Advertisement

ސަލްމާން މިސްކިތް ކުރިމަތީގައި ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފަށައިފި

19 ޖޫން 2025 - 13:14 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭގެ ބޮޑުތަކުރުފާނު މަގު: އެ މަގުގައި ޕާކުކުރާ އުޅަނދުތައް ވެސް ޓޯކުރަން ފަށައިފި ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ސަލްމާން މިސްކިތް ކުރިމަތީގައި ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފަށައިފި

19 ޖޫން 2025 - 13:14 0

އާންމު ދަތުރުފަތުރަށާއި އާންމުންނަށް އުނދަގޫ ވާނެހެން ސަލްމާން މިސްކިތް ކައިރީގައި ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ ހިދުމަތުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލި ގޯޅިއާ ހަމައަށް ހިތިގަސްމަގު ކަންމައްޗާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާ އުޅަނދުތައް މިއަދުން ފެށިގެން ޓޯކުރަމުންދާނެ ކަމަށެވެ. މިގޮތަށް ޕާކުކުރާ އުޅަނދުތައް އަނބުރާ ލިބޭނީ 48 ގަޑިއިރު ފަހުން ކަމަށް ފުލުހުން ބުންޏެވެ.

މިއީ ހެންވޭރު ކޮޅުން ބޮޑުތަކުރުފާނު މަގުގައި ގިނަ އަދަދެއްގެ ޓޭކް އަވޭ އައުޓްލެޓްތަކެއް ހުންނަ ސަރަހައްދެކެވެ. އެ ސަރަހައްދުގެ ކުރިމަތީ، ސަލްމާން މިސްކިތުގެ ދެ ފަރާތުގައި ބޮޑު ދެ ޕާކިން ޒޯން އޮތް ނަމަވެސް އެ ތަންތަން ބޭނުންކުރުމުގެ ބަދަލުގައި ގިނަ މީހުން ޕާކުކުރަނީ މަގު މަތީގަ އެވެ.

މިދިޔަ ހަފުތާގައި ފުލުހުން ވަނީ ހަމަ މިގޮތަށް މަޖީދީ މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފަށާފަ އެވެ. މަޖީދީ މަގު 2022 ގައި މަރާމާތު ކުރުމަށްފަހު އެ މަގުގެ ދެ ފަޅީގައި ޕާކް ކުރުން މަނާކުރި އެވެ. ފުރަތަމަ ކޮޅު އެގޮތަށް އަމަލުކުރި ނަމަވެސް މަޖީދީ މަގުގައި ޕާކް ކުރުން ވެސް މިހާރު ވަނީ ހައްދުން ނެއްޓިފަ އެވެ.

މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރަން މި ސަރުކާރުން ޕާކިން އިމާރާތްތަކަކާއި ޒޯނުތަކެއް އަޅާނެ ކަމަށް މީގެ ކުރިން ބުނި ނަމަވެސް މިހާތަނަށް އެފަދަ މަޝްރޫއެއް ފަށާފައެއް ނުވެ އެވެ.

ޕާކިން ޒޯނުތަކުގައި ޕާކްކުރުމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.