18 ޖޫން 2025 - 21:26 2
އަހުމަދު އާއިދު
ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަނީ: ގުރައިދޫގައި ތަރައްގީކުރަނީ ޑޮމެސްޓިކް އެއާޕޯޓެއް --- ފޮޓޯ: އެމްޓީސީސީ
18 ޖޫން 2025 - 21:26 2
ތ. ގުރައިދޫގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނި، އެމްޓީސީސީން ފަށައިފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އެއާޕޯޓު އެޅުމަށް ގުރައިދޫގެ ފަޅުން ހިއްކަނީ 13.8 ހެކްޓަރުގެ ބިމެވެ. މި މަޝްރޫއަށް ޖުމްލަ 106 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެމްޓީސީސީން ބުނީ ގުރައިދޫ އަކީ އެ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރިކުރަން ޒިޔާރަތްކުރާ ރަށެއް ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތް ވެސް ތަރައްގީ ވަމުން އަންނަ ރަށެއް ކަމަށެވެ.
އެއާޕޯޓަކީ އެ ރަށުގެ ރައްޔިތުންގެ ދުވަސްވީ ހުވަފެނެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ. އެހެންކަމުން އެއާޕޯޓު ތަރައްގީ ކުރެވުގެން ދިއުމަކީ ތ. އަތޮޅަށާއި ގުރައިދޫއަށް އިގުތިސޯދީ ގޮތުން ބޮޑު ގިނަ ފައިދާތަކެއް ކުރާނެ މަޝްރޫއަކަށް ވެގެންދާނެ ކަމަށް ދެކޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރީ ސަރުކާރަށް އަހަރެއް ފުރުމާ ދިމާކޮށް ނޮވެމްބަރު 16، 2024 ގަ އެވެ.
ގުރައިދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެއާޕޯޓުގެ މަސައްކަތް މިދިޔަ އަހަރުގެ ބަޖެޓުގައި ނެތް ނަމަވެސް އެ މަސައްކަތް ނިމިދިޔަ އަހަރު ފަށާނެ ކަމަށް އެމަނިކުފާނު އޮތީ ވައުދުވެވަޑައިގެންފަ އެވެ. އެ ވައުދު ނުފުއްދި މަސައްކަތް ފެށިފައި މިވަނީ މި އަހަރު ވެސް ދެބައިވި ފަހުންނެވެ.
Comment