18 ޖޫން 2025 - 23:19 1
އަހުމަދު އާއިދު
މީގެ ތިން އަހަރުކުރިން ބޭއްވި އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ރައީސް ނަޝީދާއެކު ފައްޔާޒު އަދި ކުރީގެ ރައީސް ސޯލިހު --- ފޮޓޯ: އަދަދު
18 ޖޫން 2025 - 23:19 1
އެމްޑީޕީގެ ރޫހު ހުރީ އިހުލާސްތެރިކަމާއެކު ހިތް ހަލާސްކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް މަރުހަބާ ކިޔުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވިތާ ދެ އަހަރު ފަހުން، އެ މަނިކުފާނު ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީން އިއްޔެ ނިންމީ އެ ޕާޓި އުވާލައި މެންބަރުން އެމްޑީޕީއާ ގުޅުމަށެވެ.
މިކަމާ ގުޅިގެން މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމަށްފަހު އަދަދު އާ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ނަޝީދު އަދި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމުމަކީ މުހިންމު ކަމެއް ކަމަށެވެ.
"]ގައުމީ މަޖިލީހުގެ މެންބަރުންގެ] ރޫހު ހުރީ އަޅުގަނޑުމެން ހަމަ އިހުލާސްތެރިކަމާއެކު ހިތް ހަލާސްކޮށް މަރުހަބާ އެބޭފުޅުންނަށް ދަންނަވަން. ވަރަށް އުފާކުރަން އެބޭފުޅުން އަޅުގަނޑުމެންނާ ގުޅެން ނިންމެވި ނިންމެވުމާމެދު،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުން ހައްލުނުކުރެވުމާއި ރިޔާސީ ޕްރައިމަރީން ވި ބަލި ގަބޫލު ނުކުރައްވައި ނަޝީދާއި ބައެއް ސަޕޯޓަރުން އެމްޑީޕީން ވަކިވެގެން ދިޔުންވީ ގެއްލުމެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ނަމަވެސް އެބޭފުޅުން އެނބުރި ވަޑައިގަތުމަކީ ކުރިމަގު ބިނާކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންނާ އެއްކޮށް ދިވެހިރާއްޖެ އަލުން އަނބުރާ ރަނގަޅު މިސްރާބަކަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެންނާ ގުޅެންތިބި ހަމަ ހުރިހާ އެންމެންނާ އެއްކޮށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ފައްޔާޒު ވިދާޅުވި އެވެ.
ނަޝީދާއި ޑިމޮކްރެޓުންނަށް މަރުހަބާ ކިޔުމަށް ހާއްސަ ކަމެއް ރާވަމުން ގެންދޭތޯ ސުވާލުކުރުމުން ފައްޔާޒު ވިދާޅުވީ އެކަން ނިންމާނީ އެބޭފުޅުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ނަޝީދު އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އީވާ އަބްދުالله ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައި ވާއިރު އެ ބޭފުޅުންނާއެކު ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ ބައެއް އެހެން ބޭފުޅުން ވެސް އެމްޑީޕީއާ ގުޅިވަޑައިގަންނަން ނިންމަވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ނަޝީދު އާއި އީވާގެ އިތުރުން ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމާފައި މިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓުގެ ވާދަވެރިކަން އެމްޑީޕީ ތެރޭގައި ބޮޑުވެފައި ވަނިކޮށެވެ.
Comment