެއްގެ މައްޗަށެވެ.

އެ ފްރޭމްވޯކްގެ ދަށުން ޔުނިވާސިޓީތައް އިވެލުއޭޓް ކުރާއިރު 27 ޕަސަންޓް ހާއްސަ ކުރެވިފައި ވަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭ ދިރާސާތައް ޔުނިވާސިޓީ ތަކުން ހެދުން ވަޒަންކުރުމަށެވެ.

ވިލާ ކޮލެޖުން މި އަހަރުގެ ރޭންކިންގްސްއަށް، މުހިންމު ފަސް އެސްޑީޖީ ކެޓެގަރީއެއްގެ ދަށުން ޑޭޓާ ހުށަހެޅިއިރު، ވަޒަންކުރެވުނު ހުރިހާ އެސްޑީޖީތަކުން ވެސް ވަނީ ދުނިޔޭގެ އެވްރެޖަށްވުރެ މަތީ ސްކޯތަކެއް ހޯދާފަ އެވެ.

އެސްޑީޖީ 4: ކޮލިޓީ އެޑިޔުކޭޝަން (ފެންވަރު ރަނގަޅު ތައުލީމު)

ފެންވަރު ރަނގަޅު ތަޢުލީމުގެ ކެޓެގަރީގައި ވިލާ ކޮލެޖް ވަނީ ދުނިޔޭގެ 1,975 ޔުނިވާސިޓީގެ ތެރެއިން 101-200 އާއި ދެމެދުގެ ބޭންޑް ގައި ރޭންކްކުރެވިފަ އެވެ. އަދި 73.9 ގެ ސްކޯއަކާއެކު، ވިލާ ކޮލެޖް ވަނީ އެންމެން ޝާމިލުވާ، ފެންވަރު ރަނގަޅު ތަޢުލީމަށް މަސައްކަތްކުރުމުގައި ދުނިޔޭގެ ޔުނިވަސިޓީތަކުގެ އެންމެ މަތީ 10 ޕަސެންޓްގެ ތެރޭގައި ހިމެނިފަ އެވެ.

އެސްޑީޖީ 5: ޖެންޑާ އީކުއަލިޓީ

ޖެންޑާ އީކުއަލިޓީން ވިލާ ކޮލެޖް ވަނީ ދުނިޔޭގެ 1,559 މުއައްސަސާގެ ތެރެއިން ގަދަ 201-300 ގެ ބޭންޑްގައި ރޭންކްކުރެވިފަ އެވެ. ދުނިޔޭގެ އެވްރެޖް ކަމަށްވާ 44.7 އަށް ވުރެ މަތިން، 62.1 ގެ ސްކޯއަކާއެކު، ވިލާ ކޮލެޖް ވަނީ މި ކެޓެގަރީން ދުނިޔޭގެ ޔުނިވަރސިޓީތަކުގެ އެންމެ މަތީ 20 ޕަސެންޓްގެ ތެރޭގައި ހިމެނިފަ އެވެ.

އެސްޑީޖީ 16: ޕީސް ޖަސޓިސް އެންޑް ސްޓްރޯން އިންސްޓިޓިއުޝަންސް

މި ދާއިރާއިން ވިލާ ކޮލެޖް ވަނީ ދުނިޔޭގެ 1,265 މުއައްސަސާގެ ތެރެއިން ގަދަ 201-300 ގެ ބޭންޑް ގައި ރޭންކްކުރެވިފައެވެ. 64.9 ގެ ސްކޯއަކާއެކު، މި ކާމިޔާބީއާއިއެކު ވިލާ ކޮލެޖް ވަނީ މި ކެޓެގަރީން ދުނިޔޭގެ ޔުނިވަރސިޓީތަކުގެ އެންމެ މަތީ 25 ޕަސެންޓް ގެ ތެރޭގައި ހިމެނިފައެވެ.

އެސްޑީޖީ 17: ޕާޓްނާޝިޕް ފޯ ގޯލްސް

ޕާޓްނާޝިޕް ފޯ ގޯލްސް އިން 86.5 ގެ ސްކޯއަކާއެކު ވިލާ ކޮލެޖް ވަނީ ދުނިޔޭގެ 2,389 މުއައްސަސާގެ ތެރެއިން ގަދަ 201-300 ބޭންޑް ގައި ރޭންކްކުރެވިފަ އެވެ. އެ ދާއިރާގައި ވިލާ ކޮލެޖު ހިމެނިފައިވަނީ ދުނިޔޭގެ ޔުނިވާސިޓީތަކުގެ އެންމެ މަތީ 15 ޕަސެންޓް ގެ ތެރޭގަ އެވެ.

ވިލާ ކޮލެޖަށް ލިބުނު ކާމިޔާބަކީ އެ ކޮލެޖުގެ ތައުލީމީ ފެންވަރާއި، ދިރާސާ ކުރުމަށް ދެވޭ އަހަމިއްޔަތުކަމާއި އަދި ބައިނަލްއަގްވާމީ ފެންވަރުގައި ކޮލެޖު ކުރިއަރަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް އެ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖްގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބް ވިދާޅުވީ އެތައް އެސްޑީޖީއަކުން ހޯދާފައިވާ ރަނގަޅު ނަތީޖާއިން، ދައްކުވައިދެނީ ފެންވަރު ރަނގަޅު މަތީ ތައުލީމު ދިނުމަށް އެ ކޮލެޖުން ގެންގުޅޭ ޝާމިލު ވިސްނުމާއި އިސްކަން ދޭ މިންވަރު ކަމަށެވެ.

މި ކާމިޔާބީއަކީ ހަމައެކަނި ވިލާ ކޮލެޖަށް ލިބުނު ކާމިޔާބީއެއް ނޫންކަން ފާހަގަކުރައްވާ ވިލާ ކޮލެޖްގެ ރެކްޓަރ، ޑރ. އަޙުމަދު އަންވަރު ވިދާޅުވީ ވިލާ ކޮލެޖަށް ލިބުނު ކާމިޔާބަކީ ގައުމަށް ވެސް ލިބުނު ކާމިޔާބެއް ކަމަށެވެ.

"ޓީއެޗްއީ އިމްޕެކްޓް ރޭންކިންގްސްގައި ރޭންކް ކުރެވުމަކީ ހަމައެކަނި ވިލާ ކޮލެޖް އެއް ނޫން، މުޅި ގައުމަށްވެސް ލިބުނު ފަހުރުވެރި ރީތި ނަމެއް. މިފަދަ ޝަރަފެއް ހޯދި ރާއްޖޭގެ ފުރަތަމަ މުއައްސަސާއަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖުން ކަށަވަރުކޮށްދެނީ، ވިލާ ކޮލެޖަކީ ދަރިވަރުންނަށް، ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލައި، މުޖުތަމައަށް ފައިދާހުރި ގޮތެއްގައި ހިއްސާވުމަށް ބޭނުންވާ އިލްމާއި، ހުނަރާއި، ވިސްނުން ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި އަބަދުވެސް ދެމި ތިބޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.